Roadha Mihaaru
މަޖުބޫރުން މީހުން ޖަލްސާ އަށް ގެންދިއުން ކުށްވެރިކޮށްފި

މަޖުބޫރުކޮށްގެން ޖަލްސާތަކަށް ގެންދިއުމަކީ ދަށުދަރަޖައިގެ އަމަލެއް: އެމްޑީޕީ

30 ނޮވެމްބަރ 2016

ސިވިލް ސާވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން، ޖަލްސާތަކަށް ގެންދިއުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިވިލް ސާވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން، ޖަލްސާތަކަށް ގެންދިއުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން "ހަބޭސް ތިނެއް" ގެ ނަމުގައި މިދިޔަ ހޯމަ ދުވަހު ކާނިވަލުގައި ބޭއްވި ޖަލްސާއަށް މުވައްޒަފުން ގެންދިޔައީ މަޖުބޫރުކޮށްގެން ކަމަށް އަޑު ފެތުރިފައިވެ އެވެ. އަދި ޖަލްސާގެ ވަކި ހިސާބަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަލްސާ ދޫކޮށް ގޮސްފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާގެ ބިރުދައްކައިގެންނާއި މަޖުބޫރުކޮށްގެން މުވައްޒަފުން ޖަލްސާތަކަށް ގެންދިއުމަކީ މިޒަމާނާ ނުގުޅޭ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އެއީ ރައްޔިތުންގެ ހަގީގީ ތާއީދު ނެތް ސިޔާސީ ބޭފުޅުން ކުރައްވާ ޒާތުގެ އަމަލެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"ރައްޔިތުންގެ ތާއީދާއި ލޯބި ހޯދޭނީ ބިރު ދައްކައިގެން ނުވަތަ މަޖުބޫރުކޮށްގެން ނޫންކަމާއި، އެކަމަކީ ހިތާހިތުގެ ގުޅުމަކުން ހާސިލުވާ އެއްޗެއްކަން ސަރުކާރަށް ހަނދާންކޮށްދެމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް ކޭމްޕޭން ކުރުމަށް މުވައްޒަފުން ޖަލްސާއަށް ދިއުމަށް މަޖުބޫރުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް، އެކަމުގެ ޝަކުވާތައް އެމްޑީޕީއާ ވަނީ ހިއްސާކޮށްފަ އެވެ.

ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަމާއި ހިޔާނާތްވެފައިވާކަން ފަޅާއަރާފައިވާ ސަރުކާރުން ރައްޔިތުންގެ ފައިސާ އާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުމެއް ނެތި ކުރިއަށްގެންދާތީ އެމްޑީޕީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އެއްވެސް މުވައްޒަފަކު މަޖުބޫރީ ހާލަތުގައި ޖަލްސާ އަށް ގޮސްފައި ނުވާނެ ކަމަށާއި އެފަދަ ހާލަތެއްގައި މީހަކު ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަލްސާ ފެށި އިރު ހުރިހާ ގޮނޑިއެއް ފުރުނު ނަމަވެސް ލަސްވި ވަރަކަށް މީހުން ނުކުތީ "ޒަރޫރީ ބޭނުންތައް" ފުރިހަމަކުރަން ބޭނުންވެގެން ކަމަށެވެ.