Roadha Mihaaru
"އެއާޕޯޓާއެކު އަލިފުށި އިގުތިސޯދީ ހަބަކަށް ވާނެ"

އެއާޕޯޓާ އެކު އަލިފުށި ސަރަހައްދު އިގްތިސޯދީ ހަަަބަކަށް ވާނެ: ބިގޭ

03 އޯގަސްޓް 2022

ރ. އަލިފުށީގައި އިއްޔެ އަމަލީ މަސައްކަތް ފެށި އެ ރަށުގެ އެއާޕޯޓާ އެކު އެ ސަރަހައްދު ރާއްޖޭގެ އިގުތިސޯދީ ހަބަކަަށް ބަދަލުވެގެން ދާނެ ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ރ. އަލިފުށީގައި އިއްޔެ އަމަލީ މަސައްކަތް ފެށި އެ ރަށުގެ އެއާޕޯޓާ އެކު އެ ސަރަހައްދު ރާއްޖޭގެ އިގުތިސޯދީ ހަބަކަަށް ބަދަލުވެގެން ދާނެ ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

އަލިފުށީގައި ހުންނަވައި، ބިގޭ މިއަދު "މިހާރު" އަށް ވިދާޅުވީ މި ރަށުގައި އެއާޕޯޓެއް އަޅަން މި ފެށުނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށެވެ. އެ ގޮތުން ގިނަ ސިޔާސީ ގޮންޖެހުންތަކެއް އިދިކޮޅުންނާއި ސަރުކާރުގެ ތެރެއިން ވެސް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފުށީ އެއާޕޯޓަކީ ބަޖެޓުން ބޭރުން ކުރި ކަމެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެކަން ކުރީ ސަރުކާރުން އެކި ރަށްރަށުގެ އެއާޕޯޓުތައް އަަޅަން އޮންނަ ކޯޑަކުން ކަމަށް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އަލިފުށީ އެއާޕޯޓުގެ މަސައްކަތުގެ ކުރިން، އެ ތަނުން ވާނެ ފައިދާތައް ދިރާސާ ކުރި ކަމަށާއި އެކަން ކުރަން ނިންމީ ފީސިބަލް ކަމަކަަށް ވާތީ ކަމަށެެވެ. އަދި މިހާރު މާ ބޮޑަށް ވެސް އެކަން ފީސިބަލް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ އަލިފުށީ ކައިރީގައި އޮތް ރަށްފަތީގައި ރިސޯޓު ހަދަން ހަވާލުކޮށްފައިވާ ކަމަށާއި އެ ރަށު ފަޅުތެރޭގައި އޮތް އެއްތިނގިލީގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން ވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

އަލިފުށީގެ ބިންހިއްކުމުގެ މަސައްކަތާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ | އެމްޓީސީސީ

އަލިފުށީގެ ބިންހިއްކުމުގެ މަސައްކަތާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ | އެމްޓީސީސީ

"އަލިފުއްޓަކީ ތިންހާހަަށް ވުރެ ގިނަ މީހުންގެ އާބާދީ އޮތް ރަށަކަށް ވެފައި މިހާރު ވެސް ދަތުރުފަތުރުގެ ދަތިކަން ވަރަށް ބޮޑު. ވަކި ދުވަސްވަރެއް ދަތުރުފަތުރު ނުކުރެވޭ އެބަ އާދޭ. އެ ދުވަސްވަރު ވަރަށް ދަތިހާލުގައި ރައްޔިތުން އުޅެން ޖެހެނީ މީހަކު ބަލިވިޔަސް ރަށުން ބޭރަަށް ގެންދިއުމުގައި. އެހެންވީމަ މިހެން އެކަހެރިކޮށް އޮންނަ ރަށެއްގައި އެއާޕޯޓެއް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް އޮތުމަކީ މުޅި އިގްތިސޯދަށް ވެސް އެކަމުން ފައިދާ ކުރާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

އިގުތިސޯދީ ގޮތުން އެ ސަރަހައްދުގައި ބައިވަރު އިތުރު ކަންތައްތައް ފުރިހަމަ ވެގެން ވިޔަފާރީގެ ގޮތުން ވެސް އާ ކަންތައްތައް ތައާރަފްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭރުން އިގުތިސޯދީ ހަބެއްގެ ގޮތުގައި އެ ސަރަހައްދު ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޒަމާނުއްސުރެ އަލިފުށީގައި މިފްކޯއިން އޮޕަރޭޓް ކުރާ ބޯޓު ޔާޑެއް އޮންނަކަން ފާހަގަކުރައްވަމުން ބިގޭ ވިދާޅުވީ އެ ތަން މިހާރު ދިގު މުއްދަތަކަށް އެހެން ފަރާތަކަށް ދީފައިވާ ކަމަށާއި އުތުރުގެ ގިނަ ބޯޓުފަހަރު އެ ތަނަށް އަންނަ ކަމަށެވެ.

"ހަމަ އެއާއެކު ވަރަށް ޒަމާންވީ ތިރީހަކަށްވުރެ ގިނަ އަހަރުވެއްޖެ ޓިވެޓް ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާ މިހާރުގެ ބީޓީސީ އެނގޭތޯ. އެއީ އެކިއެކި ޑިޕްލޮމާ ފެންވަރަށް ވެސް ކިޔެވުމަށް މަގުފަހިވެެގެން ދިޔަ ތަނެއް. މިހާރު އެ ތަން ވެސް އެ ހުރީ ދަނާލަކާ އެކު އިތުރު ކޯސްްތައް ވެސް ހިންގޭ ގޮތަށް ހެދިގެން އެ ދަނީ."

މީގެ އިތުރުން، ޕޮލިސް ސްޓޭޝަނެއްގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއާޕޯޓާއެކު މި ކަންކަން ފުރިހަމަވެގެން ދިއުމުން އެ ސަރަހައްދަށް ވަރަށް ބޮޑު ފުރިހަމަކަމެއް އަންނާނެ ކަމަށެވެ.

"އިގުތިސޯދީ ގޮތުން އަންނަ ކޮންމެ ކުރިއެރުމަކީ ދަތުރުފަތުރު ގިނަވެގެން ދާނެ ކަމެއް. އިންޑިއާގެ ޓީސީއެލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައި ވެއްޖެ 30 ކޮޓަރީގެ ހޮސްޕިޓަލެއް އަޅަން ވެސް."

އެ ހުރިހާ ކަމެއް ނިމޭއިރު އެ ސަރަހައްދު ތަރައްގީވެ ގައުމުގެ އިގުތިސޯދީ ހަބަކަަށް ބަދަލުވާނެ ކަމަށް ބިގޭ ވިދާޅުވި އެވެ.

އަލިފުށީގެ ބިން ހިއްކުމާއި އެއާޕޯޓުގެ މަޝްރޫގެ އަމަލީ މަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ. އަލިފުށީގެ ބިންހިއްކުމުގެ މަޝްރޫއުގެ އިތުރުން އެއާޕޯޓެއް އެޅުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ 451 މިލިޔަން ރުފިޔާ އަށް ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި މަޝްރޫއުގެ ދަށުން އަލިފުށީގައި 50.1 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނެ އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް ކަނޑައެޅީ 40.5 ހެކްޓަރުގެ ބިމެވެ. މިއީ އެމްޓީސީސީގެ ހަޔާތުގައި ވެސް އެންމެ ބިޔަ މަޝްރޫއެވެ.