Roadha Mihaaru
އަޅުގަނޑަށް ދައުވާކުރެވޭނީ އަދީބަށް ކޮށްފައި: ޖިހާދު

އަދީބަށް ދައުވާ ނުކޮށް އަޅުގަނޑަށް ދައުވާ ނުކުރެވޭނެ: ޖިހާދު

11 ސެޕްޓެމްބަރ 2021

ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ހެދި ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ މައްސަލައިގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ދައުވާ ނުކޮށް އެހެން އެއްވެސް މީހަކަށް ދައުވާ ނުކުވޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ހެދި ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ މައްސަލައިގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ދައުވާ ނުކޮށް އެހެން އެއްވެސް މީހަކަށް ދައުވާ ނުކުވޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ޖިހާދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެގްރީމެންޓެއް ހަދަން ނިންމާފައި އޮއްވައި، ސަރުކާރުގެ ހިއްސާ އެ އަށް ވުރެ ކުޑަކޮށް ކުންފުނި ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެކު ސޮއިކުރުމުންނެވެ. އެހެންވެ، ދައުލަަތަށް ލިބެން އޮތް ފައިދާއެއް ގެއްލުން ކަމަށް ބުނެ ޖިހާދުގެ މައްޗަށް ދައުވާކުރީ އެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އޮތީ ޖިހާދުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރީގެ ހުށަގެޅުންތައް ހުށަހެޅުމެވެ.

އެ މަނިކުފާނުގެ ފަރާތްޕުޅުން ބުނީ، ފުށިދިއްގަރު ފަޅުގެ މަޝްރޫއުގެ މަރުހަލާތަކުގައި އެންމެ އިސްކޮށް އުޅުއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު ކަމަށެވެ. އެއްބަސްވުން ޑްރާފްޓު ކުރުމުގައި ވެސް އަދީބު އުޅުއްވި ކަމަށް ޖިހާދުގެ ފަރާތްޕުޅުން ކޯޓުގައި ބުންޏެވެ. ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއްގައި އެއްބަސްވުުން އެކުލަވައިލުމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައި ވާތީ އެކަން ވެސް ޖިހާދުގެ ފަރާތްޕުޅުން ފާހަގަކުރި އެވެ.

އެހެންވެ، މި މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ ނުކޮށް، އެހެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށާއި ލިޔުންތަކަށް ބަލާއިރު އަދީބުގެ ބައިވެރިވުން ޖިހާދަށް ވުރެ ބޮޑު ކަމަށް ވެސް ޖިހާދުގެ ފަރާތްޕުޅުން ބުނެ އެވެ.

"ދައުވާގައި ފާހަގަކުރާ މި މަޝްރޫއުގެ ތެރޭގައި ޖިނާއީ ކުށެއްގެ އަމަލަކާ ގުޅިގެން ދައުވާކުރާ ނަމަ އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުވާނުކޮށް އެހެން ފަރާތެއްގެ މައްްޗަށް ދައުވާ ކުރެވޭނެ ކަމަަކަށް ނުދެކެމެވެ." ޖިހާދުގެ ހުށަހެޅުމުގައި ވެ އެވެ.

މި މައްސަލައިގައި ހެކިވެރިއެއްގެ ގޮތުގައި އަދީބު ބަލައިނުގަތުމަށް ވެސް ޖިހާދު އެދިވަޑައިގަތެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ތަހުގީގުގެ އެކި މަރުހަލާތަކުގައި އެކި ގޮތަށް އަދީބު ވާހަކަފުޅު ދައްކަވާފައި ވާތީ، އެ މަނިކުފާނުގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދިފައި ވުމެވެ. އަދި އެއް ޖަރީމާއަކާ ގުޅިގެން ތުހުމަތު ކުރެވޭ މުއްތަހަމުންގެ ތެރެއިން އެއް މުއްތަހަމަކު އަނެއް މުއްތަހަމަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން ފަދަ ހާލަތުތަކަކީ ހެކިވެރިޔާގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުން މަނާ ވެގެންވާ ހާލަތުތަކެއްކަން ސުޕްރީމް ކޯޯޓުގެ 2012 ވަނަ އަހަރުގެ ގަޒިއްޔާއެއްގައި ނިންމާފައި ވުމެވެ.

ހެކިވެރިއެއްގެ ގޮތުގައި އަދީބު ބަލައިނުގަތުމަށް އެދިވަޑައިގަތުމުގެ އިތުރުން، ކިތާބީ ހަ ހެއްކެއް ބަލައިނުގަތުމަށް ޖިހާދުގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. އޭގެ ތެރޭގައި ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ޖިހާދު އެސެޓް ރިކަވަރީ ކޮމިޝަނަށް ދެއްވާފައިވާ ބަޔާނާއި މަޝްރޫއާ ގުޅޭ ލިޔުންތަކާއި ރައީސް އޮފީހުގެ ސިޓީއެއް ވެސް ހިމެނެ އެވެ.

މުހިންމު އެހެން ހުށަހެޅުންތަކެއް

އެސެޓް ރިކަވަރީ ކޮމިޝަނުން ދައުވާ ކުރަން ފޮނުވާއިރު، ރައީސްގެ ލަފާ ހޯދަން ޖެހޭ ކަމަށް ގާނޫނުގައި ބުނާ އިރު އެކަން ކޮށްފައި ނުވާ ކަމަށް ބުނެ ވެސް ޖިހާދުގެ ހުށަހެޅުމުގައި ވެ އެވެ.

މީގެ ކުރިން އޭސީސީން ނިންމާފައި އޮތީ މި މައްސަލައިގައި ޖިހާދު ކުށެއް ކުރި ކަމުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް، އެގޮތަށް ނިންމާފައި އޮއްވައި މައްސަލަ އަލުން ތަހުގީގު ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމި އެވެ.

އެކަމާ ގުޅިގެން ޖިހާދުގެ ފަރާތްޕުޅުން ބުނީ، ކޮރަޕްޝަން ނައްތައިލުމަށް ގާނޫނުއަސާސީން މުސްތަގިއްލު އެންޓި ކޮރަޕްޝަން ކޮމިޝަނެއް އުފައްދައި އެ މަސްއޫލިއްޔަތު އެ ކޮމިޝަނާ މަތިކޮށްފައިވާއިރު، އެ ކޮމިޝަނުން ނިންމާ ނިންމުންތައް ބަދަލުކޮށް، އެ ނިންމުންތަކުގެ ބާރު ކެނޑޭ ފަދަ ގޮތަކަށް ނުވަތަ އެ ކޮމިޝަނުގެ މުސްތަގިއްލުކަން ނެތިދާ ފަދަ ގޮތަކަށް ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފުވުން ކަމަށެވެ.

މީގެ ކުރިން އޭސީސީން ތަހުގީގުކޮށް ނިންމާފައި ވަނިކޮށް، އަލުން ތަހުގީގުކޮށްފައި ވަނީ އެ ފަދަ ކަންކަމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ވެސް ބުންޏެވެ. އެގޮތުން ރާއްޖޭގައި މައްސަލައެއް އަލުން ތަހުގީގު ކުރަން އަންގާނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށާއި އެކަމަކު ޖިހާދުގެ މައްސަލަ އަލުން ތަހުގީގު ކުރީ ޕްރޮސެކިއުޓާ ޖެނެރަލް އަންގަވައިގެން ނޫން ކަމަށް ޖިހާދުގެ ހުށަހެޅުމުގައި ވެ އެވެ. އޭގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން އަލުން ތަހުގީގު ކުރަން ނިންމީ އާ ކޮން ހެކިތަކެއް ލިބިގެން ކަމެއް ވެސް ސާފު ނުވާ ކަމަށް ވެ އެވެ.

ކުރާ ދައުވާއެއްގައި އެ މީހާ ކުރި ކަމަށް ބުނާ ކުށް ބަޔާންކުރުމުގެ އިތުރުން، އެ މީހާ ހިންގި ކަމަށް ބުނާ އަމަލާއި އޭނާ އެ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާންކުރުން ލާޒިމު ކޮށްފައިވާއިރު ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެ ކަންކަން ފުރިހަމަކޮށްފައެއް ނުވާ ކަމަށް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ބުންޏެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް، ފަހުން އެކުލަވައިލި ގާނޫނުލްއުގޫބާތުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާ ކަމަށާއި އެހެންވެ، ގާނޫނުލްއުގޫބާތުގެ ކުރިން އެކުލަވައިލި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ވެސް ޖިހާދުގެ ފަރާތްޕުޅުން ބުނެ އެވެ.

އޭގެ އިތުރުން ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ނިންމުމަކާ ޖިހާދު ހިލާފުވެވަޑައިގެންނެވި ކަމަށް ދައުވާގައި ބުނާ އިރު އެފަދަ ކަމެއް އެ މަނިކުފާނު ކުރެއްވި ކަން އެއްވެސް ލިޔުމަކުން އެނގެން ނެތް ކަމަށް ވެސް ބުންޏެވެ.

ޖިހާދުގެ ހުށަހެޅުންތައް ނިމުމުން، ބުރާސްފަތި ދުވަހުގެ ޝަރީއަތުގައި އިތުރު ވަގުތު ނެތުމުން އެ ދުވަހު އެހެން ބައެއް ކުރިއަށް ނުގެންގޮސް އަޑުއެހުން ނިންމައިލީ އެވެ. އަދި އެ ހުށަހެޅުންތަކަށް ދައުލަތުން ރައްދެއް ނުދެ އެވެ.

ޖިހާދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާއިރު، އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގައި އެ މަނިކުފާނު ވަނީ ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން ސަރުކާރާ ދެކޮޅަށް އަޑު އުފުއްލަވައިފަ އެވެ. ޖިހާދު ވިދާޅުވީ، މަގުމައްޗަށް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ސަރުކާރުގެ އަނިޔާތަކަށް ކެތް ނުކުރެއްވިގެން ކަމަށެވެ.