Roadha Mihaaru
5،000 ސޮޔާއެކު އެމްއެންޕީ ބުދަދުވަހު އިލެކްޝަންސަށް

5،000 ސޮޔާއެކު އެމްއެންޕީ ބުދަދުވަހު އިލެކްޝަންސަށް

12 ސެޕްޓެމްބަރ 2021

ގައުމީ ފިކުރުގެ ގޮތުގައި ކުރިއަރުވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ހުއްދަ ދިންތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 ސޮއި ހަމަކޮށް ރަޖިސްޓްރީކުރަން އަންނަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގައުމީ ފިކުރުގެ ގޮތުގައި ކުރިއަރުވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ހުއްދަ ދިންތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 ސޮއި ހަމަކޮށް ރަޖިސްޓްރީކުރަން އަންނަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި މަޖިލީހުގެ އިތުރު ހަތަރު މެމްބަރުންނާ އެކު ޕާޓީ އިއުލާންކުރީ ޖުލައި 15ގަ އެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ރަށްތަކަށް ދަތުރުކޮށް އެ ޕާޓީ ރަޖިސްޓްރީކުރަން ބޭނުންވާ އަދަދަށް ވުރެން އިތުރަށް މެމްބަރުން ވަނީ ހޯދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ ސައްހަ 3000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

އެމްއެންޕީގައި އެންމެ އިސްކޮށް މިވަގުތު ހުންނެވި ނާޒިމް "މިހާރު"އަށް ވިދާޅުވީ ޕާޓީ ރަޖިސްޓްރީކުރަން މެމްބަރުން ހަމަކުރުމުގައި އަމާޒަށް ވާސިލްވެ، ދެން އޮތީ އިލެކްޝަންސަށް ހުށަހެޅުން ކަމަށެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަގްސަދުގައި އުފައްދާ ޕާޓީން އަމާޒު ހިފާފައި އޮތީ މި އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމަށް އާދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް އިސްވެ އުފައްދާ ސިޔާސީ ޕާޓީ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި އޭނާ އާއި އެ ޕާޓީގެ ބައެއް އިސްވެރިން މިއަދު މީޑިއާއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ނާޒިމް އިސްވެ އުފައްދާ ސިޔާސީ ޕާޓީ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި އޭނާ އާއި އެ ޕާޓީގެ ބައެއް އިސްވެރިން މިއަދު މީޑިއާއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ނާޒިމްގެ އިތުރުން އެ ޕާޓީގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރަށް މަޖިލީހުގެ ދެ މެމްބަރަކު އެ ޕާޓީއާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވެ އެވެ.

ސަރުކާރު ޖަވާބުދާރީކުރުވާ އިދިކޮޅުު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގައި ތިއްބެވީ ނުވަ މެމްބަރުންނެވެ.

އެއީ ޕީޕީއެމްގައި ހަ މެމްބަރުންނާއި ޕީއެންސީގެ ތިން މެމްބަރުންނެވެ. އެހެންވެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މިހާރު ޕީޕީއެމެވެ.

ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކާ އެމްއެންޕީ ތަފާތުވާނެ އެވެ. މައިގަނޑު ބަދަލަކީ އެ ޕާޓީއަކީ ވަކި ލީޑަރެއްގެ ވަށައިގެން ނޭނބުރޭ ޕާޓީއަކަށް ވުން ކަމަށާއި ޕާޓީގެ ލީޑަޝިޕްގައި އެކަކަށް އެންމެ ގިނައިން ހުރެވޭނީ ދެ ދައުރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް އާއި ރިޔާޒް އެމްއެމްޕީ އުފައްދެވުމުގެ މަސައްކަތް ފެއްޓެވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އޮތް ގާތް ގުޅުން ހީނަރުވެ ޕާޓީ ދޫކޮށްލެއްވީ ސިޔާސީ މުސްތަގުބަލެއް ނެތުމުން ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް މިހާރު ވެސް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. އޭގެތެރެއިން ގާނޫނުގައި ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަވަނީ މަދު ޕާޓީއެއްގަ އެވެ.