Roadha Mihaaru
މަޑުއްވަރީން ބޭނުންވަނީ ފުއްސަރުގައި އެއާޕޯޓު އަޅަން

މަޑުއްވަރީން ބޭނުންވަނީ ފުއްސަރުގައި އެއާޕޯޓެއް އަޅަން

09 ސެޕްޓެމްބަރ 2021

ރ. އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެ އަތޮޅު ފުއްސަރު ފަޅުގައި އެއާޕޯޓް އެޅުން ކަމަށް މަޑުއްވަރީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް މިއަދު ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ރ. މަޑުއްވަރީން ފަޒީނާ އަހުމަދު

ރ. އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެ އަތޮޅު ފުއްސަރު ފަޅުގައި އެއާޕޯޓް އެޅުން ކަމަށް މަޑުއްވަރީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް މިއަދު ހުށަހަޅައިފި އެވެ.

ފުއްސަރުގައި އެއާޕޯޓެއް އަޅައިދޭން މި އެދުނީ އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމައި އެ މަސައްކަތް ހަވާލުކުރުމުން ބައެއް ރަށްތަކުން ހިތްހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ.

ށ. އަތޮޅާއި ރ. އަތޮޅަށް ކުރެއްވި ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި މަޑުއްވަރީއަށް މިއަދު ހަވީރު ވަޑައިގެން ރައީސް ވަނީ އެ ރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލް ހުޅުވައިދެއްވައިފަ އެވެ. އޭގެ ފަހުން ކައުންސިލާ ބައްދަލުކުރައްވައި ރަށަށް ބޭނުންވާ ކަންކަން ހުށަހަޅަން އެދިވަޑައިގަތުމުން ދަތުރުފަތުރުގެ ދަތިކަން ހުށަހެޅި އެވެ.

ކައުންސިލުން ބުނި ގޮތުގައި ރ. އަތޮޅަށް އެންމެ ފައިދާ ބޮޑީ ދެކުނު ބިތުގައި އެއާޕޯޓް އެޅުމެވެ.

ރ. އަތޮޅު އިފުރުގައި އެއާޕޯޓެއް އަޅާފައި އޮތަސް މަޑުއްވަރީއަކީ އަތޮޅުގެ އެންމެ ދެކުނު ބިތުގައި އޮންނަ ރަށަށް ވާތީ އިފުރާ ދުރު ކަމުގެ ކަންބޮޑުވުންފާޅުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު މިއަދު ހުޅުވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު މިއަދު ހުޅުވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފުއްސަރުގައި އެއާޕޯޓް އެޅުމަކީ ރައްޔިތުންނަށް ފައިދާ ބޮޑު ގޮތް ކަމަށް ބާރުދޭން ކައުންސިލުން ދެއްކީ އެ ރަށާ ކައިރީގައި ރިސޯޓްތައް ތަރައްގީކޮށްފައި އޮތުމެވެ. އެެހެންވެ ޓޫރިސްޓުން ގިނަ އަދަދަކަށް ދާ ސަރަހައްދަކަށް އެއާޕޯޓް ބަދަލުކުރަން ވިސްނިއަސް ފުއްސަރަކީ އެންމެ ރަނގަޅު މަންޒިލް ކަމަށް މަޑުއްވަރީ ކައުންސިލުން ދެކެ އެވެ.

ކައުންސިލަރުން ވިދާޅުވި ގޮތުގައި ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަކީ އެ ރަށްތަކުގެ ރައްޔިތުން ވެސް ދެކޭ އުއްމީދެކެވެ. އަދި މަޑުއްވަރީއާ ކައިރި ރަށްތަކަށް ދަތުރުފަތުރުކުރުމުގައި ފަސޭހަ ހޯދެން އޮތީ ފުއްސަރުގައި އެއާޕޯޓު އަޅައިގެން ކަމަށް ކައުންސިލުން ބުންޏެެވެ.

"އެއާޕޯޓުގެ އިތުރުން ވެސް މިވަގުތު ހުރި ހުރިހާ ކަންބޮޑުވުމެއް ހުށަހެޅިން," ކައުންސިލްގެ ރައީސް އަބްދުﷲ ސޯދިގު ވިދާޅުވި އެވެ.

މަޑުއްވަރީއަށް ކޮށްދޭން ސަރުކާރުގައި އެދުނު ކަންކަން

ބިމުގެ ދަތިކަން ކުރިމަތިވެ ގޯތި ދޫނުކުރާ އެ ރަށުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭން ފްލެޓް އެޅުން

މަޑުއްވަރީގެ އިހްތިސޯސްގެ ތެރޭގައި އުފުލަންދޫ ހަމަޖައްސައިދިނުން

ދެކުނު ފަރާތު ބަނދަރުގެ ބޭރު ތޮށި ބޭނުންކުރެވޭ ގޮތް ހެދުމާއި ރަށުގެ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުން އާބާދީއާ އެކަށޭނެ މިންވަރަށް ކަރަންޓުގެ ހިދުމަތް ފުޅާކުރުމާއި ރަށުން ހިއްކެން އޮތް އެންމެ ބޮޑަށް ބިން ހިއްކައި އިންޖީނުގެ އާއި ކުނިކޮށި ރީލޮކޭޓްކުރުން

ޕްރިންސިޕަލަކު ނެތުން ފަދަ މަޑުއްވަރީ ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުން

މަގުތައް ތާރު އަޅައިގެން ހަދައިދީ ޒަމާނީ ފުޓްބޯޅަ ދަނޑެއް ގާއިމްކުރުމާއި ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުން

ކައުންސިލްގެ ރައީސް ސޯދިގު ވިދާޅުވި ގޮތުގައި ކައުންސިލުން ހުށަހެޅި ކަންކަން ރައީސް އަޑުއެއްސެވި އެވެ. "އެއްވެސް ކަމަކަށް ނޫނެކޭ ވިދާޅެއް ނުވޭ, ރައީސް ވިދާޅުވީ ދެކުނު ބިތުގައި އެއާޕޯޓެއް އޮންނާނެއޭ. ވަކި ދުވަހެއް, ވަކި މުއްދަތެއް ދަންނަވަން ދައްޗޭ."