Roadha Mihaaru
އަލީ ވަހީދުގެ ޕާސްޕޯޓް އެއްވެސް އިރަކު ނުހިފަހައްޓާ!

އަލީ ވަހީދުގެ ޕާސްޕޯޓް އެއްވެސް އިރަކު ހިފަހައްޓާފައެއް ނެތް!

13 ސެޕްޓެމްބަރ 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކުރިން ހިފެހެއްޓި ކަމަށް ބުންޏަސް އެއީ އެއްވެސް އިރަކު އޭނާއާ މެދު ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން އެޅި ފިޔަވަޅެއް ނޫން ކަން އެނގިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކުރިން ހިފެހެއްޓި ކަމަށް ބުންޏަސް އެއީ އެއްވެސް އިރަކު އޭނާއާ މެދު ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން އެޅި ފިޔަވަޅެއް ނޫން ކަން އެނގިއްޖެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލިފައި ވަނިކޮށް އަލީ ބޭސްފަރުވާ އަށް މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އިން ބޭރަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިިނަލް ކޯޓުން ބާތިލު ކުރުމުންނެވެ. އޭރު ދައުލަތުން ބުނަމުން ދިޔައީ އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ދޫކުރީ ޑޮކްޓަރުންގެ ލަފައަށް ބިނާކޮށް ކަމަށެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފު ކުރިޔަސް، އޭރު ހައި ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ.

އަލީގެ ޕާސްޕޯޓްގެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުން ހާމަވި ގޮތުގައި ޕާސްޕޯޓް ކުރިން ހިފެހެއްޓި ކަމަށް ދައުލަތުން ބުނަމުން ދިޔަޔަސް، އޭރު ހިފެހެއްޓީ މާ ކުރިން ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެެކެވެ. އޭރު ހިފަހައްޓާފައި އޮތީ ޓޫރިޒަމް މިނިސްޓަރު ކަމުގައި އަލީ ހުންނެވިއިރު، އޭނާ އަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ކަމަށާއި އެކަމަކު އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެ އެވެ. އަދި އަލީ ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް ވާތީ އޭނާ އެއްވެސް އިރަކު ފުރުން މަނާކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

"އަލީ ވަހީދު ދިވެހިރާއްޖެ ދޫކޮށް ދިޔައީ އޭނާ އަށް ދޫކޮށްފައިވާ އޯޑިނަރީ ޕާސްޕޯޓްގަ އެވެ. މި އޯޑިނަރީ ޕާސްޕޯޓަކީ އެއްވެސް އިރެއްގައި ހިފަހައްޓާފައިވާ އަދި ހިފެހެއްޓުމަށް އެދިފައިވާ ޕާސްޕޯޓެއް ވެސް ނޫނެވެ. އެހެންވެ، އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރައިގެން ދިޔައީ ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން ކަމަށް ބުރަވާންޖެހޭ ސަބަބެއް ނެތެވެ،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ދައުލަތުގެ ވެރިންގެ ހައިސިއްޔަތުން ދޫކުރާ ޑިޕްލޮމެޓިކް ޕާސްޕޯޓްތަކަކާއި އާންމުންނަށް ދޫކުރާ އޯޑިނަރީ ޕާސްޕޯޓްތައް އެއް ވަގުތެއްގައި ބޭނުން ކުރުމުގެ ފުރުސަތު ނޯންނައިރު، އަލީގެ ޕާސްޕޯޓް ހިފަހައްޓަން އެދުމުގެ ކުރިން އޭނާ ގެންގުޅުއްވީ ކޮން ޕާސްޕޯޓެއް ކަން ދައުލަތުން ބަލައިފައެއް ނުވެ އެވެ. އަދި ދެވަނަ ފަހަރު އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އެދުނުއިރު ވެސް، އެކަން ދައުލަތުން ނުބަލާ ކަމަށް ހުކުމުގައި ވެ އެވެ.

ހުއްދަ ނުދެނީސް، އަލީ ވަހީދު ފުރައިވަޑައިގަތް

ހުކުމުގައި ބުނީ، އަލީ ފުރައިވަޑައިގަތުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނުމުގެ ކުރިން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާ ކަމަށެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ކަމަށް ވިޔަސް، އޭނާ ބޭރަށް ވަޑައިިގަތީ 9 ވަނަ ދުވަހު ކަމަށް ހުކުމުގައިވެ އެވެ.

"އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލައި، އޭނާ ފުރުން މަނާކޮށް ނެރެފައިވާ އަމުރު 10 ފެބްރުއަރީ 2021 ގައި ކްރިމިނަލް ކޯޓުން ބާތިލް ކުރުމުގެ ކުރިން 9 ފެބްރުއަރީ 2021 ގައި އަލީ ވަހީދު ރާއްޖެ އިން ފުރައިގެން ގޮސްފައިވެ އެވެ،" އިމިގްރޭޝަންގެ ލިޔުންތަކާ ހަވާލާދީ ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އަލީގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނުދޭން ހައި ކޯޓުން އިއްޔެ ނިންމީ ވެސް މާ ކުރިން ކެންސަލް ކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދިފައި އޮތުމުންނެވެ.

އިނގިރޭސި ވިލާތަށް ވަޑައިގަތް ފަހުން އަލީ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުނުވި މައްސަލާގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން އެ ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ. އަލީ މިހާރު ހުންނެވީ ވިސާގެ މައްސަލައެއްގައި އިނގިރޭސި ވިލާތުގައި ހައްޔަރު ކޮށްފަ އެވެ.