Roadha Mihaaru
"ބޯޑަރުތައް ބަންދުކޮށްފައިވާތީ ސެޓްފިކެޓު އަދި ނުލިބޭ"

ބޯޑަރުތައް ބަންދުކޮށްފައިވާތީ އޯ ލެވެލް/އޭ ލެވެލް ސެޓްފިކެޓެއް ނުލިބޭ: އެޑިއުކޭޝން މިނިސްޓްރީ

21 މެއި 2020

އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނުގެ ސެޓްފިކެޓް ދޫނުކުރެވި ލަސްވަނީ ކޮވިޑް-19 އާ ގުޅިގެން ބޭރުގެ އެކި ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ހުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނުގެ ސެޓްފިކެޓް ދޫނުކުރެވި ލަސްވަނީ ކޮވިޑް-19 އާ ގުޅިގެން ބޭރުގެ އެކި ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ހުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޯ ލެވެލް އާއި އޭ ލެވެލް ހެދި ދަރިވަރުންނަށް ސެޓްފިކެޓް ނުލިބި ލަސްވާ ކަމުގެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ދެ އިމްތިހާނުގެ ސެޓްފިކެޓްތަކަކީ ޔުނިވާސިޓީތަކުން ޕްރިންޓުކޮށް، ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށެވެ. ސެޓްފިކެޓުތައް ޕްރިންޓު ކުރަނީ ރީ-ޗެކިން މަރުހަލާ ނިންމައި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މަރުހަލާ ނިންމައި، ސެޓްފިކެޓުތައް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސި ވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް، ގައުމުތައް ލޮކްޑައުންކޮށްފައި ހުރުމުން ވެސް ސެޓްފިކެޓުތައް ގެނައުމުގައި ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސެޓްފިކެޓުތައް އެކި ގައުމުތަކަށް ފޮނުވަނީ ވަރަށް ހައި ސެކިއުރިޓީގަ އެވެ.

"ސެޓްފިކެޓުތައް ނުލިބި ލަސްވަނީ އިމްތިހާނުތައް ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓުތައް ފޮނުވުމުގައި ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުން ކަމުގައި ދަންނަވަމެވެ. އަދި ސެޓްފިކެޓުތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސާނެ ވާހަކަ ވެސް ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.

އާއްމު އުސޫލެއްގެ ގޮތުން، ފެބްރުއަރީ މަހުގެ ފަހުކޮޅު ހިސާބުގައި ކެމްބްރިޖް އިމްތިހާނުގެ ނަތީޖާ ލިބެ އެވެ. ނަމަވެސް މިިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހެދި އެޑެކްސެލް އިމްތިހާނުގެ ސެޓްފިކެޓް ސްރީ ލަންކާ އަށް ވެސް ލިބުނީ މިދިޔަ ހަފުތާގައި ކަމަށް ވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެ ނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވޭނެ އެވެ. އެ ނަތީޖާ ކަށަވަރުކުރަން އިތުރު ލިޔުމެއް ބޭނުންވާ ނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އަށް [email protected] އަށް މެއިލަކުން އެދެވޭނެ އެވެ.