Roadha Mihaaru
ރަސޫލާއަށް ކުރި ފުރައްސާރައަށް ބަދަލުހިފާނަން: އަލްގާއިދާ

ރަސޫލާއަށް ކުރި ފުރައްސާރައަށް ބަދަލުހިފާނަން: އަލްގާއިދާ

08 ޖޫން 2022

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ވެރިއަކު، ކީރިތި ގުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ކުރި ފުރައްސާރައަށް ބަދަލު ހިފާނެ ކަމަށް ބުނެ އަލް ގާއިދާ ޖަމާއަތުން މިއަދު އިންޒާރުކޮށްފި އެވެ.

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ވެރިއަކު، ކީރިތި ގުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ކުރި ފުރައްސާރައަށް ބަދަލު ހިފާނެ ކަމަށް ބުނެ އަލް ގާއިދާ ޖަމާއަތުން މިއަދު އިންޒާރުކޮށްފި އެވެ.

ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ތުހުމަތުކުރެވޭ ބީޖޭޕީގެ ދެ ވެރިންނަށް އެ ޕާޓީން މިހާރު ވަނީ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން، ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ މިހާރުވަނީ އެ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. އަދި ވެރިރަށް ނިއު ދިއްލީގައި ހުންނަ، އެ ޕާޓީގެ މީޑިއާ އިންޗާޖްގެ މަގާމުގައި ހުރި ނަވީން ކުމާރު މިހާރު ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓެރަރިސްޓު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އަލްގާއިދާގެ އިންޑިއާ ގޮފިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ކީރިތި ރަސޫލާގެ ކަރާމާތް ދެމެހެއްޓުމަށް ކުރާ ހަނގުރާމައިގެ ތެރެއިން" އިންޑިއާގައި ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދޭނެ ކަމަށެވެ. އެ ހަމަލާތައް ދޭނީ ގުޖުރާތާއި އުއްތަރަ ޕްރަދޭޝް އާއި ބޮމްބޭ އާއި ދިއްލީގައި ކަމަށް، އެ ޖަމާއަތުގެ ބަޔާނުގައިވެ އެވެ.

"އެކަން ކުރި މީހުންގެ އަމިއްލަ ގެދޮރުގައިވެސް އަދި އެމީހުންނަށް ހިމާޔަތް ދޭން ތައްޔާރަށް އޮތް އަސްކަރިއްޔާގެ މަރުކަޒުތަކުގައި ވެސް އެމީހުންނަށް ރައްކާތެރިކަމެއް ނުލިބޭނެ. އަހަރެމެންގެ ލޯބިވާ ނަބިއްޔާގެ ދިފާއުގައި އަހަރެމެން ބަދަލު ނުހިފައިފިއްޔާ، އަހަރެމެންގެ މައިން ވެސް އަހަރެމެންނާ މެދު ލަދުވެތިވާނެ،" އަލްގާއިދާގެ ބަޔާނުގައިވެ އެވެ.

އެ ޖަމާއަތުން ބުނާ ގޮތުގައި އެ ޖަމާއަތުގެ މުޖާހިދުން މިހާރުވެސް ތިބީ، އިންޑިއާގެ ހަރުކަށި ހިންދޫން، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި، ބަދަލު ހިފުމުގެ ގޮތުން ޖާނުން ފިދާވުމުގެ ހަމަލާތައް ދޭން ތައްޔާރަށެވެ. އަދި އެ ނުބައި އަމަލު ހިންގި މީހުންނަށް އެއްވެސް ގޮތަކުން މައާފު ނުކުރާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.

ބީޖޭޕީގެ އިސް މަގާމެއްގައި ތިބި ދެ ބޭފުޅަކު، އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ، ދުނިޔޭގެ 16 ގައުމަކުން މިހާރު ވަނީ ރަސްމީކޮށް ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އިރާގު، އީރާން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، އުންމާން، މެލޭޝިޔާ، އެމިރޭޓްސް، ޖޯޑްން، އަފްޣާނިސްތާނު، ޕާކިސްތާން، ބަހްރައިން، ދިވެހިރާއްޖެ، ލީބިޔާ ތުރުކިޔޭ އަދި އިންޑޮނޭޝިޔާ އެވެ. އޭގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.