Roadha Mihaaru
ސިލްސިލާ ޕްރޮމޯޓްކުރަން ގޯވިންދާއެއް ނޫން، މިތުން

ސްޓާ ޕްލަސްގެ އާ ސިލްސިލާ ޕްރޮމޯޓްކުރަން ގޯވިންދާއެއް ނޫން، މިތުން

27 އޯގަސްޓް 2021

ސްޓާ ޕްލަސް އިން އަންނަ މަހު ދައްކަން ފަށާ އާ ސިލްސިލާ "ޗީކޫ ކީ މަންމީ ކީ ދޫރު ކޭ" ޕްރޮމޯޓްކޮށްދިނުމުގެ މަސައްކަތުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު މިތުން ޗަކްބަތީ ބައިވެރިވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން އަންނަ މަހު ދައްކަން ފަށާ އާ ސިލްސިލާ "ޗީކޫ ކީ މަންމީ ކީ ދޫރު ކޭ" ޕްރޮމޯޓްކޮށްދިނުމުގެ މަސައްކަތުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު މިތުން ޗަކްބަތީ ބައިވެރިވާން ފަށައިފި އެވެ.

އޭނާ ހިމަނައިގެން ހެދި ފުރަތަމަ ޕްރޮމޯ ވެސް މިހާރު ވަނީ ދައްކަން ފަށައިފަ އެވެ. އޭގައި ފެންނަނީ ސިލްސިލާގެ މައި އެއް ކެރެކްޓާ ކުޅޭ، ނެށުމަށް ލޯބިކުރާ އަންހެން ކުއްޖާ ޗީކޫއާ އެކު މިތުން އޭނާގެ ހިޓް ލަވަ "އައި އޭމް އަ ޑިސްކޯ ޑާންސާ" އަށް ނަށާ ތަނެވެ.

"ޗީކޫ ކީ މަންމީ ކީ ދޫރު ކޭ" ގެ ޕްރޮމޯޝަނުގައި 71 އަހަރުގެ އެކްޓަރު ބައިވެރިވާން ފަށާފައި ވަނީ އެ ސިލްސިލާގައި މިތުން ނުވަތަ ގޯވިންދާ ބައިވެރިކުރަން ނިންމާފައިވާ ކަމަށް މި ހަފުތާގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

މިތުން އާއި ގޯވިންދާ އަކީ ވެސް ބޮލީވުޑުން އެންމެ ފާހަގަކޮށްލެވުނު ހުނަރުވެރި ނެށުންތެރިންނެވެ. "ޗީކޫ ކީ މަންމީ ކީ ދޫރު ކޭ" އަކީ ވެސް ނެށުމުގެ ޕްލޮޓެއް އޮތް ސިލްސިލާއެކެވެ.

މީގެ މައިގަނޑު އެއް ރޯލު ކުޅެނީ ސޮނީ ޓީވީން މިދިޔަ އަހަރު ނިންމައިލި ސިލްސިލާ "ޕަޓިއާލާ ބޭބްސް" ގެ ބަތަލާ ޕަރިދީ ޝަރުމާ އެވެ.

"ޗީކޫ ކީ މަންމީ ކީ ދޫރު ކޭ" ސްޓާ ޕްލަސް އިން ދައްކަނަ ފަށާނީ އަންނަ މަހުގެ 6 ގަ އެވެ. މީގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހޯމަ ދުވަހަކުން ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 5:30 ގަ އެވެ.