Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

12 ސެޕްޓެމްބަރ 2021

ދާދި ދަހުން އިއުލާންކުރި، ސާރާ އަލީ ޚާންގެ "ގޭސްލައިޓް" ގެ ރޯލަކަށް ޗިތުރަގަންދާ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ދަހުން އިއުލާންކުރި، ސާރާ އަލީ ޚާންގެ "ގޭސްލައިޓް" ގެ ރޯލަކަށް ޗިތުރަގަންދާ ސޮއިކޮށްފި އެވެ.

އޭނާ އޭގެ ރޯލަކަށް ސޮއިކުރީ ސީނިއާ ބަތަލާ އެކު ވެސް ފިލްމުގެ ކާސްޓްގައި ހިމެނޭނެ ކަމަށް ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބުނެފައި ވަނިކޮށެވެ. ޗިތުރަންގަދާ، 45، އަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާނާ އެކު ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެއީ 2018 ގެ "ބާޒާރު" ގަ އެވެ.

"ގޭސްލައިޓް" އަކީ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ސައިފްގެ ފިލްމު "ބޫތު ޕޮލިސް" ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ ހަދާ ފިލްމެކެވެ. އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުގެ ބަތަލަކީ ވިކްރާންތު މަސީ އެވެ.

ޗިތުރަންގަދާގެ ކުރިއަށް އޮތް ފިލްމަކީ އަބީޝެކް ބައްޗަނާ އެކު ކުޅެފައިވާ "ބޮބް ބިސްވާސް" އެވެ.

ޝާހިދުގެ ސީރީޒަށް ކުބްރާ

އެކްޓަރު ޝާހިދު ކަޕޫރް މިހާރު ކުޅެމުން އަންނަ އޭނާގެ ފުރަތަމަ ވެބް ސީރީޒްގެ ރޯލަކަށް ބަތަލާ ކުބްރާ ސައިތު ސޮއިކޮށްފި އެވެ.

ކުބްރާ އަކީ މިދިޔަ އަހަރު ރިލީޒްކުރި ސައިފްގެ ފިލްމު "ޖަވާނި ޖާނެމަން" ގެ އިތުރުން ނެޓްފްލިކްސް އިން ގެނެސްދިން ސައިފްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ރޯލެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ.

ނަން އަދި އިއުލާން ނުކުރާ އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒަށް ކުބްރާ ސޮއިކުރި ނަމަވެސް އޭނާގެ ރޯލާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. މީގައި ޝާހިދާ އެކު ބަތަލާގެ ރޯލު ކުޅެނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ރާޝީ ކައްނާ އެވެ. މީގެ ކާސްޓްގައި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ވެސް ހިމެނެ އެވެ.

ޝާހިދުގެ ސީރީޒް އަކީ މަނޯޖް ބަޖްޕާއީއާ އެކު އެމެޒޯންގެ "ދަ ފެމިލީ މޭން" ގެނެސްދިން ރާޖް އެންޑް ޑީކޭ ޑައިރެކްޓްކުރާ އެއްޗެކެވެ.

ރަކުލްގެ "ޗަތުރީވާލާ" ނަހަދަން ނިންމައިފި

ޒުވާން ބަތަލާ ރަކުލް ޕްރީތު ސިންގް ދާދި ފަހުން ސޮއިކުރި ސޯޝަލް ކޮމެޑީ "ޗަތުރީވާލާ" ނަހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ރޯނީ ސްކްރޫވާ ޕްރޮޑިއުސްކުރަން ނިންމި ފިލްމު ނަހަދަން ނިންމައި، އެއަށް ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ހުއްޓައިލީ މި މަހުގެ 3 ގައި ޒީ5 އިން ޕްރީމިއާކުރި ފިލްމު "ހެލްމެޓް" ގެ ޕްލޮޓާ އެއްގޮތްކަން ފާހަގަކުރެވުމާ ގުޅިގެންނެވެ. އޭގެ މަސައްކަތް ހުއްޓައިލި އިރު ރަކުލް މި ވަގުތު ހުރީ އަކްޝޭ ކުމާރުގެ "ސިންޑްރެއްލާ" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގަ އެވެ. އޭނާ އެ ގައުމަށް ދިޔައީ އަޔޫޝްމަން ކްރާނާގެ "ޑޮކްޓަރު ޖީ" ގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ.

"ޗަތުރީވާލާ" ޑައިރެކްޓްކުރާ ގޮތަށް އޮތީ 2018 ގައި ރިލީޒްކުރި މަދޫރީ ޑިކްސިޓްގެ މަރާޓީ ފިލްމު "ބަކެޓްލިސްޓް" ގެ ޑައިރެކްޓަރު ތެޖާސް ޑިއޯސްކަރެވެ.

"ނޯ ލޭންޑްސް މޭން" ގައި ނަވާޒުއްދީން ފެންނާނެ ގޮތް ދައްކާލައިފި

އެމެރިކާ/ބަންގްލަދޭޝް ފިލްމެއްގެ ގޮތުގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ "ނޯ ލޭންޑްސް މޭން" ގައި އިންޑިއާގެ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އޭނާގެ އިންސްޓަގްރާމްގައި ފަސްޓްލުކްގެ ފޮޓޯއެއް ޕޯސްޓްކޮށްފައިވެ އެވެ. މި ފިލްމަކީ މުސްތަފާ ސަރުވާރު ފާރޫގީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. "ނޯ ލޭންޑްސް މޭން" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާން ވެސް ހިއްސާވެފައިވާ އިރު، މީގެ މިއުޒިކް ހެދީ ވެސް އޭނަަ އެވެ.

އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ 26 ވަނަ ބުސާން ފިލްމު ފެސްޓިވަލްގެ "އަ ވިންޑޯ އޮފް އޭޝިއަން ސިނެމާ" ކެޓަގަރީގައި "ނޯ ލޭންޑްސް މޭން" ޕްރީމިއާކުރާނެ އެވެ.