Roadha Mihaaru
ބިންލާދިން ހޯދަން އެކަކު ފަހަތުން ހަތަރު އަހަރު

ބިންލާދިން ހޯދަން އެކަކު ފަހަތުން ހަތަރު އަހަރު

11 ސެޕްޓެމްބަރ 2021

އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ހޯދަން އެމެރިކާ ހަނގުރާމަ އަށް ނުކުތީ މީގެ 20 އަހަރު ކުރިން އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހުގަ އެވެ. މަތިންދާބޯޓުތަކެއް ހައިޖެކްކޮށް އެ ބޯޓުތައް ހަތިޔާރަކަށް ހަދައި ތަންތަނުގައި ޖައްސައި ގޮއްވާލައިގެން ދިން ނުރައްކާތެރި ހަމަލާ އައީ އަލްގައިދާއިން ކަމުގެ ހެކި ލިބުމާ އެކު އެ ޖަމާއަތުގެ ލީޑަރު ހޯދަން ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ އިއުލާނުކުރި އެވެ. އެކަމަކު ބިން ލާދިން ހޯދުމަކީ އެމެރިކާ އިން ހީކުރިހާ ފަސޭހަ ކަމަކަށް ނުވި އެވެ. އެއީ މިހާތަނަށް އެމެރިކާ އިން ހިންގި އިންޓެލިޖެންސް އެންމެ ބޮޑު އޮޕަރޭޝަނެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ހޯދަން އެމެރިކާ ހަނގުރާމަ އަށް ނުކުތީ މީގެ 20 އަހަރު ކުރިން އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހުގަ އެވެ. މަތިންދާބޯޓުތަކެއް ހައިޖެކްކޮށް އެ ބޯޓުތައް ހަތިޔާރަކަށް ހަދައި ތަންތަނުގައި ޖައްސައި ގޮއްވާލައިގެން ދިން ނުރައްކާތެރި ހަމަލާ އައީ އަލްގައިދާއިން ކަމުގެ ހެކި ލިބުމާ އެކު އެ ޖަމާއަތުގެ ލީޑަރު ހޯދަން ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ އިއުލާނުކުރި އެވެ. އެކަމަކު ބިން ލާދިން ހޯދުމަކީ އެމެރިކާ އިން ހީކުރިހާ ފަސޭހަ ކަމަކަށް ނުވި އެވެ. އެއީ މިހާތަނަށް އެމެރިކާ އިން ހިންގި އިންޓެލިޖެންސް އެންމެ ބޮޑު އޮޕަރޭޝަނެވެ.

ބިން ލާދިން ހޯދަން، އެމެރިކާގެ ވަރުގަދަ ޓެކްނޮލޮޖީގެ އެހީއާ އެކު، ފަރުބަދަތަކުގެ ތެރެއާއި އެކަހެރި އަވަށްތައް 10 އަހަރު ވަންދެން ހޯދަން ޖެހުނެވެ. ބިން ލާދިން ޕާކިސްތާނުގައި ފިލައިގެން އުޅުނު ގެޔާ ހިސާބަށް ދާން އެމެރިކާގެ ޖާސޫސުންނަށް މައުލޫމާތު ލިބުނު ގޮތަށް ބަލާއިރު އެއީ އެތައް އަހަރަކުން، އެކިފަހަރުމަތިން ލިބެމުން ދިޔަ ކުދިކުދި މައުލޫމާތުން ބިނާކުރި ވަރަށް ބޮޑު ޕްލޭނެކެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ފެށުމަކީ ހައްޔަރުކުރި މީހެއްގެ ފަރާތުން ލިބުނު މީހެއްގެ ވަނަމެވެ.

މީހެއްގެ ވަނަން ކިޔާތީ ޝައްކު ބޮޑުވި

މެއި 2، 2011 ގައި ބިން ލާދިން މަރާލުމުގެ އަހަރެއްހާ ދުވަސް ކުރިން މި ޕްލޭން ކުރެހެން ފެށި އެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާގެ ފަހުން ހައްޔަރުކުރި އެ ހަމަލާގެ މޭސްތިރިއެއް ކަމަށްވާ ޚާލިދު ޝައިޚް މުހައްމަދުގެ ތަހުގީގުގައި މީހެއްގެ ވަނަން ވަރަށް ގިނައިން ބުނަމުން ދިޔަ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ސީއެންއެން އަށް ވިދާޅުވެފައިވެ އެވެ. އެ މީހާ އަކީ އަލްގައިދާގެ އެކި ވެރިންގެ ފަރާތުން ދޭ މެސެޖުތައް ބިން ލާދިންއާ ހިސާބަށް ގެންގޮސްދިނުމުގައި ބައިވެރިވާ، ބިން ލާދިން ވަރަށް އިތުބާރުކުރާ މީހެއް ކަމަށް އޭނާ ބުނެ އެވެ.

އޭނާ ބުނަމުން ދިޔަ ވަނަމުން އަހަރެމެން ބޭނުންވީ އަސްލު ނަން ހޯދަން. މިއީ ޖާސޫސީ ވަރަށް ކްލެސިކް މަސައްކަތެއްގެ މިސާލެއް

"އޭނާ ބުނަމުން ދިޔަ ވަނަމުން އަހަރެމެން ބޭނުންވީ އަސްލު ނަން ހޯދަން. މިއީ ޖާސޫސީ ވަރަށް ކްލެސިކް މަސައްކަތެއްގެ މިސާލެއް،" އެ މައުލޫމާތު ހޯދަން ވަރަށް ކެތްތެރިކަމާ އެކު އެތައް ދުވަހެއް ހޭދަކުރަން ޖެހުނުކަން ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވެފައިވެ އެވެ.

ޚާލިދަކީ ބިން ލާދިންގެ އޯޑަރުތައް އަންނަ މީހެއްކަން އެމެރިކާއަށް އެނގޭތީ، އޭނާގެ ކައިރިއަށް އައިސް އުޅޭ ތަކެތި އުފުލައިދޭ މީހުންނަކީ ބިން ލާދިން ހޯދުމަށް ވަރަށް ބޮޑު އެހީއަކަށް ވެދާނެ ކަމަށް އެމެރިކާގެ ތަހުގީގުކުރާ މީހުންނަށް އެނގުނެވެ. އެހެންވެ ޚާލިދަށް އަނިޔާކޮށްގެން ވެސް އެމެރިކާ އިން ބޭނުންވީ އެ ބުނާ މީހެއްގެ މައުލޫމާތު ހޯދާށެވެ. ބިރު ދެއްކުމުން ވެސް އޭނާ ތެދުބަހުން ވާހަކައެއް ނުދެއްކި އެވެ.

"އަހަރެމެންނަށް އެނގުނު އޭނާ ހަދަނީ ދޮގުކަން. އެއީ އަހަރެމެންނަށް ކުރިން ވެސް އެ ބުނާ މީހެއްގެ މައުލޫމާތު އޮތީ އެނގިފައި. އޭނާ ދޮގު ހަދަން ފެށުމުން އަހަރެމެންނަށް އެނގިއްޖެ އެ ބުނާ މީހާ އަކީ ވަރަށް މުހިންމު މީހެއްކަން. އޭނާ ދޮގު ހަދަނީ އޭނާގެ ވެރިޔާ ހިމާޔަތްކުރަންކަން،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޚާލިދުގެ ފަރާތުން އެ ނަން އެހެން ގޮތަކަށް އިވުމުގެ ހަތަރު އަހަރު ކުރިން އެހެން ގައުމަކުން އެމެރިކާ އިން ވަނީ، ތަކެތި އުފުލައިދޭ މީހާގެ ނަން ހޯދައިފަ އެވެ. އެކަމަކު އެއީ ކޮން ގައުމަކުން ކަމެއް އެމެރިކާ އިން ހާމައެއް ނުކުރެ އެވެ.

އުސާމާ ބިލް ލާދިން އުޅުނު ގެ ކައިރިއަށް މީހުން އެއްވެފައި

އުސާމާ ބިލް ލާދިން އުޅުނު ގެ ކައިރިއަށް މީހުން އެއްވެފައި

މީހާ ދެނެގަންނަން ވެސް އެއް އަހަރު

އެ މީހާ އާއި އޭނާގެ ކޮއްކޮ އަކީ ކާކުކަން ދެނެގަންނަން އެއް އަހަރު ވަންދެން މަސައްކަތްކުރަން ޖެހުނެވެ. އެ ހިސާބުން ދެން ފެށީ އެ ދެ މީހުން ދިރިއުޅޭ ތަނެއް ކަށަވަރުކުރާށެވެ. މި މަސައްކަތުގައި އެމެރިކާގެ ޖާސޫސުން އަލްގައިދާގެ އެ މީހާ ޕާކިސްތާނުގެ މަގުމަތިން ހޯދި އެވެ. އެކަމަކު އޭނާއަށް އަބަދު ފާރަލައި އުޅޭ ނޫޅޭ ގޮތް ބަލަމުން ގެންދެވޭ ގޮތެއް ނުވި އެވެ. އެހެންވެ ސަވައިލަންސް ވަރަށް ވަރުގަދަކުރަން ޖެހުނެވެ. މިކަން އޯގަސްޓް 2010 ގައި ކާމިޔާބުކޮށް، އެ މީހުން އުޅޭ ގެ އެންމެ ފަހުން ހޯދި އެވެ. އެއީ އެންމެ މީހަކަށް ފާރަލައިގެން ހަތަރު އަހަރު ވަންދެން ކުރި މަސައްކަތުންނެވެ.

އެއީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އުތުރުން 35 މޭލު ދުރުގައި އޮންނަ އަބަތުއާބާދުގައި ހުރި ބޮޑު އަދި އަގުބޮޑު ގެއެކެވެ. އެތަން ހުރި ހިސާބާއި އެތަން ހުރި ގޮތުން ޖާސޫސުންނަށް ޝައްކުތައް އިތުރުވި އެވެ.

"އެ ދެ މީހުން އުޅޭ ގެ ފެނުމުން އަހަރެމެންނަށް ލިބުނީ ޝޮކެއް. އާދަޔާ ހިލާފް، ތަފާތުކޮށް ހުރި ތަނެއް އެއީ،" އޮފިޝަލް ވިދާޅުވި އެވެ. "ވަރަށް ބޮޑު ބިމެއްގައި އެ ގެ ހަދާފައި ހުރީ އެ ސަރަހައްދު ވަރަށް ފަޅުކޮށް އޮތް ދުވަސްވަރެއްގައި. އެއީ އެ ސަރަހައްދުގައި ހުރި އެހެން ގެތަކާ އަޅާބަލާއިރު އަށް ގުނަ ބޮޑު ތަނެއް."

އެ ދެ މީހުން އުޅޭ ގެ ފެނުމުން އަހަރެމެންނަށް ލިބުނީ ޝޮކެއް. އާދަޔާ ހިލާފް، ތަފާތުކޮށް ހުރި ތަނެއް އެއީ،" އޮފިޝަލް ވިދާޅުވި އެވެ. "ވަރަށް ބޮޑު ބިމެއްގައި އެ ގެ ހަދާފައި ހުރީ އެ ސަރަހައްދު ވަރަށް ފަޅުކޮށް އޮތް ދުވަސްވަރެއްގައި.

ޝައްކު އުފެދޭނެ އެތައް ކަމެއް އެ ގެއިން ފެނުނެވެ. ގެއިން ކުނި ނެރޭ މީހުން، ކުނިތަން ނަގަން ބޭރުގައި ބެހެއްޓުމުގެ ބަދަލުގައި އަންދަނީ އެވެ. ޓެލެފޯނެއް އިންޓަނެޓެއް ނެތެވެ. ތިން ބުރިއަށް ހުރި ގޭގައި މަގުމައްޗަށް ފެންނަ ހުންނަ ކުޑަދޮރުތައް ވަރަށް މަދެވެ. ވަށާފާރު 12-18 ފޫޓު އުސްކޮށް ހުރީ ކަށިނަރު ވެސް ޖަހައިފަ އެވެ.

އުސާމާ ބިން ލާދިން އުޅުނު ގޭގެ ކުރެހުމެއް

އުސާމާ ބިން ލާދިން އުޅުނު ގޭގެ ކުރެހުމެއް

އެއީ ބިންލާދިން ނޫން މީހަކު އުޅޭނެ ތަނެއް ނޫން!

ޖާސޫސޫންގެ ނިންމުމަކީ، އެ ގެޔަކީ ވަރަށް ހާއްސަ މީހަކަށް ހާއްސަކޮށް ހަދާފައިހުރި ގެއެއްކަމެވެ. ޝައްކު ބޮޑުވާ އަނެއް ސަބަބަކީ އެ ގޭގެ ވެރިން ކަމަށް ބުނާ ދެ މީހުންނަކީ މިލިއަން ޑޮލަރުގެ އެފަދަ ގެއެއް ހެދޭ ވަރުގެ ތަނަވަސްކަން ހުރި ބަޔަކަށް ނުވުމެވެ.

"އަހަރެމެންނަށް ފެނުނު ހުރިހާ ކަމަކުން ވެސް އެނގެނީ އެއީ ބިން ލާދިން ފިލައިގެން އުޅެން އެކަށީގެންވާ ތަނެއްކަން،" އޮފިޝަލް ވިދާޅުވި އެވެ.

ގޭގައި އުޅޭ މީހުންގެ އަދަދަކީ އެ މީހުން ނިދަނީ ކޮން ތަންތަނެއްގައި ވެސް ހޯދައި ޔަގީންކުރުމަށް ފަހު ޖާސޫސުން އެ މައުލޫމާތު އެމެރިކާގެ އޭރުގެ ސީއައިއޭގެ ޑިރެކްޓަރު ލިއޯން ޕެނެޓާ އަށް ހުށަހެޅި އެވެ.

މި މައުލޫމާތު ހޯދި ފަހުން، އެ ގޭގައި ތިން ވަނަ އާއިލާއެއް އުޅޭކަން ވެސް ކަށަވަރުކުރެވުނެވެ. އަދި އެ އާއިލާގެ ސައިޒު ބިން ލާދިންގެ އާއިލާއާ ދިމާވެ އެވެ.

"ހުރިހާ ގޮތަކުން ބަލައިގެން ވެސް އެ ހުރިހާ ކަމެއް ވެސް ފެތެނީ ބިން ލާދިންއަށް،"

އަލްގައިދާގެ ވެރިން އިލެކްޓްރޯނިކް އެއްވެސް ވަސީލަތަކުން މުއާސަލާތު ނުކުރާތީ، އެ މީހުން ހޯދަން ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެ މީހުންނަށް އެއްޗެހި އުފުލައިދޭ މީހުން ދެނެގަނެ އެ މީހުންގެ ފަސްފަހަތް ބެލުންކަން އެމެރިކާއަށް އޮތީ ގަބޫލުކުރެވިފަ އެވެ. އެހެންވެ ފާރަލަމުން ދިޔަ މި މީހާ އުޅޭ ތަނަށް ކުރެވުނު ޝައްކާއި ގައިދީންގެ ފަރާތުން ލިބުނު މައުލުމާތާއި ޕާކިސްތާނުގެ އިންޓެލިޖެންސުން އެމެރިކާއާ ހިއްސާކުރި އަލްގައިދާ މެންބަރުންގެ މޯބައިލް ފޯނު ނަންބަރުތަކުން، ޔަގީންކުރެވުނީ މި ހޯދުނު ތަނަކީ ބިންލާދިންގެ ސިއްރު ގެ ކަމަކަށެވެ. އެކަމަކު ބިން ލާދިންގެ ގެޔަށް ވަދެގަންނަން ހިންގި "އޮޕަރޭޝަން ނެޕްޗޫން ސްޕިއާ" އާ ހަމަޔަށް ވެސް އެ ގޭގެ ތެރެއިން ނުވަތަ އެ ހިސާބުން ވެސް ބިން ލާދިން ހަމަ ލޮލަށް ފެނިފައެއް ނުވެ އެވެ. ހުރިހާ ޔަގީންކަމެއް ބިނާކުރީ ލިބިފައި ހުރި މައުލޫމާތަށެވެ.

ބިން ލާދިން މަރާލަން ހަމަލާ ދިން އޮޕަރޭޝަން ކުރިއަށް ދާ ގޮތުގެ މައުލޫމާތު އޭރުގެ ރައީސް ބަރަކް އޮބާމާ އާއި ނައިބް ރައީސް ޖޯ ބައިޑަން އަަދި ގަައުމީ ސަލާމަތާ ބެހޭ ޓީމުން ވައިޓްހައުސްގެ ސިޗުއޭޝަން ރޫމުގައި ތިއްބަވައިގެން ބައްލަވަނީ. --ފޮޓޯ:ވައިޓްހައުސް

ބިން ލާދިން މަރާލަން ހަމަލާ ދިން އޮޕަރޭޝަން ކުރިއަށް ދާ ގޮތުގެ މައުލޫމާތު އޭރުގެ ރައީސް ބަރަކް އޮބާމާ އާއި ނައިބް ރައީސް ޖޯ ބައިޑަން އަަދި ގަައުމީ ސަލާމަތާ ބެހޭ ޓީމުން ވައިޓްހައުސްގެ ސިޗުއޭޝަން ރޫމުގައި ތިއްބަވައިގެން ބައްލަވަނީ. --ފޮޓޯ:ވައިޓްހައުސް

ޖާސޫސީ މައުލޫމާތަށް އިތުބާރުކޮށް ބޮޑު ނިންމުމެއް

މި ހުރިހާ ކަމަކަށް ބަލައި އެމެރިކާގެ އޭރުގެ ރައީސް ނިންމެވީ އެއީ ބިން ލާދިން އަތުލައިގަތުމަށް ނުވަތަ މަރާލަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތަށް ވެދާނެ ކަމަށް ބަލައި، ގެޔަށް ހަމަލާދޭން އަމުރުކުރެއްވި އެވެ. އެއީ އޭޕްރީލް 29، 2011 ގަ އެވެ. މި އަމުރާ އެކު، ބިން ލާދިން ގޭގެ މޮޑެލްއެއް ހަދައި އެތަނުގައި އެމެރިކާގެ ސީލް ޓީމްގެ 25 މެންބަރަކު ތަމްރީންތައް ހަދައި މެއި 2، 2011 ގެ މެންދަމު ކަނު އަނދިރީގައި ހެލިކޮޕްޓަރުތަކުގައި ޕާކިސްތާނަށް ވަދެ ހަމަލާ ދިނީ އެވެ.

މުޅި ރެއިޑް 38 މިނެޓުން ނިންމައި، ބިން ލާދިންގެ ހަށިގަނޑު ވެސް ހިފައިގެން އެމެރިކާ ސިފައިން ފުރައިގެން ދިޔައީ އެވެ.

އޮބާމާ ފަހުން ވިދާޅުވެފައިވާ ގޮތުގައި އެ އޮޕަރޭޝަނަށް ހުއްދަ ދެއްވުމަކީ މުޅި ހަޔާތުގައި ވެސް ނިންމެވި އެންމެ ބޮޑު އެއް ނިންމެވުމެވެ. އަދި އޮޕަރޭޝަނަށް ހޭދަވި ވަގުތަކީ މިހާތަނަށް ތަޖުރިބާކުރެއްވި އެންމެ ދިގު ހިނދުކޮޅު ކަމަށް ސިފަކުރެއްވި އެވެ. ބިންލާދިން ލޮލަށް ނުފެނި އެކަމަކު އެތަނުގައި އެ ނޫން މީހަކު ނޫޅޭނެ ކަމަށް ނިންމައި ހަމަލާ ދިން އިރު އެތަނުގައި ހުންނަވާނީ ގައުމެއްގެ ވެރިއެއް ނުވަތަ އަމީރެއް ނޫން ކަމެއް ވެސް ނޭނގޭ ކަމަށާއި އެކަމަކު އެއީ އެ ވަގުތަށް ނިންމަވަން ޖެހުނު ގޮތް ކަމަށް އޮބާމާ ވިދާޅުވި އެވެ.

މީހަކު ހޯދަން އެމެރިކާ އިން މިހާތަނަށް ކުރި އެންމެ ބޮޑު މަސައްކަތް ނިންމާލައި، ބިން ލާދިން މަރާލެވުނުކަން ހަމަ އެ ދުވަހު ކަށަވަރުކޮށް އެމެރިކާ އިން އިއުލާނުކުރި އެވެ. އަލްގައިދާ އިން އެ މީހުންގެ ފޯރަމްތަކުގައި އެކަން އިއުލާނުކުރީ މެއި 6 ވަނަ ދުވަހު އެވެ.