Roadha Mihaaru
ވެކްސިން ޖަހަން ބާރުއަޅަން ފުވައްމުލަކުގައި ކެމްޕެއިނެއް

ކޮވިޑް ވެކްސިން ޖެހުމަށް ބާރު އަޅަން ފުވައްމުލަކު ކައުންސިލުން ފައިސާގެ އިނާމާއެކު ކެމްޕެއިނެއް

28 އޯގަސްޓް 2021

ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖެހުމަށް ބާރު އެޅުމަށްޓަކައި ފުވައްމުލަކު ކައުންސިލުން ފައިސާގެ އިނާމާއެކު ކެމްޕެއިނެއް ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖެހުމަށް ބާރު އެޅުމަށްޓަކައި ފުވައްމުލަކު ކައުންސިލުން ފައިސާގެ އިނާމާއެކު ކެމްޕެއިނެއް ފަށައިފި އެވެ.

އެ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީގު މިރޭ ވިދާޅުވީ މިިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ދޭތެރޭގައި ވެކްސިން ޖަހާ މީހުން އޮޓަމެޓިކުން ގުރުއަތަކަށް ދާނެ ކަމަށެވެ. އެ އިން ހޮވޭ ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށް 1،000ރ. އަދި އިތުރު ފަސް މީހަކަށް ރެސްޓޯރެންޓަކުން ހިލޭ ކެއުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފަސް މީހުންނަށް ވެސް އިތުރު އިތުރު މީހަކު ރެސްޓޯރަންޓަށް ގެންދެވޭނެ އެވެ.

އެ އިނާމުތައް ދެނީ ރަށުގެ ހެޔޮއެދޭ ފަރާތްތަކުންނެވެ.

ފުވައްމުލަކުގެ 18 އަހަރުން މަތީގެ އާބާދީގެ 75 ޕަސެންޓު ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ. އެއީ 7،000 އެވެ. ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވަނީ 5،300 މީހުންނެވެ.

"ޝަރުތު ހަމަވާ މީހުންގެ 90 ޕަސެންޓަށް ވެކްސިން ޖެހުމަށް ބާރު އެޅުމަށް ފެށި ކަމެއް މިއީ. އެއްވެސް ޑޯޒެއް ނުޖަހާ ތިބި މީހުންނަށް ކައުންސިލުން ގުޅައިގެން ވެސް ވެކްސިން ޖެހުމަށް އެބަ އެދެން،" އިސްމާއިލް ރަފީގު ވިދާޅުވި އެވެ.

ކޮވިޑްގެ ފެތުރުމުގެ ސަބަބުން އެންމެ ގިނައިން މޮނިޓަރިން އަށް ލި ރަށްތަކުގެ ތެރޭގައި ފުވައްމުލައް ހިމެނެ އެވެ. މޮނިޓަރިންގައި ތިން މަހަށް ވުރެ ގިނަ ދުވަހު ބޭއްވުމަށް ފަހު، އެ ހާލަތުން ރަށް ނެގިތާ މާ ގިނަ ދުވަސްތަކެއް ނުވެ މިދިޔަ ހޮނިހިރު ދުވަހު އަނެއްކާ ވެސް އެ ސިޓީ ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.