Roadha Mihaaru
ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދަން އެމްޓީސީސީ އަށް

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދަން އެމްޓީސީސީ އަށް

01 ސެޕްޓެމްބަރ 2021

މާލޭ ކައިރީގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން، 41 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ކައިރީގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން، 41 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ކުޑަގިރީގެ ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ.

"މިހާރު އަޅުގަނޑުމެން ވަނީ އީއައިއޭ ހެދުމުގެ މަސައްކަތް ފަށައިފައި. އެ މަސައްކަތް ނިމުނުހާ އަވަހަކަށް ބިން ހިއްކަން ފެށޭނެ،" އާޒިމް ވިދާޅުވި އެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ހަފުލާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ހަފުލާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

ޕްލޭނިން މިނިސްޓްރީން ބުނީ އީއައިއޭ ނިމުމުން، މި ޕިކްނިކް އައިލެންޑް ތަރައްގީކުރާ ކޮންސެޕްޓް މީޑިއާ ހިއްސާކުރާނެ ކަމަށެވެ. އަދި އެ މިނިސްޓްރީގެ ވިސްނުން ހުރީ ކުރިން މާލޭ މީހުން ދަތުރު ގޮސް އުޅުނު ކުޑަ ބަނޑޮސް ގޮތަށް އެ ރަށް ތަރައްގީ ކުރުމެވެ. އެކަމަކު މި ރަށް ވާނީ ކުޑަ ބަނޑޮހަށް ވުރެ ދެ ގުނަ ބޮޑު ރަށަކަށެވެ.

ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އާންމުންގެ ހިޔާލު ހޯދަން ވެސް ޕްލޭނިން މިނިސްޓްރީން އިއްޔެ ހުޅުވާލި އެވެ.

މާލެއާ 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅު.

މާލެއާ 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅު.

މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކަން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މި އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑާއި ސޭންޑްބޭންކެއް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ. އެކަމަކު ސޭންޑްބޭންކް ހެދުމުގެ މަސައްކަތް އަދި ހަވާލުކޮށްފައެއް ނުވެ އެވެ.

އެ ދެރަށުގެ ބިން ހިމާޔަތް ކުރުމަށް ގްރޮއިން އާއި ރިވެޓްމަންޓް ވެސް ޖަހާނެ އެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނަގަން ހަމަޖެހިފައި ވަނީ މާލެ އަތޮޅު އެތެރެވަރިންނެވެ. އެއީ މިހާރު ވެސް ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކަށް ވެލި ނަގަމުންދާ ސަަރަހައްދެވެ. އަދި މި ޕްރޮޖެކްޓަށް 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ އެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދޭން ވައުދުވި ކަމެކެވެ. މީގެ ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި، އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ހަމަޖައްސައި އެ ރަށް ތަރައްގީ ކުރާނެ ގޮތާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ވެސް ހުޅުވާލި އެވެ.

އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދެއް ދަތުރު ދިއުމަށް ހާއްސަކުރާ ރަށެއްގެ ގޮތުގައި ބޭނުންކުރަން ކަނޑައަޅައި 2019 ވަނަ އަހަރުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެނބޫދޫ ފަޅުން ހިއްކާފައިވާ 3.3 ހެކްޓަރުގެ ސަރަހައްދެއް ދިވެހިން ދަތުރު ދިއުމަށް ކަނޑައެޅީ ޕިކްނިކް ދިއުމަށް އިތުރު ފަޅެއް ހިއްކުމުގެ ބަދަލުގައި ހިއްކާފައި އޮތް ތަނެއް ބޭނުން ކުރުމުގެ ގޮތުން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ރަށް ބޭނުމެއް ނުކުރެ އެވެ.