Roadha Mihaaru
ރާއްޖެއަށް ކޮކެއިން އެތެރެކުރާ މިންވަރު އިތުރުވެއްޖެ

ރާއްޖެ އަށް ކޮކެއިން އެތެރެކުރާ މިންވަރު އިތުރުވެއްޖެ

07 ސެޕްޓެމްބަރ 2021

މަސްތުވާތަކެތީގެ އަގުބޮޑު ބާވަތެއް ކަމަށްވާ ކޮކެއިން ރާއްޖެ އެތެރުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތީގެ އަގުބޮޑު ބާވަތެއް ކަމަށްވާ ކޮކެއިން ރާއްޖެ އެތެރުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބަދަލުކުރުމަށް ގޮވާލައި "ހޭންޑްސް ޓުގެދާ" އިން ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ސިންތެޓިކް ޑްރަގްސް ނުވަތަ ކެމިކަލް ބޭނުންކޮށްގެން އުފައްދާ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މިންވަރު ފާއިތުވި ދެ އަހަރު ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮކެއިން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މީގެ ދުވަސްތަކެއް ކުރިއާ އަޅާބަލާއިރު ކޮކެއިން އަކީ ރާއްޖޭގައި އެހާ އާއްމުކޮށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް، މިހާރު ވަރަށް ކައިރި ކައިރީގައި ކިލޯއަށްވުރެ ގިނައިން ކޮކެއިން އެތެރެކުރާ ކަމަށް، ކަމާގުޅުން ހުރި ހުރިހާ އިދާރާއަކުން ބައިވެރިވި ބައްދަލުވުމުގައި އޭސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ކޮކެއިން ގެނެސްފައި ވަނީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެންނެވެ.

އެންޑީއޭ ބަދަލުކުރުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެންޑީއޭ ބަދަލުކުރުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރަން އުޅުނު 1،000 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ބޮޑެތި އޮޕަރޭޝަންތަކުން އަތުލައިގަތް މަސްތުވާތަކެތި ހިމެނުނަސް މާކެޓުގައި މަސްތުވާތަކެތީގެ އަގަށް ބަދަލެއް ނާންނަ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖެ އަށް ކޮކެއިން އެތެރެކުރަން ފެށީ 2013 ހިސާބުގަ އެވެ. މިހާރު އެ ބާވަތުގެ މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ކޮކެއިން ގިނައިން ބޭނުންކުރަނީ ޕާޓީކުރަން ކަމަށް އެނގިފައިވެ އެވެ. ހާއްސަކޮށް ހަފުތާ ބަންދާ ދިމާކޮށް، ބުރާސްފަތި ދުވަހުގެ ރޭ ކޮކެއިން ބޭނުންކުރާ މީހުން ގިނަ އެވެ.

ރާއްޖެއިން އެންމެ ގިނައިން ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތަކީ ހެރޮއިން ނުވަތަ ހަކުރެވެ. އައްޑާތަކުން އޭގެ ޕީސްކޮޅެއް 20ރ. އަށް ލިބޭއިރު ބައެއް ތަންތަނުން 50-100ރ. އަށް ވެސް ވިއްކަ އެވެ. ކޮކެއިންގެ އެއް ގްރާމް ވެސް ރާއްޖޭގައި މި ވަގުތު ލިބެން ހުރީ 2000ރ. އަށެވެ.

ކޮކެއިން އެތެރެކުރާ މިންވަރު އިތުރުވަމުންދާއިރު، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ މެތު ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކޮމިޓީގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، މެތު އެތެރެކުރުން ކޮންޓްރޯލްކުރަން 2007 ހިސާބުގައި ފިޔަވަޅުތަކެއް އެޅި ކަމަށެވެ. ނަމަވެސް މިހާރު އެއަށްވުރެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.