އޭޑީބީގެ އެހީގައި ކުރިއަށް ގެންދަން ނިންމައި ބިޑްކުރި ގޮތުން ހުއްޓިފައި އޮތް ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއު އަލުން ބީލަމަށް ހުޅުވާލުމުން ހަ ކުންފުންޏަކުން ކުރިމަތިލައި މިހާރު އޮތީ ޕްރީ ކޮލިފިކޭޝަން މަރުހަލާގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
12 ސެޕްޓެމްބަރ 2021
އޭޑީބީގެ އެހީގައި ކުރިއަށް ގެންދަން ނިންމައި ބިޑްކުރި ގޮތުން ހުއްޓިފައި އޮތް ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއު އަލުން ބީލަމަށް ހުޅުވާލުމުން ހަ ކުންފުންޏަކުން ކުރިމަތިލައި މިހާރު އޮތީ ޕްރީ ކޮލިފިކޭޝަން މަރުހަލާގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިއީ، އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ހިދުމަތްތައް ޒަމާނީކޮށް ލުއި ފަސޭހަކުރަން އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިން ބީލަމަށް ލައިގެން ހަވާލުކުރީ ޔޫއޭއީގެ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ އެވެ.
ބީލަމުގައި ބައިވެރިވި އެހެން ކުންފުނިތަކުން، ހެއްކާ އެކު، ބުނަމުން އައީ ވެބް ފޮންޓެއިންއާ އެ މަޝްރޫއު ހަވާލުކުރީ އާއްމުކުރި ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފަށް ކަމަށެވެ.
މި މައްސަލަ މާޗް، 2020 ގައި "މިހާރު"ން ރިޕޯޓު ކުރުމުން މަޝްރޫއު ހަވާލުކުރި ގޮތުގެ ރިވިއުއެއް ފިނޭންސް މިނިސްޓްރީން ހެދި އެވެ. އެ މިނިސްޓްރީން އިސްވެ މި ރިވިއު ހެދީ ގޯހެއް ހަދާފައިވާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅަން ކަމަށާއި މިނިސްޓްރީން ބެލިއިރު ވެބްފޮންޓެއިން ޝަރުތު ހަމަވިޔަސް މައްސައަކަށް ދިމާވީ ފިލިޕީންސްގެ ކުންފުނީގެ ނަމުގައި ކުރިމަތިލައި މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޔޫއޭއީގެ ކުންފުނީގެ ލިއުންތައް ހުށަހެޅުން ކަމަށް ބުންޏެވެ.
ވެބްފޮންޓެއިންގެ އެއްބަސްވުން އުވައިލައި އަލުން ބީލަމަށް ހުޅުވާލަން އޭޑީބީން އޮތީ ފިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.
މި މަޝްރޫއު އަލުން ބީލަމަށް ހުޅުވާލީ މިދިޔަ ފެބުއަރީ މަހުގެ ތެރޭގަ އެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކްޓިވް މުހައްމަދު ޝަނޫން "މިހާރު"އަށް ވިދާޅުވީ އެ މަޝްރޫއަށް ކުރިމަތިލި ފަރާތްތަކުގެ އިވެލުއޭޝަން ފަށާފައިވާ ކަމަށެވެ. ޕްރީ ކޮލިފިކޭޝަން މަރުހަލާ އަށް ވުމުން ކުރިމަތިލީ ކުންފުނިތަކުގެ ނަމެއް ވިދާޅެއް ނުވެ އެވެ.
"ޕްރީ ކޮލިފިކޭޝަން މަރުހަލާ ނިމުމުން، ބިޑް ހުށަހަޅަން ފުރުސަތު ހުޅުވާލާނެ،" އޭނާ ވިދާޅުވި އެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް: އަގު ބޮޑު މަޝްރޫއަށް ފަންޑުކުރަން ބޭންކުން އެއްބަސްވީ އަލުން ބީލަމަށް ހުޅުވާލަން ޝަރުތުކޮށް.
މި މަޝްރޫއަށް އަލުން ހުޅުވާލުމުން ކުރިން ކާމިޔާބުކުރި ވެބްފޮންޓެއިން އިން ކުރިމަތިލީ ކަމެއް އަދި ސާފެއް ނުވެ އެވެ.
އެކަމަކު އަގު ބޮޑު މި މަޝްރޫއު ވެބްފޮއިންޓެއިން އިން ކުރިން ހޯދީ ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ރިސާޗު ޔުނިޓެއްގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ޔޫއޭއީގައި ހުންނަ ވެބްފޮންޓެއިން ކުންފުނިން ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތަށެވެ.
ވެބްފޮންޓެއިންގެ މައި އޮފީސް ޔޫއޭއީގެ ދުބާއީގައި ހުންނަ އިރު މަޝްރޫއުތައް ވެސް ހިންގަނީ އެ އޮފީހުންނެވެ. ސިންގަލް ވިންޑޯ މަޝްރޫއަށް ކުރިމަތިލެވޭނެ ގައުމުތަކެއްގެ ކަނޑައަޅައި ފިނޭންސް މިނިސްޓްރީން އާއްމުކުރި ބިޑް ޑޮކިއުމެންޓުގައި 68 ގައުމެއް ލިސްޓްކޮށްފައިވެ އެވެ. އޭގެތެރޭގައި ޔޫއޭއީ ނުހިމެނޭ އިރު ބިޑް ޑޮކިއުމެންޓުގެ 4.2 ވަނަ މާއްދާގައިވާ ގޮތުން، މި ލިސްޓުގައި ނުހިމެނޭ ގައުމަކުން މި ޕްރޮޖެކްޓް ކުރިއަކަށް ނުގެންދެވޭނެ އެވެ.
އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮތެވެ.
ފިނޭންސް މިނިސްޓްރީގެ ބިޑް ޑޮކިއުމެންޓުގައިވާ ގޮތުން ބިޑުގައި ބައިވެރިވާ ކުންފުނިތަކުން މަދުވެގެން ހަތަރު މިލިއަން ޑޮލަރަށް ވުރެ ދަށް ނޫން ދެ މަޝްރޫއު ހިންގާފައި ހުރުމަކީ ވެސް ޝަރުތެކެވެ. އެކަމަކު ފިލިޕީންސްގެ ވެބްފޮންޓެއިންގައި މި ޝަރުތު ހަމައެއް ނުވެ އެވެ. ޔޫއޭއީ ކުންފުނީގެ ލިއުންތައް ހުށަހެޅީ މި ޝަރުތު ބީލަމަށް ހުށަހެޅި ފިލިޕީންސް ކުންފުނީގެ ހަމަނުވާތީ އެވެ.
މި މައްސަލައިގައި ކުންފުނިތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި، މީގެ ކުރިން އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ފިލިޕީންސްގެ ވެބްފޮންޓެއިންގެ ނަމުގައި ކުރިމަތިލީ، ލިސްޓްގައި ހިމެނޭ ގައުމެއްގެ ނަން ބޭނުންކޮށް، ބިޑް ކާމިޔާބު ކުރާށެވެ. ހަމައެކަނި ކަރުދާސް ކުންފުންޏެއްގެ ގޮތުގައި ބެލެވޭ އެ ކުންފުނިން މަޝްރޫއު ނެގިއަސް ހިންގަނީ ދުބާއީގައި ހުންނަ މައި އޮފީހުން ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.
ބީލަމުގައި ބައިވެރިވި އެހެން ކުންފުނިތަކުން ބުނަމުން އައީ ވެބްފޮންޓެއިންއާ އެ މަޝްރޫއު ހަވާލުކުރީ އާއްމުކުރި ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފަށް ކަމަށެވެ.
ފިނޭންސުން ކުރިން ބުނެފައި ވަނީ ގޯސްކޮށް ލިއުން ހުށަހެޅިކަން އިވެލުއޭޝަން ޓީމަށް ފާހަގަނުވީ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްރޫއާ ގުޅޭ ގޮތުން އޭޑީބީން ހަމައެކަނި އަންގާފައި އޮތީ އަލުން ބީލަމަށް ހުޅުވާލައިގެން ބަޔަކާ ހަވާލުކުރުމުން ނޫނީ މަޝްރޫއަށް ފަންޑް ނުކުރެވޭނެ ކަމެވެ. އެއީ ދިމާވި މައްސަލައާ ހުރެ، އޭޑީބީން ފަންޑުކުރުމުގެ ގަވާއިދުގެ ތެރެއަށް ނުފެތޭތީ އެވެ.
ވެބްފޮންޓެއިނާ އެކު ކުރިއަށް ދާ ނަމަ މަޝްރޫއަށް ޚަރަދުކުރަން ޖެހޭނީ ދިވެހި ސަރުކާރުންނެވެ.
އޭޑީބީގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ބޭނުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ އިމްޕޯޓް-އެކްސްޕޯޓް ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމެވެ. ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓާއި އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދެ އެވެ.
ސަރުކާރުން އަމާޒުހިފީ އެ ޕޯޓަލަށް ކަމާ ގުޅޭ ވުޒާރާތައް ގުޅުވާލައި، އިމްޕޯޓް-އެކްސްޕޯޓް ހުއްދަތައް މި އަހަރުގެ ތެރޭގައި އޮންލައިންކޮށް ފޯރުކޮށްދޭން ފެށުމަށެވެ. އެކަމަކު މި ޚިދުމަތް ލަސްވީ ވެބްފޮއިންޓެއިނާ ހަވާލުކުރުމުގައި ދިމާވި މައްސަލައާ ހެދި އެވެ.
ވެބްފޮންޓެއިނާ ހަވާލުކުރުމުގައި ގޯހެއް ނުހަދަން:ފިނޭންސް
100 މިލިއަން ރުފިޔާގެ މަޝްރޫއު އޭޑީބީން ހުއްޓުވައިފި
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އަންގައިފި
ލޯނު ނެގީ މުހިންމު މަޝްރޫއުތަކަށް: ފިނޭންސް
މިދިޔަ އަހަރު 334 މިލިއަން ޑޮލަރުގެ ލޯނު ނެގި!
ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަނީ
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!