Roadha Mihaaru
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"

ތާލިބާނުން އަފްގާނު ހިފުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް: ޖެނެރަލް މެކެންޒީ

20 އޮކްޓޯބަރ 2021

ކުރިން އެއްވެސް ވަރަކަށް އަންދާޒާ ނުކުރެވޭހާ ހަލުވިމިނެއްގައި ތާލިބާން ޖަމާއަތް އަފްގާނިސްތާނު ހިފުމަކީ، އިސްލާމީ ހަރުކަށި ފިކުރުގެ މުލައްދަނޑި އަށް ލިބުނު އިތުރު ބާރެއް ކަމަށް، އެމެރިކާގެ އިސް ޖެނެރަލް ކެނެތު މެކެންޒީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ކުރިން އެއްވެސް ވަރަކަށް އަންދާޒާ ނުކުރެވޭހާ ހަލުވިމިނެއްގައި ތާލިބާން ޖަމާއަތް އަފްގާނިސްތާނު ހިފުމަކީ، އިސްލާމީ ހަރުކަށި ފިކުރުގެ މުލައްދަނޑި އަށް ލިބުނު އިތުރު ބާރެއް ކަމަށް، އެމެރިކާގެ އިސް ޖެނެރަލް ކެނެތު މެކެންޒީ އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު ޖެނެރަލް މެކެންޒީ ވިދާޅުވި ގޮތުގައި، އެމެރިކާ ސިފައިން އަފްގާނުން ފައިބަން ފެށުމާއެކު ތާލިބާނުންގެ ހަނގުރާމަވެރިންގެ ހަރަކާތްތައް އިތުރުވާން ފެށުމުން، އެމެރިކާ އެކަމަށް ރަނގަޅަށް ފާރަވެރިވުމަށް އޭނާ އެމެރިކާގެ ވެރިންނަށް ދެންނެވި އެވެ.

މެދުއިރުމަތީގެ އޮންލައިން ނޫހެއް ކަމަށްވާ ދަ ނޭޝަނަލްސް އަށް ދެއްވި އިންޓަވިއުއެއްގައި ޖެނެރަލް ވިދާޅުވީ އޮގަސްޓް 31 ގެ ނިޔަލަށް ދީފައި އޮތް މުއްދަތު ހަމަވުމުގެ ކުރިން އެމެރިކާ ސިފައިން އަފްގާނުން ފައިބަން ފެށުމާއެކު، ކަންތައް ހިނގައި ދިޔަ ގޮތް އެމެރިކާ އިން ދިރާސާކުރާނެ އެވެ. އޭގެ އިތުރުން އެމެރިކާގެ އެ ނިންމުމާ ގުޅިގެން އޭޝިޔާ ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިން އެކަމަށް އިޖާބަ ދިން ގޮތާއި، މިހާރު މެދުއިރުމަތި ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ބެހޭ ގޮތުން ވެސް އެމެރިކާ ދިރާސާ ކުރާނެ އެވެ.

މެކެންޒީ ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުން އަފްގާނު ސަރުކާރު ވެއްޓޭނެ ކަމަށް އޭރު ވެސް ބެލެވުނެވެ. ނަމަވެސް މަދު ހަފުތާތަކެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުވެ، އެހާ އަވަހަށް އަފްގާނިސްތާނުގެ ވެރިކަން ބަދަލުވެ ތާލިބާނުން ގައުމު ހިފުމުން ލިބުނީ ކުއްލި ހައިރާން ކަމެއް ކަމަށް ވެސް މެކެންޒީ ވިދާޅުވި އެވެ.

"އަހަރެމެން އެތައް ފައިސާއެއް ހޭދަކޮށްގެން އަފްގާނުގައި އުފައްދައިދިން ސިފައިންގެ ލަޝްކަރު، އެހާ އަވަހަށް ފެއިލްވެގެން ދިޔައީ ކީއްވެތޯ ބެލުމަށް، ވަރަށް ފުން ދިރާސާއެއް އަހަރެމެން ކުރަންޖެހޭ. އެ ދިރާސާގައި ހަމައެކަނި ބަލާނީ އަފްގާނިސްތާނުގެ އަސްކަރިއްޔާގެ ތެރޭގައި ކަންތައް ހިނގައި ދިޔަ ގޮތް އެކަންޏެއް ނޫން. އޭގެ އިތުރުން މުޅި ސަރުކާރުގެ ތެރޭގައި ކަންތައް ހިނގައި ދިޔަ ގޮތް ވެސް ދިރާސާ ކުރާނަން،" މެކެންޒީ ވިދާޅުވި އެވެ.

ޕާކިސްތާނުން ފެށިގެން މިސްރާ އެކު، ބާރަ އަށް ވުރެ ގިނަ ގައުމުގެ އަސްކަރީ ހަރަކާތްތައް ބަލަހައްޓާ ކޮމާންޑަރު ވިދާޅުވި ގޮތުގައި، އޭނާގެ އަމާޒު މިހާރު ހުރީ، ގަތަރުގެ ވެރިރަށް ދޯހާގައި އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތާލިބާނުން އަމަލުކުރާކަން ކަށަވަރު ކުރުމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، އެމެރިކާގެ މަސްލަހަތަށް ހަމަލާ ދޭން ބޭނުންވާ ޓެރަރިސްޓު ޖަމާއަތްތަކަށް ރައްކާތެރި ހާއްޔަކަށް އަފްގާނިސްތާނު ނުވާނެ ކަން ކަށަވަރު ކުރުމެވެ.

"އަހަރެން މާ ކުރިން ދަސްކޮށްގެން މި ހުންނަނީ، ތާލިބާނުން ދައްކާ ވާހަކަ އަޑު ނާހައި، އެމީހުން އަމަލުކުރާ ގޮތް ބެލުމަށް. އަލްގާއިދާ ޖަމާއަތާ ގުޅުން ކަނޑައިލުމަށް، ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ޚުރާސާން ގޮފީގެ ބާރު ކަނޑުވައިލަން ޖެހޭ މިންވަރަށް ބާރު ކަނޑުވައިލުމަށް، އެމީހުން މިހާތަނަށް އެއްވެސް ކަމެއް ކުރި ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް. އެކަންކަން ފުރިހަމަ ކުރުމަށް އެމީހުންނަށް ވެސް ވަގުތު ބޭނުންވާނެ، އަހަރެމެން މިތިބީ ވަރަށް ފަރުވާތެރިކަމާ އެކު ބަލަން."

މެކެންޒީ ވިދާޅުވި ގޮތުގައި އެމެރިކާ ސަރުކާރުން ތާލިބާނުންގެ ސަރުކާރު ބަލައިގަންނާނީ އަދި ތާލިބާނުންނަށް އެއްވެސް އެހީތެރިކަމެއް ދޭނީ އަދި އެއްވެސް ސިފައެއްގައި ތާއީދު ކުރާނީ، ތާލިބާނުން ވެފައިވާ ވައުދުތައް ފުއްދުމުގައި އެ ޖަމާއަތް ދެމިއޮންނަ މިންވަރެއްގެ މަތިންނެވެ. އަދި ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި އަފްގާނިސްތާނުގެ އަންހެނުންގެ ހައްގުތަކުގެ ދާއިރާއިންނާއި ތައުލީމީ ގޮތުން އަފްގާނިސްތާނަށް އައިސްފައިވާ ހެޔޮ ބަދަލުތައް، އެއްވެސް މިންވަރަކަށް ފަހަތަށް ނުދާކަން ކަށަވަރުވުމުންނެވެ.

މެކެންޒީ ވިދާޅުވި ގޮތުގައި ތާލިބާނުންގެ ބާރުގެ ދަށުވެ އަފްގާން ސަރުކާރު ވެއްޓިގެން ދިޔަ ގޮތާއި، އައިއެސް ޖަމާއަތުން 2014 ވަނަ އަހަރު އިރާގުގައި ބާރު ގަދަ ކުރުމުން، އިރާގުގެ އަސްކަރިއްޔާ ބޮއްސުންލައިގެން ދިޔަ ގޮތުން، އެމެރިކާ ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބިގަންނަން ޖެހެ އެވެ.