Roadha Mihaaru
ގިނަ ދަރިން ބޭނުންވިޔަސް އެ ނަސީބެއް ނެތް: ކިޑްމަން

ގިނަ ދަރިން ބޭނުންވިޔަސް އެ ނަސީބެއް ނުލިބުނު: ކިޑްމަން

22 އޯގަސްޓް 2021

ހަޔާތުގައި އަބަދު ވެސް އެންމެ ދެރަވާނެ ކަމަކީ ގިނަ ދަރިން ނެތުން ކަމަށާއި ބަލިވެ އިނދެ ބައިގެން ދިއުމުން ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ނިކޯލް ކިޑްމަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަޔާތުގައި އަބަދު ވެސް އެންމެ ދެރަވާނެ ކަމަކީ ގިނަ ދަރިން ނެތުން ކަމަށާއި ބަލިވެ އިނދެ ބައިގެން ދިއުމުން ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ނިކޯލް ކިޑްމަން ބުނެފި އެވެ.

މިއުޒިޝަން ކީތު އާބަންއާ ކައިވެނިކޮށް އެ ކައިވެންޏަށް މިހާރު ދެ ދަރިން ތިބި، ކިޑްމަން އާއި ކުރީގެ ފިރިމީހާ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ ވެސް ދެ ކުދިން ތިބެ އެވެ. ކްރޫޒާއި ކިޑްމަންގެ ކުދިންނަކީ އެޑޮޕްޓްކޮށްފައިވާ އީޒަބެލް ޖޭން ކްރޫޒް، 28، އާއި ކޮނާ ކްރޫޒް، 26، އެވެ.

ކީތު އާއި ކިޑްމަންގެ ދަރިންނަކީ ސަންޑޭ ރޯޒް ކިޑްމަން އާބަން، 13، އާއި ފެއިތު މާގްރެޓް ކިޑްމަން އާބަން، 10، އެވެ. މި ދެ ކުދިންގެ ތެރެއިން ފެއިތަކީ ސަރޮގޭޓްކޮށްގެން ހޯދި ދަރިއެކެވެ.

ހޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ، އޮސްޓްރޭލިއާ އަށް އުފަން 54 އަހަރުގެ ކިޑްމަން މޭރީ ކްލެއާ މަޖައްލާގެ އޮސްޓްރޭލިއާ އެޑިޝަންގެ ސިލްވަ ޖުބިލީ އަދަދަށް ދިން އިންޓަވިއުއެއްގައި ބުނީ ގިނަ ދަރިން ތިބި ނަމައޭ އަބަދު ވެސް ހިތަށް އަރާ ކަމަށެވެ.

"ގިނަ ދަރިން ނެތުމަކީ އަބަދު ވެސް އަހަރެން ރިގްރެޓްކުރާނެ ކަމެއް،" 2003 ގެ "ދި އަވާޒް" އިން މޮޅު ބަތަލާގެ އޮސްކާ ހޯދި ކިޑްމަން ބުންޏެވެ. "އަހަރެން އަސްލު ބޭނުންވި އެންމެ މަދުވެގެން ވެސް ދިހަ ދަރިން. އެކަމަކު ދަރިން ލިބުމަކީ މީހާގެ އަމިއްލަ އިހުތިޔާރެއްގައި އޮންނަ ކަމެއް ނޫން."

އޭނާ ކިޔައިދިން ގޮތުގައި ކްރޫޒް ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ދެ ފަހަރަކަށް ބަލިވެއިނދެ އެ ދެ ފަހަރު ވެސް ބައިގެން ދިއުމަކީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. އޭނާގެ ހަތަރު ކުދިން ތިބި ނަމަވެސް ބަލިވެއިނދެ އަމިއްލަ ބަނޑުން ވިހާފައި ވަނީ ކީތުގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު ރޯޒް އެވެ.

ކިޑްމަން ބުނި ގޮތުގައި ބަލިވެއިނދެ ބައިގެންދިއުމަކީ ވަރަށް ބޮޑު ފުން ހިތާމައަކާ ވޭނެއް ލިބުނު ކަމެކެވެ. އަދި އެކަމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަމަށް ވެސް ބުންޏެވެ.

ކިޑްމަން ބުނީ ކޮންމެ މީހަކު ވެސް އަމިއްލަ ދަރިން ބޭނުން ވާނެ ކަމަށާއި އެހެންވެ ހަޔާތުގެ އެންމެ ޒުވާން ދުވަސްވަރު ގިނަ ދަރިންނާ އެކު، ބޮޑު އާއިލާއަކަށް ވަރަށް ބޮޑަށް އުންމީދުކުރެވުނު ކަމަށެވެ.

"މަޔަކަށްވުމަކީ އަހަރެން ވަރަށް އުފާވާ ކަމެއް. ދަރިންނާއި އާއިލާއާ އެކި ވަގުތު ހޭދަކުރުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް. އެއީ ހަގީގަތުގައި ވެސް ބުނެދޭން ވެސް ނޭނގޭ ކަހަލަ އިހުސާސްތަކެއް،" އޭނާ ބުންޏެވެ. "އެކަމަކު އަހަރެންގެ ހަޔާތަށް މިންވަރުކުރި ގޮތަށް ޝުކުރުކުރަން. އާއިލާއާ މެދު އަހަރެން ހިތްހަމަޖެހޭ."

ކިޑްމަން އާއި މިހާރުގެ ފިރިމީހާ ކީތު ކައިވެނިކުރީ 2006 ގަ އެވެ. އޭނާ އާއި ކްރޫޒް 1990 ގައި ކުރި ކައިވެނި ރޫޅުނީ 2001 ގަ އެވެ.