Roadha Mihaaru
ކާބުލްގައި ބޭއްވި އަންހެނުންގެ މުޒާހަރާ ރޫޅާލައިފި

ކާބުލްގައި ބޭއްވި އަންހެނުންގެ މުޒާހަރާ ތާލިބާނުން ރޫޅާލައިފި

05 ސެޕްޓެމްބަރ 2021

ތާލިބާނުންގެ ވެރިކަމުގައި އަންހެނުންގެ ހައްގުތައް ފުރިހަމަ ލިބިދިނުމަށް ގޮވާލައި، ވެރިރަށް ކާބުލްގެ މަގުތަކުގައި އަންހެނުންތަކެއް އިއްޔެ ބޭއްވި މުޒާހަރާ އަށް ތާލިބާނުން ހުރަސް އަޅައި، އެ މުޒާހަރާ ރޫޅާލައިފި އެވެ.

ތާލިބާނުންގެ ވެރިކަމުގައި އަންހެނުންގެ ހައްގުތައް ފުރިހަމަ ލިބިދިނުމަށް ގޮވާލައި، ވެރިރަށް ކާބުލްގެ މަގުތަކުގައި އަންހެނުންތަކެއް އިއްޔެ ބޭއްވި މުޒާހަރާ އަށް ތާލިބާނުން ހުރަސް އަޅައި، އެ މުޒާހަރާ ރޫޅާލައިފި އެވެ.

މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ބުނި ގޮތުގައި އަންހެނުންގެ ހައްގުތަކަށް ގޮވާލައި، މައި މަގުން ރިއާސީ ގަނޑުވަރާ ދިމާއަށް ދަނިކޮށް، ތާލިބާންގެ ހަނގުރާމަވެރިން ވަނީ މަގު ބަންދުކޮށް، މުޒާހަރާގެ ބައިވެރިން ހުއްޓުވައިފަ އެވެ. އެއަށް ފަހު ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ޖަހައި މުޒާހަރާ ރޫޅައިލި އެވެ.

ހުސްވި އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފި ފަހުން، ބޮޑެތި ބައެއް ސަހަރުތަކުގައި އަންހެނުންގެ ހައްގުތަކަށް ގޮވާލައި މުޒާހަރާތައް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މުޒާހަރާތަކުގައި ބައިވެރިވަނީ މަދު އަދަދެއްގެ އަންހެނުންނެވެ.

މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ދަނީ، ސަރުކާރުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމަށް އަމިއްލަ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ ހައްގު ދިނުމަށެވެ. އަދި ތާލިބާނުން އަލަށް އެކުލަވައިލާ ސަރުކާރުގެ އިސް މަގާމުތަކުގައި އަންހެނުން ވެސް ބައިވެރި ކުރުމަށް، މުޒާހަރާގެ ބައިވެރިން ގޮވައިލަ އެވެ.

ތާލިބާނުން ބުނާ ގޮތުގައި އަފްގާނިސްތާނުގެ އާ ސަރުކާރު ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. އަދި ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު އަފްގާނިސްތާނުގެ ހުރިހާ ސިޔާސީ ފިކުރުތަކަށާއި ހުރިހާ ދަރިކޮޅުތަކަށް ވެސް އޮންނާނެ އެވެ.

ސަރުކާރުގެ އެކި މަގާމުތައް ފުރުމުގެ ފުރުސަތު އަންހެނުންނަށް ވެސް ލިބޭނެ ކަމަށް ތާލިބާނުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. ނަމަވެސް ކެބިނެޓްގެ އެއްވެސް މަގާމަކަށް އަންހެނަކު އިސް ނުކުރާނެ ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.

ހައްގުތަކަށް ގޮވާލައި، އަފްގާނިސްތާނުގައި އަންހެނުން މުޒާހަރާ ކުރަން ފެށީ، 1996 ން 2001 ށް ތާލިބާނުން އެ ގައުމުގައި ވެރިކަން ކުރި އިރު، އަންހެނުންނާ މެދު މުއާމަލާތު ކުރި ފަދަ ދަށު ދަރަޖައަކުން ކަންތައް ކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެ ދުވަސްވަރު އަންހެނުން ވަޒީފާތަކަށް ދިއުމާއި، އަންހެން ކުދިންނަށް ކިޔަވައިދިނުން އޮތީ، ތާލިބާނުން މަނާކޮށްފަ އެވެ.

އޭގެ އިތުރުން، އަންހެނުން އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު، މޫނުބުރުގާ އެޅުން ވެސް އޮތީ މަޖުބޫރުކޮށްފަ އެވެ. އަންހެނުންނަށް މަނާކޮށްފައި ހުރި ކަންކަން ތަންފީޒުކުރުމުގައި ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅެ، އެ އުސޫލުތަކާ ކުޑަކޮށް ޚިލާފުވިޔަސް ބޮޑެތި އަދަބުތައް ދިނުމަކީ، ތާލިބާނުންގެ ކުރީގެ ވެރިކަމުގައި ވަރަށް އާންމު ކަމެކެވެ.

"މީގެ 25 އަހަރު ކުރިން ތާލިބާނުން ވެރިކަމަށް އައިސް، އަހަރެން ސްކޫލަށް ދިއުން ވެސް މަނާކުރި. އެކަން އިތުރަށް ތަކުރާރު ވާކަށް އަހަރެން ނޭދެން. ކިޔަވައި ވަޒީފާ އަދާކުރުމުގެ ފުރުސަތު އަހަރެންނަށް ލިބުނީ، އެމީހުންގެ ވެރިކަން ފަސް އަހަރު ފަހުން ވެއްޓުމުން. އޭގެ ފަހުން ކިޔަވައިގެން ވަޒީފާ އަދާކުރަމުން އައީ، އަހަރެންގެ ގައުމަށް އުޖާލާ ކުރިމަގަކަށް އެދޭތީ،" މިހާރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އަޒީތާ ނާޒިމީ ބުންޏެވެ.

އިއްޔެގެ މުޒާހަރާގައި ބައިވެރިވި އެހެން އަންހެނަކު ބުނި ގޮތުގައި، ތާލިބާނުން ކުރިން ވެރިކަން ކުރި ދުވަސްވަރު، އަންހެނެއްގެ ފަރާތުން ކިތަންމެ ކުޑަ ކަމެއް ގޯސްކޮށް ހިނގިޔަސް، ބަޑީގެ މުއްގަނޑުންނާއި ބަޑީގެ މެގަޒިނުން އަންހެނުންގެ ބޮލުގައި ނުވަތަ މޫނުމަތީގައި ޖަހައި ލޭ އޮހުރުވައިލުމަކީ، ވަރަށް އާންމު ކަމެކެވެ.