Roadha Mihaaru
އަލިފުށީގެ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް

އަލިފުށީގެ ބިން ހިއްކުމާއި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

01 ސެޕްޓެމްބަރ 2021

ރ. އަލިފުށީގައި އެއާޕޯޓެއް ހެދުމަށް ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ރ. އަލިފުށީގައި އެއާޕޯޓެއް ހެދުމަށް ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ބައިވެރިވެ ވަޑައިގަތެވެ.

އަލިފުށީގެ ބިންހިއްކުމުގެ މަޝްރޫއުގެ އިތުރުން އެއާޕޯޓެއް އެޅުމަށް ޕްލޭނިން މިނިސްޓްރން އެމްޓީސީސީއާ ހަވާލުކުރީ 451 މިލިޔަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން އަލިފުށީގައި 50.1 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނެނެ އެވެ. އަދި އެއާޕޯޓު ތަރައްގީ ކުރުމަށް ކަނޑައެޅީ 40.5 ހެކްޓަރުގެ ބިމެވެ.

އަލިފުށީ އެއާޕޯޓު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް(މ) އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ އަހުމަދު އަވްޝަން/މިހާރު

އަލިފުށީ އެއާޕޯޓު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް(މ) އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ އަހުމަދު އަވްޝަން/މިހާރު

މި މަޝަރޫއުގެ ދަށުން އެއާޕޯޓު ތަރައްގީ ކުރަނީ 1،200 މީޓަރުގެ ރަންވޭއަކާއެކު އެވެ. އެއާޕޯޓު ހަދަން ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2،871 މީޓަރުގެ ރިވެޓްމެންޓު ޖެހުމާއެކު 480 މީޓަރުގެ ގްރޮއިންއެއް ގާއިމް ކުރާނެ އެވެ.

އެމްޓީސީސީން ބުނީ މި ހަފުތާގެ ތެރޭގައި އީޕީއޭ އިން ސާވޭ ފަށައި އަންނަ މަހު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

އަލިފުށީގެ ބިން ހިއްކައި އެއާޕޯޓުގެ މަސައްކަތް ނިންމަން ޖެހެނީ 750 ދުވަހުންނެވެ.

އަލިފުށީގެ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ އާދަމް އާޒިމެވެ.

މި ސަރުކާރު އައި ފަހުން މިހާތަނަށް ވަނީ ފަސް އެއާޕޯޓެއް ފަސް އަތޮޅެއްގައި ތަރައްގީ ކޮށްފަ އެވެ. އޭގެ ތެރޭގައި ހއ، ހދ، ށ، ނ. އަދި ޅ އަތޮޅު ހިމެނެ އެވެ. އަދި މި އަހަރު ވަނީ ހއ. ހޯރަފުށި އެއާޕޯޓު ތަރައްގީކޮށް ހުޅުވައިފަ އެވެ.