Roadha Mihaaru
"ޓޮޕް ގަން: މެވެރިކް" އަންނަ އަހަރަށް ފަސްކޮށްފި

ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" އަންނަ އަހަރަށް ފަސްކޮށްފި

03 ސެޕްޓެމްބަރ 2021

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ރިލިޒްކުރާ ތާރީހު ބަދަލުކުރަމުން އައި ޓޮމް ކްރޫޒްގެ ފިލްމު "ޓޮޕް ގަން: މެވެރިކް" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ރިލިޒްކުރާ ތާރީހު ބަދަލުކުރަމުން އައި ޓޮމް ކްރޫޒްގެ ފިލްމު "ޓޮޕް ގަން: މެވެރިކް" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އެންމެ ފުރަތަމަ ޖުލައި 12، 2019 ގައި ގެނެސްދޭން ނިންމި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ތާވަލުކުރީ މެއި 27، 2022 ގަ އެވެ. އެ ތާރީހަކީ ކުރިން "މިޝަން އިމްޕޮސިބަލް" ސީރީޒްގެ 7 ވަނަ ފިލްމު އެންމެ ފަހުން ތާވަލުކުރި ތާރީހެވެ. "ޓޮޕް ގަން: މެވެރިކް" ރިލީޒްކުރާ ގޮތަށް ފަހުން ހަމަޖައްސާފައި އޮތީ މި އަހަރުގެ ނޮވެމްބަރު މަހުގެ 19 ގަ އެވެ.

ނަމަވެސް ތާރީހަށް މި ގެނައި ބަދަލާ އެކު ކްރޫޒްގެ "މިޝަން އިމްޕޮސިބަލް 7" މިހާރު ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 30، 2022 އަށެވެ.

މިދިޔަ އަހަރުން ފެށިގެން ކްރޫޒްގެ މި ފިލްމުތަކުގެ ތާރީހުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައި ވަނީ ކޮވިޑް-19އާ ހެދި އެވެ. މީޑިއާތަކުން ބުނީ މިހާރު އަންނަ އަހަރަށް "ޓޮޕް ގަން: މެވެރިކް" ފަސްކުރީ އެމެރިކާގައި މިހާރު ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް ވަރަށް ބާރަަށް ފެތުރެމުންދާތީ ކަމަށެވެ.

"ޓޮޕް ގަން: މެވެރިކް" އާއި "މިޝަން އިމްޕޮސިބަލް 7" ގެ އިތުރުން މިދިޔަ އަހަރާއި މި އަހަރު ވެސް ޕެރަމައުންޓް ޕިކްޗާޒް އަށް އެތަނުގެ ފިލްމުތަކުގެ ތާވަލަށް ކޮވިޑާ ހެދި ވަރަށް ބޮޑެތި ބަދަލު ގެންނަން ޖެހިފައިވެ އެވެ. މިކަމާ ހެދި ބޮޑެތި ބައެއް ފިލްމުތައް ސިނަމާތަކުގައި ނޭޅުވި، ސްޓްރީމިން ޕްލެޓްފޯމްތަކުން ވެސް ޕްރީމިއާކޮށްފައިވެ އެވެ

"ޓޮޕް ގަން: މެވެރިކް" އަކީ ކްރޫޒްގެ 1986 ގެ ކާމިޔާބު ފިލްމު "ޓޮޕް ގަން" ގެ ސީކްއެލް އެވެ. ޖޯސެފް ކޮޒިންސްކީ ޑައިރެކްޓްކޮށްފައިވާ އާ ފިލްމުގެ ކާސްޓްގައި މިލެޒް ޓެލާ، ޖެނިފާ ކޮނޮލީ، ޖޮން ހަމް، ގްލެން ޕަވެލް، އެޑް ހެރިސް، ލުވިސް ޕުލްމަން، ވަލް ކިލްމާ އަދި މޮނިކާ ބާބަރޯ ފަދަ ތަރިން ހިމެނެ އެވެ.