Roadha Mihaaru
ބޮމެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި

ބޮމެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި

21 އޯގަސްޓް 2021

ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގެ ކައިރީގައި ހުރެފައި ބޮމެއް އޮތް ކަމަށް ބުނެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގެ ކައިރީގައި ހުރެފައި ބޮމެއް އޮތް ކަމަށް ބުނެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

މުލީއާގެ ކައިރިން ދަމުން، އަތުގައި އޮތް ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނި މައްސަލައިގައި ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހު 9 ގަ އެވެ. ނަމަވެސް އޭގެ ތެރެއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ބޮން އޮތް ކަމަށް ބުނި މީހާގެ އެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ނިންމުމާ ގުޅިގެން މިދިޔަަ ހަފްތާގެ ބުދަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި، ބިރު ދެއްކުމާއި، ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ބޮމެއް އޮތް ކަމަށް ބުނީ ސެކިއުރިޓީއަށް ހުރި ސިފައިންގެ މީހަކު ބަލަން ފެށުމުން އެ މީހާއާ ދިމާލަށެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. އަދި އެކަން ހިނގީ އެ ދެ މީހުން ރީހެބުން ގެއަށް ދިޔަ މަގުމަތީގައި އެވެ.

ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ވެސް އޭނާ ވަނީ "ސިފައިންނާ ދިމާލަށް އެއްޗެއް ބުނެވުނު" ކަމާއި އޭނާ ހުރީ މަސްތުވާތަކެތިން ސަލާމަތް ވުމަށް ކާ ބޭހެއް ބޭނުންކޮށްގެން ކަމަށް ބުނެފަ އެވެ. އަދި އެއީ "މަސްތުވާ" ޒާތުގެ ބޭހެއް ކަމަށް އޭނާ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާ އަށް ފަހު މުލިއާގޭ ސަރަހައްދުގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އެތަނުގެ ބޭރުގައި މިހާރު ސިފައިން ހަތިޔާރާއެކު ފޯރިމަރަ އެވެ.