Roadha Mihaaru
ހުޅަނގުން ތަމްރީން ކުރި ސިފައިން ތާލިބާނުގައި

ހުޅަނގުން ތަމްރީން ކުރި ސިފައިން ތާލިބާނުގައި

08 ސެޕްޓެމްބަރ 2021

އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްގާނިސްތާނުގައި އުފައްދައިދިން އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިން، ތާލިބާނުންނާ ގުޅިފައިވާ ކަމަށް އިނގިރޭސި ވިލާތުގެ އަސްކަރީ މަސްދަރުތަކުން އިއްޔެ ބުނެފި އެވެ.

އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްގާނިސްތާނުގައި އުފައްދައިދިން އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިން، ތާލިބާނުންނާ ގުޅިފައިވާ ކަމަށް އިނގިރޭސި ވިލާތުގެ އަސްކަރީ މަސްދަރުތަކުން އިއްޔެ ބުނެފި އެވެ.

އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްގާނިސްތާނު އަޅުވެތިކޮށްގެން އޮތް 20 އަހަރުގެ ތެރޭގައި، އަފްގާނިސްތާނުގައި ވަރުގަދަ އަސްކަރީ ލަޝްކަރެއް ގާއިމުކޮށްދިނެވެ. އަދި، އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނުން ފައިބައިގެން ދިއުމުން ވެސް، ތާލިބާނުންގެ މައްޗަށް ގަދަވެވޭ ފެންވަރަށް، އެ ލަޝްކަރަށް އަސްކަރީ ތަމްރީންތައް ދިނެވެ.

އޭގެ އިތުރުން ޒަމާނީ އެތައް ހަތިޔާރެއް އަފްގާނިސްތާނު ސިފައިންނަށް ދިނެވެ. އަސްކަރީ އެއްގަމު އުޅަނދުތަކާއި މަތިންދާބޯޓާއި ހެލިކޮޕްޓަރުތައް ވެސް ދިނެވެ. ނަމަވެސް އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ އެންމެ ފަހު ތާރީޚުގެ ދެ ހަފުތާ ކުރިން ތާލިބާނުން، އެ ގައުމު ހިފުމާ ގުޅިގެން ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ އެވެ.

އަފްގާނިސްތާނުގެ ޕަންޖްޝޭރް ވާދީގައި ތިބި ހަނގުރާމަވެރިންނާއި ތާލިބާނުންގެ ހަނގުރާމަވެރިންނާ ދެމެދު މިދިޔަ ދެ ހަފުތާގައި ހިނގައި ދިޔަ ހަނގުރާމައިގައި، ބައިވެރިވި ތާލިބާން ހަނގުރާމަވެރިންގެ ފޮޓޯތައް ފެނުމުން، އެއީ ކޮން ބައެއްކަން ދެނެގަންނަން، އިނގިރޭސި އަސްކަރިއްޔާގެ ކޮމާންޑަރުންނަށް މާ ދަތި ކަމަކަށް ނުވި އެވެ.

ސަބަބަކީ، އެއީ އެމެރިކާ އާއި ނޭޓޯ ސިފައިންނާ އެކު އެތައް އަހަރެއް ވަންދެއް އެކުގައި އުޅެ، އެތައް ތަމްރީންތަކެއް ފުރިހަމަކޮށްފައި ތިބި މީހުންނެވެ. ޕަންޖްޝޭރް ވާދީގައި ހިނގި ހަނގުރާމައިގެ ފޮޓޯތައް ތަހުލީލު ކުރުމަށް ފަހު އިނގިރޭސި އަސްކަރީ އޮފިސަރުން ކަށަވަރުކޮށްދިން ގޮތުގައި، އެ ފޮޓޯތަކުން ފެންނަ ގިނަ މީހުންނަކީ، ހުޅަނގުގެ ލަޝްކަރުން ތަމްރީންކޮށްދިން މީހުންނެވެ.

އެ މީހުން ހަތިޔާރު ގެންގުޅުމުގަ އާއި ހަތިޔާރު ބޭނުންކުރުމުގައި ބޭނުންކުރާ އުކުޅުތަކަކީ، ނޭޓޯ ސިފައިން ވެސް ބޭނުންކުރާ އުކުޅުތައް ކަމަށް އިނގިރޭސި އަސްކަރީ އޮފިސަރުން ބުންޏެވެ. ނަމަވެސް އެ ފޮޓޯތަކުން ފެންނަ ބައެއް މީހުންނަކީ ނޭޓޯގެ ތަމްރީންތަކުގައި ބައިވެރިނުވާ ތާލިބާނުންކަން ވެސް، އެމީހުން ހަތިޔާރު ގެންގުޅޭ ގޮތުންނާއި ހަތިޔާރުގައި ހިފަހައްޓާ ގޮތުން އެނގޭ ކަމަށް އޮފިސަރުން ބުންޏެވެ.

އެމެރިކާ އާއި އިނގިރޭސީން ތަމްރީންކޮށްދިން އަފްގާނު ސިފައިން ތާލިބާނުންނާ ގުޅިފައިވާ ކަމަށް އެ ދެ ގައުމުން ކުރެ ގައުމަކުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، އަފްގާނު ސިފައިން ތާލިބާނުންނާ ނުގުޅިއްޖެ ނަމަ، ޖަލަށްލުން ނުވަތަ މަރައިލުމުގެ ނުރައްކާ އޮތުމުން، ތާލިބާނުންނާ ނުގުޅި ތިބުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

"ކޮންމެ މީހަކު ވެސް ކޮޅު ބަދަލުކޮށްލަނީ. ކޮޅު ބަދަލުކޮށްލީމާ އެބަ ޔަގީންވޭ، އެފަދަ އަދަބެއް ކުރިމަތިނުވާނެކަން. އެހެންވެ ކޮޅު ބަދަލުކޮށްލަނީ. މިހާރުގެ ތާލިބާނުންނަކީ 1990 ގެ އަހަރުތަކުގައި އުޅުނު ތާލިބާނުންނެއް ނޫން. އެ މީހުންނަކީ މިހާރު އެއަށް ވުރެ ދުނިޔެއަށް މާ ލޯހުޅުވިފައި ތިބި ބައެއް. ކޮންމެ މީހަކު ސްމާޓް ފޯނެއް އެބަ ގެންގުޅޭ،" އިނގިރޭސި އަސްކަރިއްޔާގެ އޮފިސަރުން ބުންޏެވެ.

ހަނގުރާމައިގެ ފޮޓޯތައް ތަހުލީލުކުރި ބައެއް އޮފިސަރުން ބުނާ ގޮތުގައި އަފްގާނު ސިފައިން ތާލިބާނުންނާ ގުޅުމުގެ އެހެން ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

"އެއީ އޭގެ ތެރެއިން ބައެއް މީހުންނަކީ ދަރިކޮޅުގެ ނުވަތަ ނަސްލުގެ ގޮތުން ތާލިބާނުންނާ ކުރިއްސުރެ ގުޅުން އޮތް ބައެއް. އަދި ތާލިބާނުންނާ ގުޅުމުން އިގްތިސާދީ ގޮތުން މާލީ ގޮތުން ލިބޭނެ މަންފާތަކެއް ވެސް މިހާރު ހުންނާނެ. އަދި މިހާރު އޮތް ތާލިބާނުންގެ ސަރުކާރާ ގުޅުމުން، އެ ސިފައިންގެ އަމިއްލަ ނަފްސަށް ވެސް އަދި އާއިލާ އަށް ވެސް ރައްކާތެރިކަން ކަށަވަރުވެގެންދާނެ."

އާންމު ގޮތެއްގައި ކުރުތާ އާއި ހަރުވާޅު ލައިގެން އުޅެމުން އައި ތާލިބާންގެ ހަނގުރާމަވެރިން، އޮގަސްޓް 15، 2021 ގައި ވެރިރަށް ކާބުލް އަށް ވަނުމާ އެކު، ދެން ފެންނަން ފެށީ، އެންމެ ޒަމާނީ އަސްކަރީ ޔުނީފޯމްގައި، އަދި އެމެރިކާގެ ހަތިޔާރު ހިފައިގެން މަގުމަތީގަޔާއި މުހިންމު ތަންތަނުގައި ފޯރިމަރަން ފެށި މަންޒަރެވެ.