Roadha Mihaaru
ރަސްފަރީ ފަރަށް ލިބުނު ގެއްލުން އަދިވެސް ބަލަނީ

ރަސްފަރީ ފަރަށް ލިބުނު ގެއްލުން އަދިވެސް ބަލަނީ

05 ސެޕްޓެމްބަރ 2021

އާގު ބޯޓެއް އެރުމުގެ ސަބަބުން ކ.ރަސްފަރީ ފަރަށް ލިބުނު ގެއްލުންތައް އަދިވެސް ބަލަދަމުން އަންނަ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އާގު ބޯޓެއް އެރުމުގެ ސަބަބުން ކ.ރަސްފަރީ ފަރަށް ލިބުނު ގެއްލުންތައް އަދިވެސް ބަލަދަމުން އަންނަ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، ހިމާޔަތްކޮށްފައިވާ ފަރަށް އެރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަނިކޮށް، ރަސްފަރިއާ 17 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުމަށް ފަހު އޮޔާ ގޮހެވެ.

އީޕީއޭގެ ޑިރެކްޓަރު ރިފްއަތު ނައީމް "މިހާރު" އަށް ވިދާޅުވީ، އަދިވެސް ކުރިއަށް ދަނީ ލިބުނު ގެއްލުންތައް ބެލުމަށް ސާވޭ ކުރުމުގެ މަސައްކަތް ކަމަށެވެ. ކުރާނެ ޖޫރިމަނާއެއް ކަނޑައަޅާނީ ލިބުނު ގެއްލުންތައް ބަލައި ހިސާބުކޮށްގެން ކަމަށް ވިދާޅުވި އެވެ.

ބޯޓު ފަރަށް އެރުމުން ލިބުނު ގެއްލުމާ ގުޅިގެން އީޕީއޭއަށް އެޅެން އޮތީ ދެ ފިޔަވަޅެކެވެ. އެއީ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރުމާއި ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމެވެ.

ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ބަދަލު ހޯދަން ދައުވާކޮށްފި ނަމަ އެއަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ހޯދިދާނެ އެވެ.

އަދިވެސް އެ ބޯޓު އޮތީ ރާއްޖޭގަ އެވެ. އެއިން އިތުރު އެއްޗެއް ބޭރުވެ، ގެއްލުމެއް ވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ވެސް އީޕީއޭއިން އަންގާފައިވާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ. ފަރަށް އެރި އިރު އޭގައި ބޯޓު ދުއްވަން ބޭނުންވާ 1،200 ޓަނުގެ ތެޔޮ ހުއްޓެވެ.

ބޯޓު ރާއްޖެ ދޫކޮށް ދާން ބޭނުން ނަމަ ޖެހޭނީ 100 މިލިއަން ރުފިޔާގެ ސެކިއުރިޓީ ޑިޕޮޒިޓެއް ބަހައްޓާފައި ފުރާށެވެ. ނަމަވެސް، ރިފްއަތު ވިދާޅުވީ، އެފަދަ ހުށަހެޅުމެއް ބޯޓުގެ ވެރިފަރާތުން މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ބޯޓުގެ އިންޖީނު ހުއްޓުނީ 18 ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރެވެ. އަދި އޮޔާ ގެންގޮސް ފަރަށް އެރީ އޭގެ 17 ގަޑިއިރު ފަހުންނެވެ. އެ ހުރިހާ ވަގުތެއް ފާއިތުވި އިރު ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ވެސް ނުކުރެ އެވެ. އަދި ބޯޓުގައި ތިބި 19 ފަޅުވެރިން ނަގިލި ވެސް ނުލައި ބޯޓު ދޫކޮށްލައިގެން ތިބީ އެވެ.

ލަންކާއިން ޓަގްބޯޓެއް ގެނެސްގެން އެ ބޯޓު ފުން ކުރެވުނީ ފަރަށް އެރިތާ 10 ދުވަސް ފަހުން މިދިޔަ މަހު ގަ އެވެ. އީޕީއޭއިން ކުރިން ބުނި ގޮތުގައި އޭރުވެސް ރަސްފަރީ ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. ފަރުގެ ބައިތައް ފުނޑުފުނޑުވެ މުރަކަތަކައް ވެސް ގެއްލުންވެފައިވާ ކަމަށް ބުންޏެވެ.

މީގެ ކުރިން ތިމާވެއްޓަށް ގެއްލުން ދީގެން 100 މިލިއަން ރުފިޔާއިން އެކި ފަރާތްތައް ޖޫރިމަނާކޮށްފައި އެބަ ހުއްޓެވެ. ގަވައިދާ ހިލާފަށް ކ. އަތޮޅު ތުމްބަފަޅު ހިއްކުމުން ވެސް އެ އަދަދުން ޖޫރިމަނާ ކުރި އެވެ.