Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

17 ޖޫން 2021

ކުރިން މިދިޔަ މަހުގެ 21 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ނިންމި ނަމަވެސް ކޮވިޑް-19 އާ ހެދި ފަސްކުރި ފިލްމު "ތޫފާން" އަންނަ މަހު ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން މިދިޔަ މަހުގެ 21 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ނިންމި ނަމަވެސް ކޮވިޑް-19 އާ ހެދި ފަސްކުރި ފިލްމު "ތޫފާން" އަންނަ މަހު ގެނެސްދޭން ނިންމައިފި އެވެ.

ރާކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ސްޕޯޓްސް ޑްރާމާ އެމެޒޯން ޕްރައިމް އިން ޕްރީމިއާކުރަން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 16 ގަ އެވެ. މި ފިލްމަކީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން އުޅުނު ފިލްމެކެވެ.

"ތޫފާން" އަކީ ފަރުހާން އަޚްތަރު ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެންނާނެ ފިލްމެކެވެ. މީގެ ކާސްޓްގައި މުރްނާލް ތާކޫރާއި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ.

"ތޫފާން" އަކީ 2013 ގެ "ބާގް މިލްކާ ބާގް" އަށް ފަހު ފަރުހާނާއި މެހެރާ އެކީގައި މަސައްކަތްކުރި ދެވަނަ ފިލްމެވެ.

ފަރުހާން އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.

ވިދިޔާގެ "ޝޭރްނީ" ގެ ޕްރޮމޯޝަނަލް ލަވައެއް

ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ވިދިއާ ބާލަންގެ ފިލްމު "ޝޭރްނީ" ގެ ޕްރޮމޯޝަނަލް ލަވައެއް އާންމުކޮށްފި އެވެ.

އޭނާ ފޮރެސްޓް އޮފިސަރެއްގެ ރޯލު ކުޅެފައިވާ މި ފިލްމަކީ 2017 ގައި އިންޑިއާ އިން އޮސްކާ އަށް ފޮނުވި ފިލްމު "ނިއުޓަން" ހެދި އަމިތު މަސޫރްކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ "ޝޭރްނީ" ގައި ވިދިޔާއާ އެކު ކާސްޓްގައި ވިޖޭ ރާޒް، އިލާ އަރޫން، ނީރަޖް ކަބީ، ބްރިޖެންދުރަ ކާލާ، މުކުލް ޗައްޑާ، ޝަރަތު ސަކްސޭނާ އަދި އަޝްވިނީ ލަޑޭކަރް ހިމެނެ އެވެ.

"ޝޭރްނީ" ގެ ޕްރޮމޯޝަނަލް ލަވަ "މޭ ޝޭރްނީ" ގެނެސްދީފައި ވަނީ ގިނަ އަންހެނުންތަކެއް ފެންނަ ގޮތަށެވެ. އުތުކާޝް ދޮޓޭކަރްގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ އަކާސާ އެވެ. މީގެ ރެޕް ބައިތައް ކިޔާފައި ވަނީ ރަފްތާރެވެ.

"ބައިޖާން" ދައްކައިލުން ޖުލައި 1 ގައި

ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ ސަލްމާން ޚާންގެ ފިލްމު "ބައިޖާން" ގެ ފަސްޓްލުކް ޕޯސްޓަރު އަންނަ މަހުގެ 1 އާންމުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސަލްމާންގެ ރަސްމީ ސްޓައިލިސްޓް އޭޝްލީ ރެބެލޯގެ ސްޓައިލްކޮށްގެން ސަލްމާން ފެންނާނީ ޕޯސްޓަރުގައި ހުދު ކުލައިގެ ކުރުތާއަކާއި ޖީންސްއަކާ އެކީގަ އެވެ. އަދި އޭނާ ހުންނާނީ ތުނބުޅި އެއްކޮށް ބާލައި އޮމާންކޮށްފަ އެވެ.

ކުރިން "ކަބީ އީދު ކަބީ ދިވާލީ" ގެ ނަމުގައި އިއުލާންކުރި "ބައިޖާން" އަކީ ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމުގައި ކިޔައިދޭނީ ތިން ބެއެއްގެ ވާހަކަ އެވެ. އަދި މީގެ މައިގަނޑު ޕްލޮޓަކީ ދޮށީ މީހާ ކައިވެނި ނުކޮށް ހުންނާތީ އަނެއް ދެބޭން ކައިވެނިން މަހުރޫމުވެފައިވާތީ ދިމާވާ ހާދިސާތަކެވެ.

"ބައިޖާން" ގެ ކާސްޓްގައި އާޔޫޝް ޝަރުމާ އާއި ޒަހީރު އިގްބާލާއި ޕޫޖާ ހެގްޅޭ ވެސް ހިމެނޭނެ އެވެ.

އާޔޫޝްމަންގެ ފިލްމެއްގެ ޝޫޓިން އެމެރިކާގައި

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޔޫޝްމަން ކްރާނާ ސޮއިކޮށްފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމަކީ އެމެރިކާގައި ޝޫޓްކުރަން ހަމަޖެހިފައިވާ ބޮޑު ބަޖެޓަކުން ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުގެ ނަން އަދި ހާމަނުކުރިޔަސް މީގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ އަނިރުދު އައްޔަރު ގަނަޕަތީ އެވެ. އޭނާ އަކީ އާނަންދު ޑައިރެކްޓްކުރި ޝާހްރުކް ޚާންގެ "ޒީރޯ" އާއި ކަންގަނާ ރަނާވަތުގެ "ތަނޫ ވެޑްސް މަނޫ" ގެ އެސިސްޓަންޓް ޑައިރެކްޓަރެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ އާޔޫޝްގެ އާ ފިލްމުގެ ޝޫޓިން ފަށާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އޭނާ މިހާރު އަންނަނީ އަންނަ މަހުގެ ތެރޭގައި މަދިޔަ ޕްރަދޭޝްގައި "ޑޮކްޓަރު ޖީ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ.

އާނަންދުގެ އާ ފިލްމަކުން އަޔޫޝްމަން އަށް ފުރުސަތު ލިބުނު އިރު، އޭނާގެ ދެ ފިލްމެއް ކުރިން ވެސް ހުނަރުވެރި އެކްޓަރު ކުޅުނެވެ. އެއީ "ޝުބް މަންގަލް ސާވްދާން" އާއި އޭގެ ދެވަނަ ބައި "ޝުބް މަންގަލް ޒާދާ ސާވްދާން" އެވެ.