Roadha Mihaaru

އަފްޣާނިސްތާނަށް އުފަން ބޮލީވުޑްގެ ބަތަލާގެ ހުސް ޝަކުވާ

ހަނގުރަމާތަކާއި ބޮޑެތި ހަމަޖެހުންތަކާއި އަންހެނުންނަށް އޮތް ބިރުވެރިކަމާ ހެދި، އުފަން ގައުމު އަފްގާނިސްތާން ދޫކޮށް ބީރައްޓެހި ގައުމުތަކުގައި އުޅެން ޖެހުމަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށް ބޮލީވުޑްގެ ބަތަލާ ވަރީނާ ހުސައިން ބުނެފި އެވެ.

އަފްޣާނިސްތާނަށް އުފަން ބޮލީވުޑްގެ ބަތަލާގެ ހުސް ޝަކުވާ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

24 އޯގަސްޓް 2021

ހަނގުރަމާތަކާއި ބޮޑެތި ހަމަޖެހުންތަކާއި އަންހެނުންނަށް އޮތް ބިރުވެރިކަމާ ހެދި، އުފަން ގައުމު އަފްގާނިސްތާން ދޫކޮށް ބީރައްޓެހި ގައުމުތަކުގައި އުޅެން ޖެހުމަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށް ބޮލީވުޑްގެ ބަތަލާ ވަރީނާ ހުސައިން ބުނެފި އެވެ.

ސަލްމާން ޚާން ޕްރޮޑިއުސްކުރި ފިލްމު "ލަވްޔާތުރީ" އިން 2018 ގައި ފިލްމީ ދާއިރާ އަށް ނުކުތް 22 އަހަރުގެ ބަތަލާ ބުނީ އަފްގާނިސްތާން މިހާރު އޮތް ހާލަތުގެ ސަބަބުން ވެސް ކައިރި މުސްތަގުބަލެއްގައި އެ ގައުމަށް ހަމަޖެހުމެއް އަންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. އެހެންވެ ގައުމުގެ ރައްޔިތުންނަށް ޖެހިފައިވާ ހާލާ މެދު ވަރަށް ކަންބޮޑުވާ ކަމަށް ބުންޏެވެ.

މީގެ 20 އަހަރު ކުރިން އާއިލާ އެކު އަފްގާނިސްތާން ދޫކޮށް އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށް އެތަނުގައި ބޮޑުވި ބަތަލާ ބުނީ އުފަން ގައުމު ނޫން ތަނެއްގައި އުޅުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"އަހަރެންގެ އާއިލާ އަށް ވެސް ގައުމު ދޫކޮށް ދާން ޖެހުނީ ފުރާނައިގެ ރައްކަލަށްޓަކައި އެ ނޫން ގޮތެއް ނެތިގެން. މަޖުބޫރުވެގެން އެއް ތަނުން އަނެއް ތަނަށް ދިރިއުޅުން ބަދަލުކުރަން ޖެހުމުން އަހަރެމެން ކަހަލަ ރެފިއުޖީންނަށް ދުވަހަކު ވެސް ހަމަޖެހޭ ދިރިއުޅުޅުމެއް ނުލިބޭ،" މިހާރު އާންމުކޮށް އިންޑިއާގައި އުޅޭ ވަރީނާ ބުންޏެވެ.

ކާބުލް އަށް އުފަން ވަރީނާ ބުނި ގޮތުގައި ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްގާނިސްތާން ގޮސް، އެ ބިރުވެރިކަމާ ހެދި އަނެއްކާ ވެސް ގައުމު ދޫކޮށް އެތައް ބަޔަކު ދާތަން ފެނުމަކީ ހިތަށް ވަރަށް އުނދަގޫކުރާ ކަމެކެވެ. އަދި ކަންކަން ހިނގާ ގޮތުން މިއީ އެ ގައުމުގެ ރައްޔިތުންނަށް ނިމުމެއް ނެތް ހަނގުރާމައެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ބުންޏެވެ.

"އަމިއްލަ ވަޒަނަށް ވުރެ ބޮޑަށް އެއްވެސް މީހަކު އެހެން ތަނެއް ދެކެ ލޯތްބެއް ނުވާނެ. އެކަމަކު އަހަރެމެންނަކަށް ނެތް ގައުމުގައި ދިރިއުޅެވޭކަށް. ވަންނާނެ ހިޔާވައްސެއް ހޯދަން އެއްތަނުން އަނެއް ތަނަށް ދާން މަޖުބޫރުވެފައި އަހަރެމެންނަށް މިއޮތީ،" އޭނާ ބުންޏެވެ. "އެކަމަކު މިކަމަށް ނިމުމަށް އައިސް އަފްގާންގެ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ދުވަހަކަށް ދުއާ ވެސް ކުރަން."

ވަރީނާ ބުނީ އޭނާގެ އުންމީދަކީ އަފްގާނަށް ޖެހިފައިވާ ހާލަތަށް އދ އިން ސުލްހަވެރި ހައްލެއް ވީހާ ވެސް އަވަހަކަށް ހޯދައި ދިނުން ކަމަށެވެ.

ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާއާ އެކު ކުޅުނު "ލަވްޔާތުރީ" އަށް ފަހު ވަރީނާ ފެނިފައި ވަނީ ސަލްމާންގެ 2019 ހެ ފިލްމު "ދަބަންގް 3" ގެ ލަވައަކުންނެވެ. ފަހުން އޭނާ އެއްވެސް ފިލްމަކަށް ސޮއިނުކުރި ނަމަވެސް ވަރިނާ އަކީ އެކިއެކި ޓީވީ އިޝްތިހާރުތަކުން ފެންނަ މޫނެކެވެ.