Roadha Mihaaru
ވެކްސިން ޖެހުމުން އައްޑޫގައި ދަތުރުފަތުރަށް ލުއިތަކެއް

ވެކްސިން ފުރިހަމަ ކުރުމުން އައްޑޫގައި ދަތުރުފަތުރަށް ލުއިތަކެއް

02 ނޮވެމްބަރ 2021

އައްޑޫގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައި ވާތީ، ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައި ވާތީ، ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދީފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝިނާޒް "މިހާރު" އަށް މިއަދު ވިދާޅުވީ، ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދޫ އާއި ގުޅިފައިވާ ރަށްތަކާ ދެމެދު ފެރީ ދަތުރުތައް ކުރުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ކުރިން އޮތް އުސޫލު އުވާލައި، އިތުރު ލުއިތަކެއް ދޭން އިއްޔެ ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ، ކަނޑުމަގުންނާއި ވައިގެ މަގުން އައްޑު އަށް ދަތުރުކުރިޔަސް، ޕީސީއާރު ޓެސްޓް އަދި ހުއްދަ ހޯދަން ވެސް ދެން ނުޖެހޭނެ ކަމަށެވެ.

"ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އެންމެންނަށް ވެސް މި ލުއިތައް ލިބޭނެ،" ޝިނާޒް ވިދާޅުވި އެވެ.

މި ލުއިތައް ދިން ނަމަވެސް، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ނުވާ ނަމަ މާލެ އިން އައްޑު އަށް ނުވަތަ މޮނިޓަރިންގައި އޮތް ރަށަކުން އައްޑު އަށް ދަތުރުކުރާ މީހުން ކަރަންޓީން ވާކަށް ޖެހޭނެ އެވެ. އެކަމަކު އެއްވެސް ޑޯޒެއް ޖަހާފައި ނެތް މީހަކަށް، އައްޑޫން މާލެ އަށް ދަތުރެއް ނުކުރެވޭނެ އެވެ.

ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީ ކަމަށްވާ އުމުރުން 12 އަހަރުން މަތީގެ 90 ޕަސެންޓް މީހުން، އައްޑޫގައި ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އެ ސިޓީގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުން ދާތީ، މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެކަމަކު މި ލުއިތައް ދިން ނަމަވެސް، މޮނީޓަރިންގެ ހާލަތު އުވާލާފައެއް ނުވެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެ ސިޓީގައި މިވަގުތު 200 އަށް ވުރެ ގިނަ މީހުން އަންނަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. މި ބަލީގައި މިހާތަނަށް އެ ސިޓީން ފަސް މީހަކު މަރުވިއިރު، އޭގެ ތެރެއިން ހަތަރު މީހަކު މަރުވީ މިދިޔަ މަހު އެވެ.