Roadha Mihaaru
ނާޒިމްގެ ޕާޓީއަށް ހުއްދަ ދީފި، 5 މެންބަރަކު ހިމެނޭ

ނާޒިމްގެ ޕާޓީ އުފައްދަން ހުއްދަ ދީފި، މަޖިލީހުގެ ފަސް މެންބަރަކު ހިމެނޭ

15 ޖުލައި 2021

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

އީސީން ބުނީ "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއަށް ދީފައިވާ ކަމަށެވެ. އުޝާމަކީ ނާޒިމްއާ ދެބެއިންގެ ދެ ދަރި ބޭފުޅެކެވެ.

ޕާޓީ އުފައްދަން ހުއްދަ ދިންކަން ހާމަކޮށް އިލެކްޝަނުން ކުރި ޓްވީޓާ އެކު އުޝާމް ވިދާޅުވެފައި ވަނީ އެމްއެންޕީ އަކީ ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމްދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު ގުޅިގެން އުފައްދަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

"އުންމީދަކީ މާ ލަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީކުރުމަށް ކުރަން ޖެހޭ ކަންކަން ކޮށް ނިންމުން،" އުޝާމް ވިދާޅުވި އެވެ.

ނާޒިމް އާއި ރިޔާޒް މީގެ ކުރިން ތިއްބެވި ޖުމްހޫރީ ޕާޓީން އެ ދެ ބޭފުޅުން ދާދި ފަހުން ވަނީ ވަކިވެވަޑައިގެންފަ އެވެ. އެ ޕާޓީގައި ދެން ހިމެނޭ ތިން މެންބަރުންނަކީ ވަކި ޕާޓިއަކަށް ނިސްބަތް ނުވެ، އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންނެވެ.

އަލަށް މި ހަދާ ޕާޓީގެ ލީޑަރުގެ މަގާމަށް އައްޔަންކުރާ މީހަކަށް އެ މަގާމުގައި ހުރެވޭނީ ގިނަ ވެގެން ދެ ދައުރުގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެ ނިންމުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގައި މިހާރު ގެންގުޅޭ "ކަލްޓް" އުސޫލު ނުވަތަ އަބަދުވެސް އެއް ލީޑަރެއްގެ ފަހަތުން ޕާޓީ އާއި މެމްބަރުން "ދުވުމުގެ" ވިސްނުން ކަނޑުވައިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ ޕާޓީ ވުޖޫދަށް އައިސްފި ނަމަ އެ ޕާޓީ ވާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިހާރު ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް ހިންގާއިރު، އެންމެ ފަހުން ރަޖިސްޓަރީ ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އެވެ. އެމްއާރުއެމް ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގަ އެވެ.

މަޖިލީހުގެ ފަސް މެމްބަރުންނާއެކު، ނާޒިމްގެ ސިޔާސީ ޕާޓީ ވުޖޫދަށް އައިސްފި ނަމަ، މަޖިލީހުގައި ތިންވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އަަކަށް ވާނީ އެ ޕާޓީ އެވެ. މަޖިލީހުގައި 65 މެމްބަރުންނާއެކު ސުޕަ މެޖޯރިޓީ އެމްޑީޕީ ދަމަހައްޓާއިރު މިހާރު ދެވަނަ އަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު ޕީޕީއެމެވެ. ނަމަވެސް ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ތިން މެމްބަރުން އެއްކޮށްލުމުން އެ ކޯލިޝަންގެ މެމްބަރުންގެ އަދަދު ނުވަ އަކަށް އަރަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރާ މެމްބަރުންގެ އަދަދަކީ މިހާރު ހައެކެވެ.