Roadha Mihaaru

މީނާކްޝީ 27 އަހަރު ފަހުން އަލުން އެކްޓިން އަށް

ބޮލީވުޑްގެ ކުރީގެ ބަތަލާ މީނާކްޝީ ސެޝާދްރީ އަލުން އެކްޓީން އަށް ނުކުންނަން ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.

މީނާކްޝީ 27 އަހަރު ފަހުން އަލުން އެކްޓިން އަށް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

24 ޖޫން 2021

ބޮލީވުޑްގެ ކުރީގެ ބަތަލާ މީނާކްޝީ ސެޝާދްރީ އަލުން އެކްޓީން އަށް ނުކުންނަން ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.

ހިންދީ ސިނަމާގައި 80 އާއި 90ގެ އަހަރުތަކުގައި ކާމިޔާބު އަދި ރީތި އެތައް ފިލްމެއް ކުޅުނު 57 އަހަރުގެ ބަތަލާ ޓައިމްސް އޮފް އިންޑިއާ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ އޭނާ އަލުން އެކްޓިން އަށް ނުކުންނަން އާއިލާގެ މީހުންނާއި ގާތް ރައްޓެހިން ވެސް އެދޭ ކަމަށެވެ.

އެކަމަކު ކައިވެންޏަށް ފަހު އިންޑިއާ ދޫކޮށް 1995 އިން ފެށިގެން އެމެރިކާގައި އުޅެން ޖެހުމުން ފިލްމީ ދާއިރާއާ އެއްކޮށް ދުރުވެވުނީ ކަމަށް ބުންޏެވެ.

"އެކަމުގައި ނެތް އެއްވެސް ޝަކުވާއެއް. ކައިވެންޏަށް ފަހު ކޮންމެ މީހެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. އަހަރެންގެ ފިރިމީހާ އަކީ ފެށުނީއްސުރެ ވެސް އެމެރިކާގައި އުޅޭ މީހަކަށްވާތީ ކައިވެންޏަށް ފަހު އިންޑިއާ ދޫކޮށްލަން މަޖުބޫރުވީ. އަހަރެން ހިތަށް އަރަނީ ކައިވެންޏަށް ފަހު ވެސް އިންޑިއާގައި އުޅެން ލިބުނު ނަމަ ފިލްމީ ދާއިރާ އިން ނުގެއްލި އަހަރެން އެ އިންޑަސްޓްރީ ތެރޭގައި އަދިވެސް އުޅޭނޭ،" މީނާކްޝީ ބުންޏެވެ.

މީނާކްޝީ.

މީނާކްޝީ.

އޭނާ ބުނީ މިހާރު ދަރިން ވެސް ބޮޑުވެއްޖެ ކަމަށާއި ދޮށީ އަންހެން ދަރިފުޅު ކިޔަވައި ނިމިގެން މިހާރު ވަޒީފާއެއް ވެސް އަދާކުރަން ފަށާފައިވާ ކަމަށެވެ.

"އަދި ހަގު ފިރިހެން ދަރިފުޅު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮލެޖްގައި ކިޔަވަން ފަށާނެ. އެހެންވީމަ މިހާރަކު ދެން ނުޖެހޭ ދަރިން ބަލަން ގޭގައި އިންނާކަށް،" އޭނާ ބުންޏެވެ.

މީނާކްޝީ ބުނި ގޮތުގައި ފިލްމީ ދާއިރާއާ ދުރުގައި ހުއްޓަސް އަދި އެ ދާއިރާއާ ދުރުގައި އުޅޭތާ ތިރީހަކަށް އަހަރު ވިޔަސް، އެކްޓިން އާއި އާޓިސްޓިކް ހުނަރުތަކަށް އޮތް ޝައުގުވެރިކަން ނުގެއްލެ އެވެ.

"އަހަރެން އެންމެ ފަހުން ފިލްމެއްގައި މަސައްކަތްކުރީ މީގެ ހަތާވީސް އަހަރު ކުރިން. އަހަރެން ބޭނުން އަލުން އެކްޓިން އަށް ނުކުންނަން. ހުށަހެޅުންތައް ވެސް އާދޭ. އެކަމަކު ގިނަ ބަޔަލު ހިތަށް އަރާފާނެ ކަންނޭނގޭ މިހާރު އަހަރެންގެ ކިބައިގައި އެކްޓިން ހުނަރު ހުރެދާނެތޯ އާއި ކޮން ކަހަލަ ރޯލުތަކެއްތޯ ކުލެން ބޭނުން ވަނީ." އޭނާ ބުންޏެވެ. "ތެދަށް ބުނަންޏާ އަހަރެން މި ހުންނަނީ އަހަންނަށް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ދެން ހުށަހަޅާނީ ކޮންކޮން ކަހަލަ ރޯލުތަކެއްތޯ ވެސް ވަޒަންކޮށްލަން ނޭނގިފައި. އެކަމަކު އަހަންނަށް ކަމުދާ ކަހަލަ ރޯލްތަކެއް އޮފާކުރާ ނަމަ ގަބޫލުކުރަން ވިސްނައިގެން މިހާރު މި ހުންނަނީ."

އޭނާ ބުނީ މިހާރު ވިސްނުން ހުރީ ހަމައެކަނި ފީޗާ ފިލްމުތަކަށް ނޫން ކަަމަށެވެ.

"މިހާރު ސްޓްރީމިންއާ އެކު ޑިޖިޓަލް ކޮންޓެންޓްތަކުގެ ނުފޫޒު ވެސް ވަރަށް ގަދަ. އެހެންވީމާ އެ ދިމާލުން ވެސް އަހަރެން ހިތްހަމަޖެހޭ ކަލަ ރޯލުތަކެއް ލިބޭ ކަމަށް ވަންޏާ އެއްބަސްވާނަން،" މީނާކްޝީ ބުންޏެވެ.

އުމުރުން 17 އަހަރުގައި މިސް އިންޑިއާގެ މަގާމު ވެސް ހާސިލުކުރި މީނާކްޝީގެ ފުރަތަމަ ފިލްމަކީ 1983ގެ "ޕެއިންޓަރު ބާބޫ" އެވެ. އެކަމަކު އޭނާ ވިދައިލީ އެ އަހަރު ޖެކީ ޝްރޮފްގެ ފުރަތަމަ ފިލްމު "ހީރޯ" އިންނެވެ.

މީނާކްޝީގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "އާންދީ ތޫފާން"، "ދާމިނީ"، "ގަތަކް"، "ދިލްވާލާ"، "މޭރީ ޖަންގް"، "ޝެހެންޝާހް" އަދި "ބީސް ސާލް ބާދު" ފަދަ އެތައް ފިލްމެއް ނޫނެވެ.

މީނާކްޝީ އަކީ އޭނާގެ ރަންޒަމާނުގައި އޭރުގެ އެންމެ މަޝްހޫރު ހުރިހާ އެކްޓަރުންނާ އެކުހެން މަސައްކަތްކޮށްފައިވާ ބަތަލާއެކެކެވެ.