Roadha Mihaaru
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ބަލަން އަންގައިފިި

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލަ ހައި ކޯޓުން ބެލުމަށް ސުޕްރީމް ކޯޓުން އަންގައިފި

27 އޯގަސްޓް 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެ ނުދިން މައްސަލަ ހައި ކޯޓުން ބެލުމަށް ސުޕްރީމް ކޯޓުން އިއްޔެ އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެ ނުދިން މައްސަލަ ހައި ކޯޓުން ބެލުމަށް ސުޕްރީމް ކޯޓުން އިއްޔެ އަންގައިފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް،، އަލީ ވަހީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގެންފައި ނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ މަހު ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މި މަހުގެ ކުރީކޮޅު ނިންމީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނުބެލޭނެ ކަމަށެވެ. ވިސާގެ މުއްދަތު ހަމަވެގެން އިނގިރޭސިވިލާތުގައި އަލީ ވަހީދު މިހާރު ހުންނެވީ ހައްޔަރުކޮށްފަ އެވެ.

ހައި ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމުގައިވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރުތަކަކީ ދައުވާ ލިބޭ މީހާ ހާޒިރު ނުކޮށް ވެސް ކުރިއަށް ގެންދެވޭ ބާވަތުގެ މައްސަލަތަކެއް ކަމަށެވެ. އެހެންވެ، ހައި ކޯޓުގެ ނިންމުން ބާތިލް ކުރުމާ އެކު، ދައުލަތުން 10 ދުވަސް ތެރޭގައި އެ މައްސަލަ އަލުން ހުށަހަޅައިފި ނަމަ އެ މައްސަލަ ހައި ކޯޓުން ބަލަން ޖެހޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެ ނިންމުމުގައިވެ އެވެ.

އެ ނިންމުން ނިންމެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން އެންގިއިރު، އެ ކޯޓަށް ހާޒިރުނުވި މައްސަލައެއްގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ވެސް މި މަހު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެގޮތަށް ހުކުމްކުރީ އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން ފުރުސަތު ދޭން ނިންމި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުމަށް އޭނާ ހާޒިރުވެ ވަޑައިނުގަތުމުންނެވެ.

އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުންނާއި ކަރެކްޝަންސް އިން ކުރިން ބުނެފައިވެ އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރީ އޭނާގެ ވިސާގެ މުއްދަތު ހަމަވުމުންނެވެ. އެކަމަކު ދިވެހި ސަރުކާރަށް އެކަމާބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.