Roadha Mihaaru
ނުކުޅެދުންތެރިކަން ހުންނަ 10 ދަރިވަރަކު ވަކިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ 10 ކުއްޖަކު 18 އަހަރު ވުމުން ސްކޫލުން ވަކިކޮށްފި

30 ނޮވެމްބަރ 2016

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް އިމާދުއްދީން ސްކޫލުގައި ހިންގާ ސެން (ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް) ކްލާހުގެ ދިހަ ދަރިވަރަކު އުމުރުން 18 އަހަރު ވުމުން ސްކޫލުން ވަކިކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް އިމާދުއްދީން ސްކޫލުގައި ހިންގާ ސެން (ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް) ކްލާހުގެ ދިހަ ދަރިވަރަކު އުމުރުން 18 އަހަރު ވުމުން ސްކޫލުން ވަކިކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެ ސްކޫލްގެ ސެން ކްލާހުގެ ބެލެނިވެރިންނާ ބައްދަލުކުރުމަށް ފަހު، ސްކޫލުން ވަކި ކުރީ އުމުރުން 18 އަހަރު ފުރިފައި ތިބި ދަރިވަރުންނެވެ.

ގާތްގަނޑަކަށް 100 އެއްހާ ދަރިވަރުން ކިޔަވާ ސެން ކްލާހުގައި އެ ކުދިންގެ އުމުރުން 20 އަހަރު ވާންދެން ކިޔަވައި ދެ އެވެ.

މިކަމާ ގުޅޭ ގޮތުން ސްކޫލްގެ ޕްރިންސިޕަލް ވަފާ ވަހީދަށް ގުޅުމުން އޭނާ ވިދާޅުވީ އެ މައުލޫމާތު ދެއްވާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.

އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް މިކަމުގައި ލިބޭ ގޮތެއް ނުވި އެވެ. އެހެންވެ، ދަރިވަރުން ކުއްލި ގޮތަކަށް ސްކޫލުން ވަކި ކުރި ސަބަބެއް ނޭނގުނެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އިމާދުއްދީންގެ ޓީޗަރަކު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ ކުއްލި މި ނިންމުމާ ގުޅިގެން ބެލެނިވެރިންނާއި ގިނަ ޓީޗަރުން ވެސް ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށެވެ.

"މިތަނުގެ ދަރިވަރުންނަށް ޓީޗަރުން ކިޔަވައިދޭނީ އެކަމަށް ހުސްވެ، ވަަރަށް ބޮޑަށް ސަމާލުވެގެން. ސްކޫލުން ވަކި ކުރި ކުދިންނަށް ކުރި އަށް އޮތް ދެ އަހަރު ވާންދެން ބޮޑެތި ޕްލޭންތަކެއް އެބަހުރި،" އެ ޓީޗަރު ވިދާޅުވި އެވެ.

"ވަރަށް އުނދަގުލުން ކޮށައި މަށައިގެން އެ ކުދިންނަށް ގިނަ އެއްޗެހިތަކެއް ދަސްކޮށްދެމުން ދިޔައީ،"

އޭނާ ބުނީ 18 އަހަރު ފުރިފައި ތިއްބަސް އެ ކުދިން ސްކޫލާ ގުޅުނު އިރު، ގިނަ ކުދިންނަށް ވާހަކަ ވެސް ދައްކަން ނޭނގޭ ކަމަށާއި އެކަމަކު އަމިއްލަ ނަމާއި މައިންބަފައިންގެ ނަމުގެ އިތުރުން ފޯނު ނަމްބަރު ކިޔައިދޭން އެނގޭވަރު މިހާރު ކޮށްދީފައިވާ ކަމަށެވެ. އަދި ހިތްހަމަ ނުޖެހޭ ގޮތަށް އެހެން މީހަކު އެއިން ކުއްޖެއްގެ ގައިގާ އަތްލާ ނަމަ، އެކަމަށް ނޫނެކޭ ބުނެ، ގޭތެރޭގައި ހުންނަ ކުދިކުދި ކަންކަން އަމިއްލަ އަށް ކުރާނެ ގޮތް ސްކޫލުން ދަސްކޮށްދެމުން ދިޔަ ކަމަށް ޓީޗަރު ވިދާޅުވި އެވެ.

"އެހާ ހަމަ އަށް ދަރިވަރުން ގެނެސް، އެހެން ކުއްލިއަކަށް ވަކިވާން ޖެހުނީމަ އެންމެން ވެސް ވަރަށް ދެރަވެފައި ތިބީ،"