Roadha Mihaaru
މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފި

މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ރައީސް އަށް ހުށަހަޅައިފި

02 ސެޕްޓެމްބަރ 2021

މަސައްކަތްތެރިންނާ ގުޅޭ އެކި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ހުށަހަޅައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މަސައްކަތްތެރިންނާ ގުޅޭ އެކި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ހުށަހަޅައިފި އެވެ.

މަސައްކަތްތެރިންނާ ގުޅޭ އެކި ޖަމިއްޔާތައް ތަމްސީލު ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) ގެ އިސް އޮފިޝަލުން އިއްޔެ ރައީސް އޮފީހުގައި ރައީސްއާ ބައްދަލުކޮށް އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކާއި މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތައް ވަނީ ހިއްސާކޮށްފަ އެވެ.

އެމްޓީޔޫސީގެ މެމްބަރުން ވަނީ މަސްވެރިކަމާއި ތައުލީމާއި ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް އަށް ހުށަހަޅުއްވައިފަ އެވެ.

ރައީސްގެ ރިޔާސީ ވައުދު، އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދިނުމަށް އެމްޓީޔޫސީގެ މެމްބަރުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ގާނޫނެއް އޮތުމުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އެ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޓީޔޫސީ މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ރައީސް ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވެ، ވީހާވެސް އަހަވަކަށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާ އެކީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަނީ ވަކިވަކި ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އެމްޓީޔޫސީގެ މެމްބަރުންނަށް ހިއްސާ ކުރައްވައިފަ އެވެ.