Roadha Mihaaru
އޯލެވެލް ހަދާ ދަރިވަރުންނަށް ހައްލުހޯދަން މަޝްވަރާކުރަނީ

އޯލެވެލް ހަދާ ދަރިވަރުންގެ ދަތިތަކަށް ހައްލު ހޯދަން ކެމްބްރިޖާ އެކު މަޝްވަރާކުރަނީ

01 އެޕްރީލް 2020

މި އަހަރު އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ ދަތިތަކަށް ހައްލު ހޯދައިދޭން، ކެމްބްރިޖް ޔުނިވާސިޓީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރު އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ ދަތިތަކަށް ހައްލު ހޯދައިދޭން، ކެމްބްރިޖް ޔުނިވާސިޓީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.

ޑީޕީއީ ހިންގެވުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައި ހުރުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ކަމަށެވެ. އޭގެ ތެރެއިން ވެސް މި އަހަރު ފައިނަލް އިމްތިހާނު ހަދާ ދަރިވަރުންނަށް އޭގެ އަސަރު ބޮޑުވާނެ އެވެ.

ކެމްބްރިޖް ޔުނިވާސިޓީން ވަނީ އެ ތަނުގެ މެއި އަދި ޖޫން މަހުގެ އިމްތިހާނުތަކާއި އެޑެކްސެލްގެ މެއި އަދި ޖޫން މަހުގެ އޭ ލެވެލް އިމްތިހާނު ފަސްކޮށްފަ އެވެ. ނަމަވެސް ސްކޫލުތައް ނުހުޅުވި ދިގުލައިގެން ހިނގައްޖެ ނަމަ އޯ ލެވެލް އިމްތިހާނު ފަސްކުރަން ޖެހޭނެ ކަމަށް، ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އިހުސާން "މިހާރު" އަށް ވިދާޅުވީ އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ދިމާވާނެ ދަތިތަކަށް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި، ބީޓެކް އިމްތިހާނު ދޭ އެޑެކްސެލް ވެސް ހިމެނެ އެވެ.

"ދަތިތަކުން އެޅިދާނެ ފިޔަވަޅުތަކާ އެކު މިހާރު މި މަޝްވަރާކުރަނީ. އެކަމާ ގުޅޭގޮތުން އަދި އެއްވެސް ކަމެއް ނުނިންމާ،" އިހުސާން ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ދެ ހަފުތާ އަށް އޮފީސްތައް ބަންދުކޮށް ސްކޫލުތަކާއި ކޮލެޖު/ޔުނިވާސިޓީތައް ވެސް ބަންދުކުރަން ނިންމައިފަ އެވެ. ނަމަވެސް ހާލަތަށް ބަލައި އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

އިހުސާން ވިދާޅުވިގޮތުގައި ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމުގައި އަދިވެސް ދަތިތަކެއް އެބަހުއްޓެވެ. އެއީ ހުރިހާ ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދިނުމުގައި މައްސަލަތަކެއް އުޅޭތީ އެވެ. ނަމަވެސް ދިރާގާއި އުރީދޫން ވަނީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފަ އެވެ.