Roadha Mihaaru
ކެމިސްޓްރީން އޭ ސްޓާ ހޯދި 10 އަހަރުގެ ތަރި

ކެމިސްޓްރީން އޭ ސްޓާ ހޯދި 10 އަހަރުގެ ތަރި

21 އޯގަސްޓް 2021

އެންމެ 10 އަހަރުގެ ރަޔާން ރިޔާޒް އަބުދުލް ވާހިދުގެ މަންމަ އޭނާގެ ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލުމުން އެނގުނީ، މި މޮޅު ދަރިވަރުގެ ހިތާއި ސިކުނޑި ވަނީ ސައިންސުގެ ދުނިޔެއެއްގައި ކަމެވެ. ރަޔާންގެ މި ސައިންސުގެ ދުނިޔެއިން، އޭނާ ހާއްސަ ލޯތްބެއް ދީފައި ވަނީ ކެމިސްޓްރީއަށެވެ. އޭގެ ނަތިޖާއަކަށްވީ، އެހާ ހަގު އުމުރެއްގައި އޯލެވެލްގެ ކެމިސްޓްރީ އިމްތިހާނުގައި ބައިވެރިވެ، އޭ ސްޓާއެއް ލިބުމެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެންމެ 10 އަހަރުގެ ރަޔާން ރިޔާޒް އަބުދުލް ވާހިދުގެ މަންމަ އޭނާގެ ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލުމުން އެނގުނީ، މި މޮޅު ދަރިވަރުގެ ހިތާއި ސިކުނޑި ވަނީ ސައިންސުގެ ދުނިޔެއެއްގައި ކަމެވެ. ރަޔާންގެ މި ސައިންސުގެ ދުނިޔެއިން، އޭނާ ހާއްސަ ލޯތްބެއް ދީފައި ވަނީ ކެމިސްޓްރީއަށެވެ. އޭގެ ނަތިޖާއަކަށްވީ، އެހާ ހަގު އުމުރެއްގައި އޯލެވެލްގެ ކެމިސްޓްރީ އިމްތިހާނުގައި ބައިވެރިވެ، އޭ ސްޓާއެއް ލިބުމެވެ.

މިއީ ސައިންސްވެރިޔަކަށް ވުމުގެ އުއްމީދުގައި ހުރި، ތަފާތު ކުއްޖަކު ދެއްކި، މޮޅު ނަތީޖާއެއްގެ ވާހަކަ އެވެ؛

ހާއްސަ އެހީތެރިކަން ބޭނުންވާ ކުއްޖެއް ކަމަށްވާ ރަޔާން، ކެމިސްޓްރީ އަށް ބޮޑަށް ޝައުގުވެރިވީ އޭނާ އުޅެ ބޮޑުވި މާހައުލުގެ ތެރެއިންނެވެ. އޭނާގެ މަންމަ އައިޝަތު ޔުމްނާ އަކީ ކެމިސްޓްރީ ޓީޗަރަކަށް ވުމުން، ގޭގައި ވަރަށް ގިނައިން އެ މާއްދާއާ ގުޅުންހުރި ފޮތްތައް ހުރެ އެވެ. ރަޔާން މި ފޮތްތައް ކިޔަ އެވެ. ފޮތް ކިޔުމަކީ ރަޔަން އޭނާގެ އާންމު ދުވަހެއްގައި އެންމެ ގިނައިން ކުރާ ވެސް އެއް ކަންތަކެވެ.

ރަޔަން ފޮތް ކިޔަނީ.

ރަޔަން ފޮތް ކިޔަނީ.

"ރަޔާން ޝައުގުވެރިކަން ހުންނާތީވެ، ކޮންމެވެސް ވަރަކަށް ކެމިސްޓްރީގެ އެއްޗެހި އަޅުގަނޑު ވެސް ކިޔަވައިދީ ހަދަން،" ހުރަވީ ސްކޫލުގައި ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާ އަދާކުރާ ޔުމްނާ ބުންޏެވެ.

ރަޔާން އެންމެ ފުރަތަމަ ކިޔެވީ އޭނާގެ އުފަން ރަށް ހއ. އިހަވަންދޫގެ ސްކޫލުގައި ގްރޭޑް 2 އާ ހަމައަށެވެ. ފަހުން މާލެ ބަދަލުވެ، އެންމެ ފުރަތަމަ ކިޔެވީ އިމާދުއްދީން ސްކޫލުގަ އެވެ. އަދި މި އަހަރު ކުރީކޮޅު، ގްރޭޑް ހަތަރެއްގެ ފަހު ޓާމުގައި ހުޅުމާލޭ ހުރަވީ ސްކޫލަށް ބަދަލުވި އެވެ. މިހާރު ގްރޭޑް ފަހެއްގައި ކިޔަވަމުން އަންނަ ރަޔާން، ކެމިސްޓްރީގެ އޯލެވެލް އިމްތިހާނު ވެސް ހެދީ އެ ސްކޫލްގައި އަމިއްލަ ގޮތުންނެވެ.

ލިބޭ ހުސް ވަގުތުތަކުގައި ފޮތް ކިޔުމުގެ އިތުރުން އޭނާ އެންމެ ގިނައިން ކުރާ ކަމަކީ އިންޓަނެޓް ސާޗުކޮށްގެން މައުލޫމާތު ހޯދައި، އުނގެނުމެވެ.

"މުޅިން ވެސް ހަމަ ކެމިސްޓްރީއާ ގުޅުން ހުންނަ އެއްޗެހި ބަލާނީ. އެ އެެއްޗެހި ބަލައިގެން އަމިއްލަ އަށް ޕްރެޒެންޓޭޝަން ހަދައި، އަމިއްލަ އަށް ވޯޑް ޑޮކިއުމެންޓުތަކުގައި ލިޔެ ހަދާނެ،" ޔުމްނާ ބުންޏެވެ.

ފުލުހުން ދިން ދައުވަތަކަށް ރަޔާން މަންމަ އާއި ބައްޕައާ އެކު ފުލުހުންގެ ފޮރެންސިކް ލެބުގައި.-- ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ދިން ދައުވަތަކަށް ރަޔާން މަންމަ އާއި ބައްޕައާ އެކު ފުލުހުންގެ ފޮރެންސިކް ލެބުގައި.-- ފޮޓޯ: ޕޮލިސް މީޑިއާ

ކޮވިޑާ އެކު އައި ދިގު ލޮކްޑައުން ވީ ރަޔާނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ފޮތް ކިޔަން އޭނާ އަށް ކުރިއަށް ވުރެ މާ ބޮޑަށް ވަގުތު ލިބުނެވެ. އޯލެވެލްގައި ދަރިފުޅު ބައިވެރިކުރަން ޔުމްނާ ނިންމީ ވެސް ލޮކްޑައުންގެ ތެރޭގަ އެވެ.

ރަޔާނަކީ ކެމިސްޓްރީގެ މައުލޫމާތު ވަރަށް މުއްސަނދި ކުއްޖެކެވެ. އެހެންވެ، ރަޔާނަށް އެނގެނީ ކިހާ ވަރަކަށްތޯ ބަލަން އޯލެވެލްގެ ޕާސްޓް ޕޭޕަރެއް އޭނާ ލައްވާ ޔުމްނާ ހެއްދުވި އެވެ.

"އޭގެން ވަރަށް ރަނގަޅަށް ސްކޯ ކުރި. އެއަށް ބަލައިފައި އަޅުގަނޑަށް އެނގިއްޖެ ފާސްވާނެކަން އަދި އެންމެ ރަނގަޅު ނަތީޖާ ނުލިބުނަސް. އެހެންވެ ބައިވެރިކުރުވަން ނިންމީ،" ޔުމްނާ ބުންޏެވެ.

ކެމިސްޓްރީގެ އެލެމެންޓްސްތައް ފެބްރިކް މާކަރު ބޭނުންކޮށްގެން ރަޔާން އޭނާގެ ޓީޝާޓުގައި ލިޔެފައި.

ކެމިސްޓްރީގެ އެލެމެންޓްސްތައް ފެބްރިކް މާކަރު ބޭނުންކޮށްގެން ރަޔާން އޭނާގެ ޓީޝާޓުގައި ލިޔެފައި.

"ރަޔާން އަމިއްލަ އަށް އޭނާ ބޭނުންވާ އެއްޗެހި ދަސްކުރީ ވެސް، އަޅުގަނޑު ހަމައެކަނި އިމްތިހާނަށް ތައްޔާރުކޮށްދިނީ،" އޭނާ ބުންޏެވެ.

އެ ނަތީޖާ ރަނގަޅުވުމުން، ފެބްރުއަރީ މަހުން ފެށިގެން އެންމެ ތިން މަސް ދުވަހުގެ ތެރޭގައި، މިދިޔަ މެއި މަހު އޮތް އޯލެވެލް އިމްތިހާނުގެ ކެމިސްޓްރީގެ ޕޭޕަރުތަކަށް ރަޔާން ތައްޔާރުކުރުވި އެވެ. އަދި އެ އިމްތިިހާނުން ރަޔާނަށް ލިބުނީ ޔުމްނާ ހީކުރި ވަރަށް ވުރެ ވެސް މާ ފުރިހަމަ ނަތީޖާއެކެވެ.

ދަރިފުޅު ލައްވާ މި އިމްތިހާނު ހަދުވަން ޔުމްނާ ނިންމި އިތުރު ސަބަބެއް ވެސް ކިޔައިދިނެވެ.

"އޯޓިސްޓިކް ކުއްޖެއް ވީމަ، އެ ކުދިންގެ އެ ހުންނަ ތަފާތުތަކާއި ކޮންސެންޓްރޭޝަންގެ ތަފާތުތަކާއި ޓެސްޓުގައި ރީތިކޮށް މަޑުން އިނުމާއި މި ކަހަލަ ކަންކަމަކީ އެހާ ފަސޭހަ ކަމަކަށް ނުވޭ. އެހެންވެ، އަޅުގަނޑު ބޭނުންވީ އެގްޒާމް ހޯލަކަށް، އެތަނުގެ ރޫލްސް އަށް ރަޔާން ކުރީ ބައިގައި ހާނުވަން،" ޔުމްނާ ބުންޏެވެ.

މާ "ސިވިއާ އޯޓިސްޓިކް" ކުއްޖަކަށް ނުވިޔަސް، އާންމުކޮށް އެފަދަ ކުއްޖަކަށް ވާ އުނދަގޫތައް ރަޔާނަށް ވެސް ވެ އެވެ. ގިނަ ވަގުތު އެއް ތަނެއްގައި އިނުމާއި އަތުގެ ހަރަކާތްތައް ގެންގުޅުމުގައި ކުދި އުނދަގޫތައް ހުރެ އެވެ. އެކަމަކު ޔުމްނާ ބުނީ، ރަޔާންގެ އަތުގެ ކޯޑިނޭޝަންގެ ކަންކަމުގައި އޯޓިޒަމް އެސޯސިއޭޝަންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުމުން، އިމްތިހާނު ފެށުނުއިރު ވަރަށް ފަސޭހަވި ކަމަށެވެ.

"އަޅުގަނޑު ރަޔާނަށް ކިޔަވައިދިން ކަމުގައި ވިޔަސް، ރަޔާންގެ އެހެން ހުރިހާ ކަމެއް އެންމެ ގާތުން ބަލާނީ އޭނަގެ ބައްޕަ،" ޔުމްނާ ބުންޏެވެ.

ރަޔާނަކީ ތަފާތު ކުއްޖަކަށް ވުމުން، އޭނާ ކުރިން އުޅުނު މާހައުލުގެ ތެރެއިން ވަރަށް ގިނަ ގޮންޖެހުންތަކާ އެ ދެމަފިރިންނާ ކުރިމަތިލާން ވެސް ޖެހުނެވެ. ޔުމްނާގެ ދެމަފިރިން އާއިލާ ގޮވައިގެން މާލެ އަށް ބަދަލުވީ ވެސް، ރަށުގައި ވަރަށް އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ.

ރަޔާން ކެމިސްޓްރީގެ ކޮމްޕައުޑްސްތައް ކުރަހަނީ.

ރަޔާން ކެމިސްޓްރީގެ ކޮމްޕައުޑްސްތައް ކުރަހަނީ.

"މުޖުތަމައުން އެ ކުދިންނާ އަޅާލައި އޯގާތެރިވެ، ބާކީކޮށް ނުލައި، އެ ކުދިން ހުރި ހުނަރެއް ކުރިއަރުވަން މަސައްކަތްކޮށްދީފި ނަމަ، މިފަދަ ނަތީޖާ ކިތަންމެ ކުއްޖެއް ހޯދާނެ،" ޔުމްނާ ބުންޏެވެ.

ރަޔާން ސައިންސްވެރިއަކަށް ވާން ބޭނުންވާ ކަމާއި ކެމިސްޓްރީ އަށް އޭނާ ވަރަށް ލޯބިކުރާ ކަން އެނގުމުން، ފުލުހުންގެ ފޮރެންސިކް ލެބުމުން ވެސް ވަނީ އޭނާ އަށް ހާއްސަ ދައުވަތެއް ދީފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު، ފުލުހުންގެ ލެބަށް ގޮސް އެތަނުގައި ކަންކަން ކުރާ ގޮތް ބަލައި، ފޮރެންސިކް އެކްސްޕާޓުންނާ އެކީ ވަގުތު ކޮޅެއް ހޭދަކޮށްލަން ރަޔާނަށް ފުރުސަތު ދިނެވެ.