Roadha Mihaaru
އެންމެ މަގުބޫލު ސިޓީ އަކީ ސެން ފްރާންސިސްކޯ

މި އަހަރު އެންމެ މަގުބޫލު ސިޓީ އަކީ ސެން ފްރާންސިސްކޯ

10 ސެޕްޓެމްބަރ 2021

މި އަހަރު އެންމެ މަގުބޫލު ސިޓީ އަކީ އެމެރިކާގެ ސެން ފްރަންސިސްކޯ ކަމަށް ޓައިމް އައުޓް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އެންމެ މަގުބޫލު ސިޓީ އަކީ އެމެރިކާގެ ސެން ފްރަންސިސްކޯ ކަމަށް ޓައިމް އައުޓް އިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސިޓީތައް ހިމަނައިގެން އެކުލަވާލި ލިސްޓްގެ އެންމެ ކުރި ސެން ފްރަންސިސްކޯ އަށް ލިބުނީ އެ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ވެސް އެ ސިޓީން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާ އެކު، ސިޓީގައި އުޅެން ހިތްފަސޭހަކަމުންނެވެ. އެގޮތުން، އެކި ހިދުމަތްތައް ހޯދުމާއި ބޭރުތެރެއަށް ނުކުމެ އުޅުމުގައި ހުރި ފަސޭހަތަކާއި ސިޓީގެ ވެށީގެ ހިތްފަސޭހަކަމާއި ރައްކާތެރިކަން ވެސް އެންމެ މަގުބޫލު ސިޓީއަށްވުމަށް މަގުފަހިވި ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.

އެމެރިކާ އަކީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް އެންމެ ގޯސްވި ގައުމަށް ވިޔަސް މި އަހަރުގެ ކުރީކޮޅުން ފެށިގެން ބަލީގެ ހާލަތު އެ ގައުމުގައި ވަރަށް ބޮޑުތަން ރަނގަޅުވެފައިވެ އެވެ. އަދި ސެން ފްރަންސިސްކޯ އަކީ ކޮވިޑްގެ ހާލަތު އެމެރިކާގައި އެންމެ ބޮޑަށް ގޯސްވި ދުސްވަރު ވެސް ބަލީގެ ހާލަތު ވަރަޑް ބޮޑަށް ކޮންރޯލްވެފައި އޮތް ސިޓީއެއްގެ ގޮތުގައި ޓައިމް އައުޓުން ފާހަގަކޮށްފައިވެ އެވެ.

ދުނިޔޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅޭ 27،000 އަށް ވުރެ ގިނަ މީހުންނާ ސުވާލު ވެސްކޮށްގެން އެކުލަވާލި ލިސްޓްގެ ގަދަ 10 އަށް ބަލާ އިރު އެމެރިކާގެ އެހެން ސިޓީއެއް ވެސް ލިސްޓްގައި ހިމެނެ އެވެ. އަދި ދުނިޔޭގެ އެންމެ ނަމް މަޝްހޫރު ސިޓީތަކުގެ ތެރޭގައި ވެސް ހިމެނޭ ނިއު ޔޯކެވެ. އެ ސިޓީ އޮތީ ލިސްޓްގެ ފަސް ވަނައިގަ އެވެ.

ލިސްޓްގައި ދެން ހިމެނޭ ގައުމުތައް ދަރަޖަވެފައި ވަނީ މި ތަރުތީބުންނެވެ. ނެދަލެންސްޑްގެ އެމްސްޓަޑަން، އިނގިރޭސިވިލާތުގެ މެންޗެސްޓަ، ޑެންމާކްގެ ކޯޕަންހޭގަން، ކެނެޑާގެ މޮންޓްރިއަލް، ޗެކް ރިޕަބްލިކްގެ ޕްރާގް، އިޒްރާއީލްގެ ތެލް އަވީވް، ޕޯޗްގަލްގެ ޕޯޓޯ އަދި ޖަޕާންގެ ޓޯކިއޯ އެވެ.