Roadha Mihaaru
ޔާމީންގެ ފިކުރުގެ ވެރިކަމެއް އަންނާނެ: ތޯރިގް

ޔާމީނަށް ކުރިމަތި ނުލެވުނަސް އެ ފިކުރުގެ ވެރިކަމެއް އަންނާނެ: ތޯރިގް

24 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ކުރިމަތި ނުލެއްވުނަސް އެ މަނިކުފާނުގެ ފިކުރުގެ ވެރިކަމެއް އަންނާނެ ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ކުރިމަތި ނުލެއްވުނަސް އެ މަނިކުފާނުގެ ފިކުރުގެ ވެރިކަމެއް އަންނާނެ ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޔާމީން ޖަލަށްލައި ފަހަރަކު ކޯޓަކުން ޝަރީއަތް ކުރަމުން ދަނީ 2023 ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަ ނުކުރެއްވޭ ގޮތް ހެދުމަށް ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާއި އާންމު މެމްބަރުން ކެނޑިނޭޅި މަސައްކަތް ކުރަނީ ޔާމީނަށް ވާދަކުރެވޭ ގޮތް ހެދުމަށް ކަމަށާއި އުންމީދު ކުރަނީ ވެސް ރިޔާސީ ޓިކެޓުގައި އެ މަނިކުފާނުގެ ނަންފުޅު އޮތުމަށް ކަމަށް ޓޮމް ވިދާޅުވި އެވެ. އެކަމަކު، އެ ފުރުސަތު ޔާމީނަށް ގެއްލިއްޖެ ނަމަ ދެން އަންނާނެ ވެރިކަމަކީ ވެސް "ރައީސް ޔާމީންގެ ފިކުރުގެ ވެރިކަމެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުސް އޮފީހަށް ދުވާލަކު ދެ ދަޅަ އަށް ރައީސް ޔާމީން ގެންގޮސްގެން [ރިޔާސި އިންތިހާބަށް] ރައީސް ޔާމީނަށް ނުލެވުނަސް ރައީސް ޔާމީންގެ ފިކުރުގެ ވެރިކަމެއް 2023 ވަނަ އަހަރުގައި އޮންނާނެ،" ޓޮމް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން، މި މަހުގެ ދެ ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކުރި ވަގުތު އެ މަނިކުފާނުގެ ސަޕޯޓަރުން ގެކޮޅު ދޫވެހި ކައިރިއަށް އެއްވެ، ތާއީދު އޮތް ވަރު ދައްކައިލާއިރު، ޔާމީން އެ މީހުންނާ ސަލާމް ކުރައްވަނީ.--- ފޮޓޯ ނިޝާން އަލީ / މިހާރު

ޓޮމް ވިދާޅުވިގޮތުގައި، ޔާމީނަށް "ނުހައްގުން" ހުކުމް ކޮށްގެން އެ މަނިކުފާނު ޖަލުގައި ބެހެއްޓިޔަސް އެމްޑީޕީ އަށް ދެން ވެރިކަމެއް ނުލިބޭނެ އެވެ. ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ތަޅައިފޮޅަމުން" ދާއިރު ރައްޔިތުން ބިކަ ހާލުގައި ތިބެން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ކްރިމިނަލް ކޯޓުން ޖޫރިމަނާކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.

އެ މައްސަލައިގައި އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ހުކުމް ދަމަހައްޓަން އެ ކޯޓުން ނިންމުމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ ކޯޓުގައި ޔާމީންގެ މައްސަލަ ވަނީ އަންނަ މަހުގެ 12 އަދި 13 އަށް ތާވަލުކޮށްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ޔާމީނަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ގޯސް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރިޔަސް އިތުރު ދައުވާތަކެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް ދާތީ 2023 ގެ ރިޔާސީ އިންތިހާބުން އޮތީ ހަނި ފުރުސަތެކެވެ.