Roadha Mihaaru

އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު 8،000 އަށް ދަށްވެ، ފައިސާ ލިބޭ ލިސްޓުން އުނިވެއްޖެ

އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށަށް ގޮސް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ލިބޭ ލިސްޓުން އެ ޕާޓީގެ ނަން ފުރަތަމަ ފަހަރަށް އުނިވެއްޖެ އެވެ.

ސަރުކާރުން ފައިސާ ލިބޭ ލިސްޓުން އަދާލަތުޕާޓީ އުނިވެއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

06 ޑިސެމްބަރ 2025

އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށަށް ގޮސް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ލިބޭ ލިސްޓުން އެ ޕާޓީގެ ނަން ފުރަތަމަ ފަހަރަށް އުނިވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ދައުލަތުގެ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު 25 ގެ ނިޔަލަށް 10،000 މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެވެ.

އެއީ؛

- މިހާރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ (68،665 މެމްބަރުން)

- އިދިކޮޅު އެމްޑީޕީ (43،765 މެމްބަރުން)

- ޖުމްހޫރީ ޕާޓީ (13،456 މެމްބަރުން)

- އެމްޑީއޭ 10،300 (މެމްބަރުން)

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އެ ފައިސާ ބަހާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، އެ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެން ކަމަށް ގާނޫނުގައި ވެ އެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުގައި މި އަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަދާލަތު ޕާޓީ އޮތް ނަމަވެސް މިއަދު އީސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ ފައިސާ ލިބޭ ލިސްޓުގައި އެ ޕާޓީ ނުހިމެނެ އެވެ. މި ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔާ އަދި އެންމެ ފަހުން ވެރިކަން ކުރި އެމްޑީޕީއާ އެކު އޭރުގައި އޮތް އަދާލަތު ޕާޓީގައި މިހާރު ތިބީ 8،844 މެމްބަރުންނެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގައި މިވަގުތު ނުވަ ޕާޓީއެއް ރަޖިސްޓަރީ ކޮށްފައި ވެ އެވެ.

އެއީ 10،000 މީހުންނަށް ވުރެ ގިނައިން މެމްބަރުން ހަމަވާ ހަތަރު ޕާޓީގެ އިތުރުން 8،844 މެމްބަރުން ތިބި އަދާލަތު ޕާޓީ އާއި 1،874 މެމްބަރުން ހަމަވާ މޯލްޑިވްސް ލޭބާ އެންޑް ޑިމޮކްރެޓިކް ޕާޓީ އާއި 5،836 މެމްބަރުންނާ އެކު، މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި 3،547 މެމްބަރުން ތިބި ދަ ޑިމޮކްރެޓްސް އަދި 3،046 މެމްބަރުން ހިމެނޭ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުން ފަސް ސިޔާސީ ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކުރި އެވެ. އެއީ އެންމެ މެމްބަރުން ގިނަ ޕީއެންސީ އަށް 13.31 މިލިއަން ރުފިޔާ، ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބި އެމްޑީޕީ އަށް 8.45 މިލިއަން ރުފިޔާ، ޖުމްހޫރީ ޕާޓީ އަށް 2.65 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ތެރެއިން ކޮންމެ ޕާޓީއަކަށް 1.7 މިލިއަން ރުފިޔާ އެވެ.

އީސީން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ފައިސާ ދޫކުރަންޖެހޭ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަހާ ހަމައަށް ތިބި މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ.

އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ އާންމު މެމްބަރުންނަށް އެ ކޮމިޝަންގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ވަގުތުން އެކަން ކުރެވޭ ގޮތް ފަހިކޮށްދީފަ އެވެ. އެހެންވެ، ގާނޫނީ ގޮތުން މަގާމުތަކުގައި ނެތް އެންމެންނަށް ޕާޓީތަކުން ވަކިވުމުގެ ފުރުސަތު އެ މީހެއްގެ އަމިއްލަ އިހުތިޔާރުގެ ދަށުން އަންނަ ޖެނުއަރީ 1 އިން ފެށިގެން ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.