Roadha Mihaaru
ރަސްފަރި ފަރަށް ލިބުނު ގެއްލުމަށް 893 މިލިއަން!

ރަސްފަރި ފަރަށް ލިބުނު ގެއްލުމަށް 893 މިލިއަން ދައްކަން އަންގައިފި

27 އޮކްޓޯބަރ 2021

ރަސްފަރީ ފަރަށް ބޭރުގެ އާގު ބޯޓެއް އަރައި އެ ފަރަށް ގެއްލުން ލިބުމުން އާގު ބޯޓުގެ ވެރިފަރާތުން 893 މިލިއަން ރުފިޔާ ދައްކަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރަސްފަރީ ފަރަށް ބޭރުގެ އާގު ބޯޓެއް އަރައި އެ ފަރަށް ގެއްލުން ލިބުމުން އާގު ބޯޓުގެ ވެރިފަރާތުން 893 މިލިއަން ރުފިޔާ ދައްކަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާ އަށް ދަތުރުކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، ހިމާޔަތްކޮށްފައިވާ ރަސްފަރީ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއްވި އެވެ. ފަރަށް ލިބުނު ގެއްލުންތައް ބަލަން އީޕީއޭއިން ހެދި ސާވޭއަށް ފަހު މިހާރު ވަނީ ޖޫރިމަނާ ކުރުމަށާއި ބަދަލު ހޯދަން ދައުވާ ކުރުމަށް ނިންމައިފަ އެވެ.

އީޕީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރަސްފަރީއަށް ލިބުނު ގެއްލުމާ ހެދި އެ ބޯޓުގެ ވެރިފަރާތް ޖޫރިމަނާކުރަން ނިންމާފައި ވަނީ 100 މިލިއަން ރުފިޔާއިން ކަމަށެވެ. ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން މިފަދަ މައްސަލަތަކުގައި ކުރެވޭ އެންމެ ބޮޑު ޖޫރިމަނާއަކީ ވެސް 100 މިލިއަން ރުފިޔާ އެވެ.

ޖޫރިމަނާގެ އިތުރުން ފަރަށް ލިބުނު ގެއްލުމާއި ދައުލަތަށް ލިބުނު އެހެނިހެން ގެއްލުމުގެ ހިސާބު އެދި އިރު އަދަދު ވަނީ 893 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.

ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އީޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިހާ ބޮޑު ބަދަލެއް ދައްކަން ޖެހުނީ ފަރަށް ލިބުނު ގެއްލުމުގެ އިތުރުން ބޯޓު ފުންކޮށް އެހެން ތަނަކަށް ގެންދަން ވެސް ހޭދަވި ހަރަދުތަކާ ވެސް ލައިގެންނެވެ.

ރަސްފަރީ ފަރަށް ބޯޓު އުރުނު ސަރަހައްދު --

ރަސްފަރީ ފަރަށް ބޯޓު އުރުނު ސަރަހައްދު --

ދިގުމިނުގައި 623 ފޫޓު ހުންނަ ނެވިއޯ އަމަރީލިސް އާގު ބޯޓު ރަސްފަރީ ފަރަށް އެރީ އިންޖީނު ހުއްޓިގެން އޮޔާ ގެންގޮސް އޮގަސްޓް 19 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުން ޓަގްބޯޓެއް ގެނެސްގެން، އެ އާގު ބޯޓު ފުންކުރެވުނީ 10 ދުވަސް ފަހުންނެވެ.

ފަރަށް އެރި ބޯޓު އަދިވެސް އޮތީ ރާއްޖޭގަ އެވެ. އެ ބޯޓަށް ރާއްޖެ ދޫކޮށް ފުރޭނީ ޖޫރިމަނާއަށްވާ ފައިސާ ދައްކައިގެންނެވެ.