Roadha Mihaaru

އަފްޣާނުގެ ކުރީގެ ޓެކްނޮލީ މިނިސްޓަރު ޖަރުމަނުގައި ޕިއްޒާ ޑެލިވަރީ ކުރަނީ

ބާލިން (އޮގަސްޓް 26) - އަފްޣާނިސްތާނުގެ ކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ސައިދު އަހުމަދު ސާދާތު ޖަރުމަނުގައި ޕިއްޒާ ޑެލިވަރީ ކުރައްވަން އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފި އެވެ.

އަފްޣާނުގެ ކުރީގެ ވަޒީރު ޖާމަނީގައި ޕިއްޒާ ޑެލިވަރީގައި
ހަސަން އާމިރު
ހަސަން އާމިރު

26 އޯގަސްޓް 2021

ބާލިން (އޮގަސްޓް 26) - އަފްޣާނިސްތާނުގެ ކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ސައިދު އަހުމަދު ސާދާތު ޖަރުމަނުގައި ޕިއްޒާ ޑެލިވަރީ ކުރައްވަން އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފި އެވެ.

އަފްޣާނިސްތާނުގެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސާދާތު ޖަރުމަނަށް ވަޑައިގެންނެވީ 2020 ގަ އެވެ. ސާދާތު ވަނީ ކޮމިއުނިކޭޝަން އާއި އިލެކްޓްރޯނިކް އިންޖިނިއަރިން އިން ދެ މާސްޓާސް ޑިގްރީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ހާސިލް ކުރައްވައިފަ އެވެ.

އަފްޣާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރާ ސާދާތު ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ސަރުކާރާ ޚިޔާލު ތަފާތުވެ އިސްތިއުފާ ދެއްވީ 2020 ގަ އެވެ. އެ އަހަރުގެ ޑިސެމްބަރު މަހު ޖަރުމަނަށް ވަޑައިގެން އޭނާ ދިރިއުޅުއްވަނީ ލައިޕްޒިގްގަ އެވެ.

ޖަރުމަނުގައި ސާދާތު ޕިއްޒާ ޑެލިވަރީ ކުރައްވާ ފޮޓޯތައް އަލްޖަޒީރާ އަރަބިއާ އިން ޓްވީޓް ކުރުމާ ގުޅިގެން ސްކައި ނިއުސް އިން ސާދާތާ ގުޅުމުން ވަނީ އެއީ އޭނާކަން ޔަގީންކޮށްދެއްވައިފަ އެވެ. ސްކައި ނިއުސް އިން ބުނި ގޮތުގައި ޖަރުމަނުގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ސާދާތު ފެށީ އޭނާގެ އަތުން ފައިސާ ހުސްވުމުން ކަމަށެވެ.

އެއް ޒަމާނެއްގައި ސެކިއުރިޓީއާ އެކު އުޅުއްވި ބޭފުޅަކު މިހާރު އެ އުޅުއްވަނީ ޕިއްޒާ ޑެލިވަރީގަ އެވެ.

ސާދާތު އަފްޣާނިސްތާނުގައި ވަޒީރުކަން ކުރެއްވި ދުވަސްވަރު.

ސާދާތު އަފްޣާނިސްތާނުގައި ވަޒީރުކަން ކުރެއްވި ދުވަސްވަރު.

ކޮމިއުނިކޭޝަން ދާއިރާގައި 13 ގައުމެއްގެ 20 އަށް ވުރެ ގިނަ ކުންފުނީގައި ސާދާތު ވަނީ 23 އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސައުދީގެ އަރާމްކޯ އަދި ސައުދީ ޓެލެކޮމް ކޮމްޕެނީ ހިމެނެ އެވެ.

އަފްޣާނިސްތާނުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އެޑްވައިޒަރުކަން ސާދާތު ވަނީ 2005 އިން 2013 އަށް ކުރައްވައިފަ އެވެ. ލަންޑަންގެ އަރިއާނާ ޓެލެކޮމްގެ ސީއީއޯކަން އޭނާ ވަނީ 2016 އިން 2017 އަށް ކުރައްވައިފަ އެވެ.

އަފްޣާނިސްތާނުގެ ވެރިކަން މިހާރު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ.