Roadha Mihaaru
ޕާޓީތަކަށް ބަޖެޓުން ފައިސާ ދިނުން ހުއްޓާލަން އިސްލާހެއް

ސިޔާސީ ޕާޓީތަކަށް ބަޖެޓުން ފައިސާ ދިނުން ހުއްޓާލަން ގާނޫނު އިސްލާހުކުރަން ހުށަހަޅަނީ

23 މެއި 2022

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްއެންޕީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްއެންޕީން ނިންމައިފި އެވެ.

އެ ޕާޓީގެ ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު "މިހާރު" އަށް މިއަދު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ޕާޓީތަކަށް ފައިސާ ދޭން ނުޖެހޭ ކަމަށެވެ. އަދި މިހާރު އޮންނަ ގޮތަށް ޕާޓީގައި ތިބި މެމްބަރުންގެ އަދަދަށް ބަލައިގެން ފައިސާ ދިނުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓްގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭނެ އެވެ. އެކަމަކު އެ ފައިސާ ލިބޭނީ އެ ގާނޫނުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި 10،000 އަށްވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށެވެ.

އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން މި އަހަރު އެކަނި ވެސް 30.2 މިލިއަން ރުފިޔާ ދޫކޮށްފައި އެވެ. އެއީ؛

1- އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)

2- ޕީޕީއެމް: 9.4 މިލިއަން ރުފިޔާ (34،237 މެމްބަރުން)

3- ޖޭޕީ: 5.53 މިލިއަން ރުފިޔާ (20،107 މެމްބަރުން)

4- އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެމްބަރުން)

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރިޔާޒު ވިދާޅުވީ ޕާޓީތަކަށް ވަގަށް މެމްބަރުން ވައްދާ މައްސަލަ ވެސް ހައްލުނުވަނީ ޕާޓީތަކަށް ފައިސާ ދޭތީ ކަމަށެވެ. އެކަން ހުއްޓާލައިފި ނަމަ، ޕާޓީތަކަށް ވަގަށް މެމްބަރުން ވެއްދުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށްވުރެ އެ ބަޖެޓުން ސިއްހީ ދާއިރާ ރަނގަޅުކުރުން މާ މުހިއްމު. އެ މީހުންގެ ސިޔާސީ ނުފޫޒު ވަރުގަދަކުރަން ވެގެން ކަމަށް ގަބޫލުކުރެވެނީ ފައިސާ މި ހޯދަނީ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީތަކަށް ފައިސާ ދިނުން ފިޔަވައި އީސީގެ ދަފްތަރުން ކުރާ އިތުރު ކަމެއް ނެތެވެ. ޕާޓީތަކުގެ އެތެރޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލަނީ އެ ޕާޓީއެއްގެ ދަފްތަރުގައި ތިބި މީހުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ބަޖެޓުން ފައިސާ ދިނަސް ސިޔާސީ ޕާޓީތައް އޮޑިޓެއް ނުކުރޭ އޮޑިޓް އޮފީހުން. މި ފަހުން އެމްޑީޕީ އިންތިހާބުގެ ކެމްޕެއިންގައި ތުހުމަތުކުރި ޕާޓީއަށް ލިބޭ ފައިސާއަށް ކުރާ ކަމެއް ނޭނގެއޭ،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ޕާޓީތަކުގެ މެންބަރުން އަމިއްލައަށް ފައިސާ ހޯދައިގެން ޕާޓީ ހިންގޭނެ ކަމަށެވެ.