Roadha Mihaaru
ޑްރަގްގެ މައްސަލަ ހައްލުވާނީ ޝަރީއަތް ކުރިއަށްގޮސްގެން

މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ ޝަރީއަތްތައް ކުރިއަށްގޮސްގެން: މިނިސްޓަރު

03 މާޗް 2021

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ އެކަމާ ގުޅިގެން ދައުވާ ކޮށްފައިވާ މީހުންގެ ޝަރީއަތްތައް ކުރިއަށްގޮސްގެން ކަމަށް ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ،

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ އެކަމާ ގުޅިގެން ދައުވާ ކޮށްފައިވާ މީހުންގެ ޝަރީއަތްތައް ކުރިއަށްގޮސްގެން ކަމަށް ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ،

އާއްމުންގެ ބައިވެރިވުމާއެކު ކޮންމެ މަހަކު އެއް ފަހަރު ގެންދަން ހަމަޖައްސާފައިވާ "ޖަޒީރާ ސައްލާ"ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަށާޖެހޭ އުސޫލަކުން ގެންގޮސް ނޫނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ކާމިޔާބު ނުލިބޭނެ ކަމަށެވެ.

"ޖަޒީރާ ސައްލާ"ގައި މިއަދު މަޝްވަރާކޮށްފައި ވަނީ މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމާ ގުޅޭގޮތުންނެވެ. އެ މަޝްވަރާއަށް، ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި ގުޅައިގެން ވެސް ހިޔާލާއި ސުވާލުކުރުމުގެ ފުރުސަތު ދިނެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ ދޫކޮށްލިޔަސް އެ ބާވަތުގެ ތަކެތި ރާއްޖެއަށް ގިނައިން އެތެރެކޮށް ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ކަމަށެވެ. އެ ގަންނަ މީހުންނަށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އެނގޭ ކަމަށް ވިދާޅުވި އެވެ.

"...200، 300 އިން ކޯޓަށް ފޮނުވިއަސް ޝަރީއަތްތައް އަވަސްވެގެން މި ކަންކަމަކީ މުހިއްމު ކަންކަމަށްވެ، ޝަރީއަތްތަކާ އެއްޗެހި ކުރިއަށްގޮސްގެން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މީގައި ހައްލު ހޯދިގެންދާނީ،" އައިޝާ ވިދާޅުވި އެވެ.

އެ ސައްލާގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކްކުރާ ނެޓްވޯކުތަކަށް އަމާޒުކޮށް ފާއިތުވި ދެ އަހަރުގެ ތެރޭގައި 200 އެއްހާ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުން 800 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑްރަގް ޓްރެފިކިންގެ 12 ވަރަކަށް ނެޓްވޯކު އަތުލައިގަނެ އެ ހުރިހާ މައްސަލައެއް ތަހުގީގުކުރުމަށްފަހު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ޝާކިރުގެ އިތުރުން ދެން ވާހަކަދެއްކެވި އެހެން ބޭފުޅުންގެ ކަންބޮޑުވުމަކީ ވެސް ކޯޓުތަކުގައި މައްސަލަތައް ތާށިވުމެވެ.

ޝާކިރު ވިދާޅުވީ ޑްރަގް ޓްރެފިކިންގެ 209 މައްސަލައިގެ ތެރެއިން ފާއިތުވި ތިން އަހަރުގެ ތެރޭގައި ކޯޓުން ނިންމާފައިވަނީ 21 މައްސަލަ އެވެ. އޭގެ ތެރެއިން ވެސް ސާބިތުވާ ކަމަށް ނިންމާފައިވަނީ މަދު މައްސަލަކަން ފާހަގަކުރެއްވި އެވެ.

ކޯޓުތަކުގައި މިހާރު ވެސް ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތައް ހުއްޓިފައި ހުރިކަމަށް އޭނާ ވިދާޅުވި އެވެ.