Roadha Mihaaru
ޓީސީއެލްގެ ފަތްޖެހޭ ފޯނުގެ މަސައްކަތް މެދުކަނޑާލައިފި

ޓީސީއެލްގެ ފަތްޖެހޭ ފޯނުގެ މަސައްކަތް މެދުކަނޑާލައިފި

13 ސެޕްޓެމްބަރ 2021

ޗައިނާގެ ކުންފުނި ޓީސީއެލް އިން ފަތްޖެހޭ ފޯނު މި އަހަރު ނެރެން ކުރަމުން އައި މަސައްކަތް މި ވަގުތަށް މެދުކަނޑާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ކުންފުނި ޓީސީއެލް އިން ފަތްޖެހޭ ފޯނު މި އަހަރު ނެރެން ކުރަމުން އައި މަސައްކަތް މި ވަގުތަށް މެދުކަނޑާލައިފި އެވެ.

ކޯޑް ނަމަކަށް "ޕްރޮޖެކްޓް ޝިކާގޯ" ގެ ނަމުގައި، ތިން ތަނުން ފަތްޖެހޭ ފޯނަކަށް މަސައްކަތްކުރަމުން އަންނަކަން އެ ކުންފުނިން އިއުލާންކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެކަމަކު އެ މަސައްކަތް މި ވަގުތަށް ހުއްޓުމަކަށް ގެނެސްފައިވާކަން ޓީސިއެލް އިން ވާޖް އަށް ކަވަރުކޮށް ދީފައިވެ އެވެ.

އެތަނުން ބުނީ ފަތްޖެހޭ ފޯނު މި އަހަރު ނެރެން ކުރަމުން އައި މަސައްކަތް މެދުކަނޑާލީ އެކަމަށް ކުރަން ޖެހޭ ހަރަދު ކުރިން ހީކުރި ވަރަށް ވުރެ ބޮޑުވުމާއި ކުންފުނީގެ ސަޕްލައި ޗެއިނަށް އޮތް ތަރުހީބު ވެސް ހިތްހަމަޖެހޭ ވަރު ނުވާތީ ކަމަށެވެ.

ޓީސީއެލް އިން ބުނި ގޮތުގައި ފަތްޖެހޭ ފޯނުގެ ވިޔަފާރި އަހަރުން އަހަރަށް ފުޅާވަމުން ދިއުމާއި އެފަދަ ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި، އެ ޒާތުގެ ފޯނާ އެކު ބޮޑުވަމުން އަންނަ ވާދަވެރިކަމާ ހެދި ފަތްޖެހޭ ފޯނަކީ "ޕްރީމިއަމް" އުފެއްދުމެކެވެ.

އެހެންވެ މާކެޓްގައި މިހާރު ހުރި ފަތްޖެހޭ ފޯނާ ވާދަކުރެވޭ ފެންވަރުގެ އެއްޗަކަށް ނުވަތަ އެއަށް ވުރެ ހުރިހާ ގޮތަކުން ވެސް ފެންވަރު ރަނގަޅު އެއްޗަކަށް ކުރަން ޖެހޭ މަސައްކަތްތަކަށް ހުރި ދަތިތައް މިވަގުތު ބޮޑު ކަމަށް ބުންޏެވެ. މަސައްކަތް މި ވަގުތަށް މަޑުޖައްސައިލި ނަމަވެސް،ފަތްޖެހޭ ފޯނު ހަގީގަތަކަށް ހަދަން ކުރާ މަސައްކަތް ޓީސީއެލް އިން ހުއްޓައިނުލާނެ ކަމަށް ބުންޏެވެ.

"ކޮވިޑްގެ ބަލިމަޑުކަމާ އެކު ދިމާވި ގޮންޖެހުންތައް ވެސް ބޮޑު. ފަތްޖެހޭ ފޯނަށް ވަރަށް ގިނަ ގިނަ ދުވަހު މަސައްކަތްފައި މިހާރު އެ މަސައްކަތް މަޑުޖައްސައިލަން ނިންމުމަކީ ކުންފުންޏަށް ފަސޭހަ ނިންމުމެއް ވެސް ނޫން،" ޓީސީއެލްގެ ޗީފް މާކެޓިން އޮފިސަރު ސްޓެފެން ސްޓްރީޓް މެއިލަކުން ވާޖަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެން އޭގެ މަސައްކަތް އަލުން ފަށާނީ ފުޅާ މާކެޓް ރިސާޗަކަށް ފަހު ކަމަށެވެ. އަދި ޓީސީއެލްގެ އަމާޒަކީ ހުރިހާ އެންމެންގެ ވެސް އަތްފޯރާ ވަރުގެ ފެންވަރު ރަނގަޅު އަދި ތަފާތު ފަތްޖެހޭ ފޯނެއް މާކެޓަށް ނެރުން ކަމަށް ވިދާޅުވި އެވެ.

"ފޯނުގެ މާކެޓަށް ވާނުވާ އަހަރެމެން ވަރަށް ގާތުން މޮނިޓަކުރަމުން ގެންދާނަން. އެއަށް ފަހު ފަތްޖެހޭ ފޯނު ދެން ނެރޭނެ އިރަކާ ދޭތެރޭ ގޮތެއް ނިންމާނީ." ސްޓެފެން ވިދާޅުވި އެވެ.

ޓީސީއެލްގެ ފަތްޖެހޭ ފޯނުގެ ޕްރޮޓޯޓައިލް އެންމެ ފުރަތަމަ ދެއްކީ މިދިޔަ އަހަރު ބޭއްވި ކޮންޒިއުމާ އިލެކްޓްރޯނިކް ޝޯ (ސީއީއެސް) ގަ އެވެ.