Roadha Mihaaru
އެކުވެރިންނާ އެކު އިއްލެ ގައުމީ ހެޑް ކޯޗު ކަމަށް

އެކުވެރިންނާ އެކު އިއްލެ ގައުމީ ހެޑް ކޯޗު ކަމަށް

23 އޯގަސްޓް 2021

ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ކަމަށް، ޓީރެކްސްގެ ކުރީގެ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ކަމަށް، ޓީރެކްސްގެ ކުރީގެ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގައި އިއްލެގެ އެސިިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނީ، އޭނާއާ އެކު ކުރިން ކުޅުނު މުހައްމަދު ޒިލާލް (ޒިލާ)، އަލީ ފަޒްލީ (އޮލިމްޕިކް) އަދި މުހައްމަދު ނަސީރު (މޮއްޑެ) އެވެ. އޭގެ ތެރެއިން ޒިލާ އާއި އޮލިމްޕިކް އަކީ މިހާރު އޮތް އެންމެ ބޮޑު ދެ ކްލަބު ކަމަށް ކިންގްސް ބާސްކެޓްބޯޅަ ކްލަބު އަދި ޓީރެކްސް ބާސްކެޓްބޯޅަ ކަލްބުގެ ކޯޗުންނެވެ.

އެމްބީއޭގެ ރައީސް އަހްމަދު އާދަމް (އެޑަމް) ވިދާޅުުވި ގޮތުގއި މި ކޯޗިން ޓީމަކީ، ދިވެހި ބާސްކެޓްގައި ކުޅުންތެރިންތަކެއްގެ ގޮތުގައި ތަޖުރިބާ ކުރަން ޖެހުނު ހުރިހާ ކަމެއް ތަޖުރިބާކުރި ކުޅުންތެރިންތަކެއް ތަކެކެވެ.

"މި ކުދިން ކުޅުނު އިރު ތަޖުރިބާ ނުކުރާ ކަމެއް ދިވެހި ބާސްކެޓްގައި ހީނުވޭ އެެހެން ބަޔަކު ކުރާނެ ހެނެއް،" އާދަމް ވިދާޅުވި އެވެ. "ގައުމީ ޓީމެއް މެނޭޖު ކުރަން ރާއްޖޭގެ ބާސްކެޓުން ލިބޭނެ އެންމެ ރަނގަޅު މީހުން އަޅުގަނޑުމެން މިތިބީ ގެނެސްފައި."

މޮއްޑެ، އިއްލެ، ޒިލާ އަދި އޮލިމްޕިކް

މޮއްޑެ، އިއްލެ، ޒިލާ އަދި އޮލިމްޕިކް

އިއްލެ މި މަހު ވަނީ އޭނާ ކޯ ފައުންޑަރެއްގެ ގޮތުގައި ހުރެގެން އުފެއްދި ޓީރެކްސް، 12 އަހަރު ފަހުން ދޫކޮށްލައިފަ އެވެ. ގައުމީ ހެޑް ކޯޗަށް އެއްވެސް ކްލަބެއްގައި މަސައްކަތް ނުކުރެވޭނެ އެވެ. ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު އިއްލެ ވަނީ ޒިލާ އަދި އޮލިމްޕިކްއާ އެކު ގައުމީ ޓީމަށާއި ކްލަބަށް ވެސް އެކުގައި ކުޅެފަ އެވެ. މޮއްޑެ ވަނީ އިއްލެއާ އެކު ޒުވާން ގައުމީ ޓީމަށް އެކުގައި ކުޅެފަ އެވެ.

ރާއްޖެ އަށް އެންމެ އަވަހަށް އޮތް މުބާރާތަކީ އަންނަ އޮކްޓޯބަރު މަހު ފަހުކޮޅުގައި ބާއްވަން ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕެވެ. އިއްލެ އާއި އޭނާގެ ކޯޗިން ޓީމަށް ފުރަތަމަ މުބާރާތް ލައްވާލީ ރާއްޖޭގެ ކުޅިވަރުގައި ކުރިމަތިވި އެންމެ އުނދަގޫ ދުވަސްވަރުގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އަހަރަކަށް ވުރެ ގިނަ ދުވަހު ކުޅިވަރުގެ ހުރިހާ ބޮޑެތި ހަރަކާތްތަކެއް މެދުކަނޑާލަން ޖެހުމުން ކުރިމަތިވި އުނދަގޫ ހާލަތުގެ ތެރެއިންނެވެ. އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް ފަހު ސީނިއާ ބައެއް ކުޅުންތެރިން ވަނީ ކުޅުން ހުއްޓާލައިފަ އެވެ. ސައުތު އޭޝިއަން ގޭމްސް އަށް ފަހު ކުޅުން ހުއްޓާލި ކުޅުންތެރިންގެ ތެރޭގައި ޒިލާ އާއި އޮލިމްޕިކް ވެސް ހިމެނެ އެވެ.

އިއްލެ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކުޅުންތެރިންގެ މަގާމުތައް ފޫބައްދަން އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"އެ މަގާމުތަކަށް ފީޑް ކުރަން ހުނަރުވެރި ކުޅުންތެރިން އެބަތިބި. އެހެންނަމަވެސް އެ ކުޅުންތެރިން ލެކު ވަނީ ތަޖުރިބާ. މުބާރާތުގައި އެ މަގާމުތައް ފޫބައްދަން އުނދަގޫ ވެދާނެ،" ކޯޗެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ މުބާރާތެއް ޓީރެކްސް އަށް ހޯދައިދިން އިއްލެ ބުންޏެވެ. "އެހެންނަމަވެސް އަރަން ތިބަ ކުޅުންތެރިންނަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި އެ މަގާމުތައް ފިލު ކުރެވޭނެ ފެންވަރުގެ ކުޅުންތެރިން އެބަތިބި."

އެޑަމް ވިދާޅުވީ ސާބާ ޗެމްޕިއަންޝިޕަށް ފަހު ބޭރުގެ އެކްސްޕާޓެއް ގެނެސް ރާއްޖޭގެ ޓީމު އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަ ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެސޯސިއޭޝަނުން ކުރިން ވެސް ބޭރުގެ އެކްސްޕާޓުން ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެމެރިކާގެ ގައުމީ ބާސްކެޓް ބޯޅަ ލީގު އެންބީއޭގެ ތަޖްރިބާ ހުރި މީހަކު ގެނެސްފައި ވާނެ ކަން އޭނާ ފާހަގަ ކުރިި އެވެ.

"ބޭރުގެ އެކްސްޕާޓެއް ގެނެސް މެޗުތައްކެއް ކުޅުވީމަ އޭނާ ފާހަގަ ކުރާނެ އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން. އެކަންކަން ފާހަގަ ކުރީމަ އެކަންކަމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެގޮތަށް ބޭރުގެ އެކްސްޕާޓުންގެ އެހީގައި ޓީމުގެ ފެންވަރު މަތި ކުރުމަށް ސިސްޓަމެއްގެ ތެރެއިން މަސައްކަތް ކުރާނީ،" އާދަމް ވިދާޅުވި އެވެ.

އިއްލެ ބުނީ، ނޭޕާލް، ބަންގްލަދޭޝް، ބޫޓާން އަދި ޝުރީ ލަންކާ އަކީ މީގެ ކުރިން ރާއްޖެއިން ބަލިކޮށްފައިވާ ޓީމުތައް ކަމަށެވެ. އޭނާ ބުނީ އެ ޓީމުތަކަކީ ދެން ވެސް ރާއްޖެ އަށް ބަލި ކުރެވިދާނެ ޓީމުތަކެއް ކަމަށެވެ. އޭގެ ތެރެއިން ބަންގްލަދޭޝްގައި ލޮކުޑައުން ތެރޭގައި ވެސް އެ ގައުމުގެ ގައުމީ ލީގު ކުރިއަށް ގެންދިޔަ ކަން ފާހަގަ ކުރި އެވެ. އެހެންނަމަވެސް މިދިޔަ އެއް އަހަރު ތެރޭ ރާއްޖޭގައި ބާސްކެޓްގެ އެއްވެސް މުބާރާތެއް ބޭއްވުމުގެ ފުރުސަތެއް ނެތެވެ.

ކްލަބުތައް ޕްރެކްޓިސް ފެށުމުން އެމްބީއޭއިން މި މަހު ވަނީ ވީކެންޑް ލީގެއް ފަށައިފަ އެވެ. ކޮންމެ ވީކެންޑެއްގައި މެޗުތައް ކުޅޭ ގޮތަށް ފަށާފައިވާ އެމްބީއޭ ވީކެންޑް ލީގު މދިޔަ ދެ ހަފުތާގައި ވެސް ވަނީ ކުޅެފަ އެވެ.