Roadha Mihaaru
އޯޑިއޯތަކާ ގުޅުވައި މަޖިލިސް ހުއްޓުވައިފި

ފަނޑިޔާރުންގެ އޯޑިއޯތަކާ ގުޅުވައި، މަޖިލީހުގެ ޖަލްސާ ހުއްޓުވައިފި

30 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ކްރިމިނަލް ކޯޓްގައި ހިންގި އިރު، ބެންޗްގެ ބައެއް ފަނޑިޔާރުންގެ އޯޑިއޯ ލީކުވި މައްސަަލައިގައި މަޖިލީހުގެ އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުތިޖާޖުކޮށް، އަޑުގަދަ ކުރުމުން ޖަލްސާ މެދުކަނޑާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ކްރިމިނަލް ކޯޓްގައި ހިންގި އިރު، ބެންޗްގެ ބައެއް ފަނޑިޔާރުންގެ އޯޑިއޯ ލީކުވި މައްސަަލައިގައި މަޖިލީހުގެ އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުތިޖާޖުކޮށް، އަޑުގަދަ ކުރުމުން ޖަލްސާ މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވީ ފަނޑިޔާރުންގެ އޯޑިއޯ ލީކްވުމާ ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލައަކަށް ފުރުސަތު ލިބިވަޑައި ނުގަތުމުންނެވެ. އާދަމް ޝަރީފަށް ފުރުސަތު ލިބިވަަޑައިނުގަތީ ކުއްލި މައްސަލަ ހުށަހަޅުއްވަން ދެ މެމްބަރުން ތިއްބެވުމުން ނެގި ގުރުއަތުން އޭނާ ހޮވިވަޑައިނުގަތުމުންނެވެ.

ކުއްލި މައްސަލަ ހުށަހެޅުމުގައި ގުރުއަތަކަށް ދާން ޖެހުނީ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވެސް މިއަދުގެ ޖަލްސާ އަށް އެފަދަ މައްސަލައެއް ހުށަހަޅުއްވަން ބޭނުންވުމުންނެވެ.

ގުރުއަތުން ރާއީ އަށް ފުރުސަތު ލިބިވަޑައިގެން، މަޖިލީހަށް އެ މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވައިލުމާއެކު، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ނިޒާމާ ނުުކުތާއެއް ނަންގަވައިގެން ވިދާޅުވީ، ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންނަށް، އެ ހުކުމް ކުރި އިރު ނުފޫޒު އޮތްކަން ހާމަވުމަކީ ގައުމީ މައްސަަލައެއް ކަމަށެވެ. އެހެންވެ އެ މައްސަލަ މަޖިލީހަށް މިއަދު ދޫކޮށް ނުލެވޭނެ ކަމަށް ވިދާޅުވެ، ޝިޔާމް އަޑުގަދަ ކުރައްވަން ފެށްޓެވި އެވެ.

އޭނާ ވިދާޅުވަމުން ގެންދެވީ ޔާމީނު މިނިވަން ކުރުމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން އަޒުލް ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އިދިކޮޅު މެމްބަރު މަޖިލީހުގެ އިދާރީ މޭޒު ކުރިމައްޗަށް ޖަމާވެ، އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ 10 މިނިޓަށް މެދުކަނޑާލެއްވިކަން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިއުލާން ކުރެއްވި އެވެ.

މަޖިލިސް މިހާރު ކުރިއަށް ގެންދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ނެތި އެވެ.

އެހިސާބުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އަދި މަހިނބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވެސް ތެދުވެ ވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވި އެވެ.

އެ މެމްބަރުން އަޑުމަޑުކުރައްވައި، ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ދެއްވުމަށް ރިޔާސަތުން ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

އަފީފް ވިދާޅުވީ އެ މެމްބަރުން އަޑު އުފުއްލަވަމުން ގެންދެވި މައްސަލަ އަކީ މަޖިލީހުން ބެލޭނެ ކަމެއް ނޫން ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ ޝަރުއީ ދާއިރާގެ ތެރެއިންް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިތަނަކުން ނުނިންމޭނެ އެއްގޮތަކަށް ވެސް ޝަރީއަތުގައި އޮންނަ މައްސަލައެއް. މިއީ ޝަރީއަތް ނިންމާ ތަނެއް ނޫން. ހައިކޯޓަށް ވަޑައިގެންނެވޭނެ، ސުޕްރީމް ކޯޓަށް ވަޑައިގެންނެވޭނެ،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގެ ރިޔާސަތުގެ މޭޒު ކައިރީ ތިއްބަވައިގެން އަޑުގަދަކުރައްވަމުން ގެންދެވި އިރު ނިޒާމާ ބެހޭ މައްސަލަަތައް ނަންގަވައިގެން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ރައްދު ވެސް ދެއްވި އެވެ.

އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މަަސަައްކަތްތައް ކުުރުމަށް ޓަކައި މަޖިލިސް ކުރިއަށް ގެންދެވޭނެ އިންތިޒާމް ރިޔާސަަތުން ހަމަޖައްސަން ޖެހޭ ކަމަށެވެ.

މައްސަލަ ހައްލު ނުވުމުން ރިޔާސަތުން ހަސަން އަފީފު ނިންމެވީ 10 މިނެޓަށް ޖަލްސާ މެދުކަނޑައިލުމަށެވެ.