Roadha Mihaaru
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ

އަފްގާނުގައި އައިއެސްގެ ހަރަކާތްތައް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ

09 ނޮވެމްބަރ 2021

އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބައިގެން ދިޔަ ފަހުން، އަފްގާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަރަކާތްތައް އިތުރުވަމުން ދާތީ، ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބައިގެން ދިޔަ ފަހުން، އަފްގާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަރަކާތްތައް އިތުރުވަމުން ދާތީ، ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާ އިން އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ޓޮމް ވެސްޓް، ބްރަސެލްސްގައި ހުންނަވައި، އިއްޔެ ފޯނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަފްގާނިސްތާނުގައި އައިއެސް ޖަމާއަތުގެ ހަރަކާތްތައް މިހާރު އިތުރުވެފައިވާ ކަމަށެވެ. އަދި އަލްގާއިދާ ޖަމާއަތުގެ ހަރަކާތްތައް ވެސް މަޑުމަޑުން އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޮމް ވިދާޅުވި ގޮތުގައި އެމެރިކާ ސަރުކާރުން މިހާރު ވަނީ ތާލިބާނުންނާ އެކުގައި މަޝްވަރާތަކެއް ބާއްވައިފަ އެވެ. އަދި އޭނާ މިހާރު ބްރަސެލްސް އަށް ކުރައްވާ ދަތުރުގައި، ތާލިބާން ޖަމާއަތުން އަފްގާނުގައި ގާއިމުކޮށްފައިވާ ސަރުކާރު ގަބޫލުކުރުމާ ގުޅޭ މަގު ޗާޓަކާ ބެހޭ ގޮތުން، ނޭޓޯގެ މެމްބަރު ގައުމުތަކާ އެކުގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ޓިމް ވިދާޅުވި އެވެ.

"ބައިނަލްއަގުވާ މުޖްތަމައާ އެކުގައި ގުޅުން ބަދަހިކުރަން ބޭނުންވާ ކަމާއި، އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ކަމާއި، އަފްގާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ބައިނަލްއަގުވާމީ ޑިޕްލޮމޭޓުން އެނބުރި އަފްގާނަށް ދާ މަންޒަރު ދެކެން ބޭނުންވާ ކަން، ތާލިބާނުން ވަނީ ވަރަށް ސާފުކޮށް ހާމަކޮށްދީފައި. އެހެން ނަމަވެސް، މިއިން އެއްވެސް ކަމަކީ، (ނޭޓޯގެ ބައިވެރިވުމާ ނުލައި) އެމެރިކާ އަށް އެކަނި ފުރިހަމަކޮށްދެވޭނެ ކަންކަމެއް ނޫން،" ޓޮމް ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ އަވަށެއްގެ ބަޔަކު މަސައްކަތް ނިންމައިލުމަށް ފަހު އަރާމުކޮށްލަނީ: ހައިހޫނުކަން އިތުރުވަމުން އަންނަ އިރު ކާބޯތަކެތި ހޯދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައި. --އޭއެފްޕީ

އަފްގާނިސްތާނުގެ އަވަށެއްގެ ބަޔަކު މަސައްކަތް ނިންމައިލުމަށް ފަހު އަރާމުކޮށްލަނީ: ހައިހޫނުކަން އިތުރުވަމުން އަންނަ އިރު ކާބޯތަކެތި ހޯދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައި. --އޭއެފްޕީ

އަފްގާނިސްތާނުގެ ކަންކަމާ ބެހޭ މަންދޫބުގެ މަގާމަށް މިދިޔަ މަހުގެ ތެރޭގައި އައްޔަންކުރެއްވި ޓޮމް، އަފްގާނު މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަރަށް އަވަހަށް ޕާކިސްތާނާއި އިންޑިއާ އަދި ރަޝިޔާ އަށް ވަޑައިގަންނަވާނެ އެވެ. އެއަށް ފަހު ތާލިބާނުންނާ އެކުގައި މަޝްވަރާގެ ދެ ވަނަ ބުރެއް، ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް 15 ގައި ތާލިބާނުން އަފްގާނު ހިފުމާ އެކު، އެ ގައުމުގެ ޒަމާންވީ ދާހިލީ ހަނގުރާމަ ނިމުމަކަށް އައިސްފައި ވިޔަސް، އެ ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖްތަމައުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެ ގައުމު މިހާރު އޮތީ އިގްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭގަ އެވެ.

ކުރިއަށް އޮތް ފިނި މޫސުން ގާތްވަމުން އަންނަ އިރު، އެކަށީގެންވާ ކާބޯތަކެއްޗާއި ތެލާއި ގޭސް ލިބެން ނެތުމުން، އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް، އެހީދޭ ޖަމާއަތްތަކުން އިންޒާރު ކުރެ އެވެ. މިހާރު ވެސް އެތައް މިލިއަން ބަޔަކު ހައިހޫނުކަމާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހިފައި ވިޔަސް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގައި ހިފަހައްޓާފައި ހުރި އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ފައިސާތައް ދޫކޮށްލަން އެ ގައުމުތަކުން ނުވިސްނަ އެވެ.

ދާހިލީ ހަނގުރާމަ ނިމިފައި ވިޔަސް، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހަނގުރާމަވެރިންގެ ޓެރަރިސްޓް ހަމަލާތައް މިހާރު އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން މީހުން އަޅުކަމުގައި ތިބޭ ވަގުތު މިސްކިތްތަކަށާއި، މީހުން ތޮއްޖެހޭ ވަގުތުތަކުގައި ބާޒާރުތަކާއި މާރުކޭޓުތަކަށް ހަމަލާ ދިނުން ވަނީ އިތުރުވެފަ އެވެ.

އަފްގާނިސްތާނުގެ އަވަށެއްގެ ޒުވާނަކު ކަފަ ދަނޑެއްގައި މަސައްކަތް ކުރަނީ: ހައިހޫނުކަން އިތުރުވަމުން އަންނަ އިރު ކާބޯތަކެތި ހޯދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައި. --އޭއެފްޕީ

އަފްގާނިސްތާނުގެ އަވަށެއްގެ ޒުވާނަކު ކަފަ ދަނޑެއްގައި މަސައްކަތް ކުރަނީ: ހައިހޫނުކަން އިތުރުވަމުން އަންނަ އިރު ކާބޯތަކެތި ހޯދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައި. --އޭއެފްޕީ

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅޭ ގޮތުން ތާލިބާން ޖަމާއަތާ އެކުގައި ހެދި އެއްބަސްވުމުގައި ޝަރުތުކޮށްފައި އޮތް އެންމެ މުހިންމު ކަމަކީ އަލްގާއިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް، އަފްގާނިސްތާނުގައި ފުރުސަތު ނުދިނުމެވެ.

އެހެންކަމުން، އަފްގާނިސްތާނުގައި އަލްގާއިދާގެ ހަރަކާތްތައް ފުޅާވަމުން އަންނަ ކަމުގެ ކަންބޮޑުވުން، ތާލިބާން ޖަމާއަތުގެ އިސް ވެރިންނާ ހިއްސާކުރެއްވި ކަމަށް ޓޮމް ވިދާޅުވި އެވެ.

އެމެރިކާ އިން ލަފާކުރާ ގޮތުގައި، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް ފަހު، އަފްގާނިސްތާނުން ބޭރުގައި އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާ ދިނުމުގެ ގާބިލްކަން، 6-12 މަސް ތެރޭގައި، އައިއެސް ޖަމާއަތުން ހޯދާނެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އަލްގާއިދާ އިން ވެސް އެ ގާބިލުކަން ހޯދާނެ ކަމަށް ބެލެވެ އެވެ. އެއީ، އެމެރިކާ ސިފައިން އަފްގާނުން ފޭބުމުން، އަފްގާނިސްތާނުގައި އައިއެސް އާއި އަލްގާއިދާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް މަޑުޖެހިގެން ދާނެތީ އެވެ.

ޓޮމް ވިދާޅުވީ ކާބުލްގައި އެމެރިކާގެ އެމްބަސީ ހުޅުވުމާ މެދު މިހާރު ނުވިސްނާ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ބަލަމުން ދަނީ ތާލިބާނުންގެ ވެރިކަމުގެ ސުލޫކު ހުރި ގޮތާއި، ތާލިބާނުން ވެފައިވާ ވައުދުތައް ފުއްދާ މިންވަރަކަށެވެ.

ތާލިބާނުން އަފްގާނު ހިފުމަށް ފަހު ބުނީ އެ ގައުމުގައި އުފައްދާނީ ހުރިހާ ދަރިކޮޅުތަކާއި ހުރިހާ ގަބީލާތައް ބައިވެރިވާ ސަރުކާރެއް ކަމަށެވެ. އަދި އަންހެނުންނަށް ވެސް ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ވެސް ތާލިބާނުން ބުނެފައިވެ އެވެ.

ނަމަވެސް ތާލިބާނުން އެކުލަވައިލި ސަރުކާރުގައި، އެ ޖަމާއަތުން ބޭރު އެއްވެސް މީހަކު ނުހިމަނަ އެވެ. އަދި ކެބިނެޓްގެ އެއްވެސް މަގާމެއް އަންހެނަކަށް ނުދެ އެވެ. އޭގެ ބަދަލުގައި، ތާލިބާނުން ވެރިކަމަށް އައި އިރު، ސަރުކާރުގެ ވަޒީފާތަކުގައި ތިބި އަންހެނުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

މިހާރު އަންހެނުންގެ ތެރެއިން ވަޒީފާ އަދާކުރަމުން އަންނަނީ ސިއްހީ ދާއިރާގައި ތިބި ނަރުހުންނާއި ބައެއް ޑޮކްޓަރުންނާއި ބައެއް މަސައްކަތު މީހުންނެވެ. އަދި ޝަރުއީ ދާއިރާގައި ތިބި ހުރިހާ އަންހެން ފަނޑިޔާރުން ވެސް ވަނީ މަގާމުތަކުން ވަކިކޮށްފަ އެވެ. އޭގެ އިތުރުން ގްރޭޑް ހަޔަކުން ފެށިގެން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުވުން ވަނީ މަނާކޮށްފަ އެވެ.