Roadha Mihaaru
ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުންނަށް ވެސް ތައްޔާރު

އާންމުން އެދޭ ނަމަ ސިޔާސީ ދާއިރާ އިން ފެނިދާނެ: ކަންގަނާ

12 ސެޕްޓެމްބަރ 2021

ގިނަ ބަޔަކު އެދޭ ނަމަ އަދި އެކަމަށް ސަޕޯޓްކޮށް ހިތްވަރުދޭ ނަމަ ކޮންމެވެސް ހިސާބަކުން ސިޔާސީ ދާއިރާ އަށް ނުކުތުމާ ދޭތެރޭ ވިސްނާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ ބަޔަކު އެދޭ ނަމަ އަދި އެކަމަށް ސަޕޯޓްކޮށް ހިތްވަރުދޭ ނަމަ ކޮންމެވެސް ހިސާބަކުން ސިޔާސީ ދާއިރާ އަށް ނުކުތުމާ ދޭތެރޭ ވިސްނާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

ހުކުރު ދުވަހު ރިލީޒްކުރި އޭނާގެ އެންމެ ފަހުގެ ފިލްމު "ތަލައިވީ" ބޮޑުވަޒީރު ނަރެންރުދަ މޯދީގެ ސަރުކާރުގެ އިސް އޮފިޝަލުންތަކަކަށް ބުރާސްފަތި ދުވަހު ދެއްކުމަށް ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިވެންޓެއްގައި ކަންގަނާ ބުނީ އޭނާ ސިޔާސީ ދާއިރާ އިން ފެންނަން ގިނަ ބަޔަކު އެދޭ ނަމަ އެ ފުރުސަތު އޮވެދާނެ ކަމަށެވެ.

"އަހަންނަށް އެނގޭ ބަތަލާއެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު އަހަރެން ދެކެ ލޯބިވާކަން. އަދި މި ވަގުތު ބަތަލާއެއްގެ ގޮތުގައި ހުރުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެއް. އެކަމަކު މާދަމާ ރައްޔިތުންގެ ތެރެއިން ބަޔަކު އަހަރެން ސިޔާސީ ދާއިރާ އިން ފެންނަން އެދޭ ނަމަ އަދި އެކަމަށް ހިތްވަރުދޭ ނަމަ އެ ދާއިރާގައި މަސައްކަތްކުރުމަކީ ވެސް އަހަރެން ވަރަށް ގަޔާވާނެ ކަމެއް،" ވެރިކަން ކުރާ ބީޖޭޕީ އާއި މޯދީ އަށް އަބަދު ވެސް ވަރަށް ބޮޑަށް ސަޕޯޓްކުރާ ބަތަލާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި އޭނާ އަކީ އަބަދު ވެސް ގައުމު ދެކެ ލޯބިވާ ގައުމުގެ ކަންކަމާ މެދު އަޑުއުފުލަން ބޭނުންވާ ގައުމީ ޖޯޝާއި ރޫހު ގަދަ މީހެކެވެ.

"ގައުމުގެ ހުރި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ކޮންމެހެން ސިޔާސީ މީހަކަށް ވާކަށް ވެސް ނުޖެހޭ. އަހަންނަކީ ގައުމުދެކެ ވަރަށް ލޯބިވާ ޒިންމާދާރު ރައްޔިތެއް. އެހެންވެ އަހަރެންގެ ގައުމުގައި ހުންނަ އެކި މައްސަލަތަކާ ބެހޭ ގޮތުން ހިޔާލު ފާޅުކުރަނީ،" އޭނާ ބުންޏެވެ.

ކަންގަނާ ބުނީ "ތަލައިވީ" އަކީ ވެސް ބަތަލާއަކުން ސިޔާސީ ލީޑަރަކަށް ބަދަލުވި މީހެއްގެ ވާހަކަ ކިޔައިދިން ފިލްމަކަށްވުމާ އެކު، ސީޔާސީ ދާއިރާ އިން އަންހެނުންނަށް ވެސް ކުރިއަށް ދެވިދާނެކަން އެތައް ބަޔަކު ކުރިން ސާބިތުކޮށް ދީފައިވާ ކަމަށެވެ.

"ތަލައިވީ" އަކީ "އައްމާ" ގެ ނަމުން މަޝްހޫރުވި އިންޑިއާ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމުގައި ކަންގަނާ ދެއްކި އެކްޓިން އަށް ކްރިޓިކުންނާއި އާންމުން ވެސް އަންނަނީ ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. އަދި މިއީ އޭނާ ފަސް ވަނަ ނެޝަލް އެވޯޑް ހޯދާނެ ފިލްމު ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ޓްވީޓް ވެސް ކުރަމުންނެވެ.

އިންޑިއާގެ އެންމެ ނުފޫޒު ގަދަ އަންހެން ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނުނު ޖަޔަލަލީތާގެ ރޯލަށް ފަހު، ކަންގަނާ ފިލްމެއްގައި އިންޑިއާގެ ހަމައެކަނި އަންހެން ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ވެސް ކުޅޭނެ އެވެ. އެއީ އޭނާ ޑައިރެކްޓްކުރާނެ ކަމަށް އިއުލާންކޮށްފައިވާ "އިމަޖެންސީ" ގަ އެވެ.