Roadha Mihaaru
ދަރިން ތަރުބިއްޔަތުކުރަން ކުދިކުދި ބޮޑެތި ކަންތައް

ދަރިން ތަރުބިއްޔަތުކުރަން ކުދިކުދި ބޮޑެތި ކަންތައް

14 ސެޕްޓެމްބަރ 2021

ދަރިން ތަރުބިއްޔަތު ކުރުމަކީ އެކަމަށް ތައްޔާރު ނުވެ ހުރެއްޖެ ނަމަ ވަރަށް ބުރަ ކަމެކެވެ. މި ބުރަކަން ފިލާނީ ދަރިން ބެލުމުގައި ކުރެވޭ ކަންކަން އޭގެ ނަތީޖާއާ އެކު ކުރިން އެނގިފައި އޮވެގެންނެވެ. މި ކިޔައިދެނީ ވިސްނަންވީ ބައެއް ކަންކަމެވެ.

ދަރިން ތަރުބިއްޔަތު ކުރުމަކީ އެކަމަށް ތައްޔާރު ނުވެ ހުރެއްޖެ ނަމަ ވަރަށް ބުރަ ކަމެކެވެ. މި ބުރަކަން ފިލާނީ ދަރިން ބެލުމުގައި ކުރެވޭ ކަންކަން އޭގެ ނަތީޖާއާ އެކު ކުރިން އެނގިފައި އޮވެގެންނެވެ. މި ކިޔައިދެނީ ވިސްނަންވީ ބައެއް ކަންކަމެވެ.

އަމިއްލަ ނަފްސަށް ކުދިން ކުރާ އިތުބާރު

ކުދިން ބޮޑުވަމުން އަންނަ އިރު ބަލާނީ މައިންބަފައިންގެ އަމަލުތަކަށެވެ. އަހަރެމެން ވާހަކަ ދައްކާ ރާގުތަކާއި ވާހަކަ ދައްކާއިރު ގެންގުޅޭ ބަސްތަކާއި މޫނުމަތިން ދައްކާ އެކްސްޕްރެޝަންސްތައް ކުދިން ވަރަށް ބޮޑަށް ފާހަގަކުރާނެ އެވެ. އަހަރެމެންގެ ބަހާއި އަމަލުތައް ރަނގަޅުކުރި ވަރަކަށް ކުދިންނަށް އޭގެ ހެޔޮ އަސަރު ކުރާނެ އެވެ. ހުރިހާ ވެސް ނުބައިއެއްގެ ފެށުމަކަށް ވަނީ އަހަރެމެންނަށް ބުނެވޭ ނޭއްގާނީ ބަސްތަކެވެ. ކުދިންނާ ދޭތެރޭ އަމަލު ކުރެވޭ ގޮތެވެ.

ކުދިން ކުރާ ކިތަންމެ ކުޑަ ރަނގަޅު ކަމެއްގައި ވެސް އެކަން ފާހަގަކޮށް ތައުރީފްކުރަންވާނެ އެވެ. އަދި ބައެއް ކަންކަން އަމިއްލަ އަށް ކުރަން ދޫކޮށްލުމުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވާނެ އެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކާ އަޅާކިޔުން ވާނީ ކުދިންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމަކަށެވެ. މިއީ އެއްގޮތަކަށް ވެސް ކޮންގެން ވާނެ ކަމެއް ނޫނެވެ.

ކުދިންނާ ދިމާލަށް ބުނެލާ ބައެއް ބަސް ބަހުން ވެސް ކުދިންގެ ހިތްމަރުވެ އެވެ. ކުއްޖަކު ކުރާ ކަމަކުން އެއީ ހާދަ މޮޔަކަމެކޭ ބުނުން ފަދަ ބަސްތައް ބުނުން ހުއްޓާލަންޖެހެ އެވެ. ކުދިންނާ ދިމާލަށް ބުނާ ބަހަކީ ކިހާ ވަރެއްގެ އެއްޗެއްކަން އަމިއްލަ އަށް ވިސްނާލަން ވާނެ އެވެ. އަބަދުވެސް ކުދިންނަށް ވިސްނައިދޭން ޖެހޭނީ އެކުދިންނަށް ވެސް ކުށް ކުރެވޭނެ ކަމެވެ. ކުށެއް ކުރެވިއްޖެ ނަމަ ދެން އެކަން ރަނގަޅު ކުރާނެ ގޮތް ބުނެދޭން ޖެހެ އެވެ.

ކުދިންގެ ކުރާ ރަނގަޅު ކަންކަން ފާހަގަކުރުން

ކުދިން ކުރާ ރަނގަޅު ކަންކަމަށް ވުރެ ގިނައިން އެ ކުދިން ކުރާ ގޯސް ކަންކަން ފާހަގަ ކުރެވޭ ފަހަރު ގިނަ އެވެ. އަހަރެމެން މަސައްކަތްކުރާ މާހައުލުން މިސާލު ނަގަމާ ހިނގާށެވެ. ވަޒީފާގައި އަހަރެމެން ކުރާ ގޯސް ކަންކަން ފާހަގަކުރާ ވެރިޔަކު ހުންނަ ނަމަ ހިތްހަމަ ޖެހޭނެ ހެއްޔެވެ؟ އެއީ އަދި ބޮސްގެ ނިޔަތް ކިތަންމެ ރަނގަޅު ކަމުގައި ވިޔަސް މެ އެވެ. މިކަހަލަ ކަންކަން ކުރާއިރު، އަމިއްލަ ނަފްސަށް ވެސް ނިސްބަތް ކޮށްލާށެވެ. އޭރަށް ކަންކަން އަމިއްލަ އަށް ވެސް ރަނގަޅު ކުރެވޭނެ އެވެ.

ކުދިން ކުރާ ރަނގަޅު ކަންކަމަށް ހިތްވަރުދިނުމުގެ ގޮތުން ތައުރީފުކޮށްލާށެވެ. މިސާލަކަށް، ނިދާ ހޭލާފައި، މަންމަ ނުބުނަނީސް އަމިއްލަ އަށް ތަންމަތި އަޅާތަން ފެނިއްޖެ ނަމަ އެކަމަށް ހިތްވަރުދީ ތައުރީފުގެ ބަސްތައް ބުނާށެވެ. ބަދަލެއްގެ ގޮތުން އެކުދިންނަށް ހަދިޔާއެއް ދިނުން ވެސް އެއީ ކުރެވިދާނެ ކަންކަމެވެ.

ވަކި އިންތަކެއް ކަނޑައެޅުން

ކޮންމެ ގެއެއްގައި ވެސް އެންމެ މުހިއްމުވާނީ އަދަބު އަހުލާގެވެ. ނަފްސު ކޮންޓްރޯލް ކުރުމާއި ރަނގަޅު އަހުލާގެއް ކުދިންގެ ގައިގައި އަށެގެންނެވުމަށް، އިހުތިރާމް ކުރަން ދަސްކޮށްދޭން ޖެހެ އެވެ.

ކުދިން ހެދިބޮޑުވަމުން އަންނަ އިރު، ގޭތެރޭގައި ވަކި ހާއްސަ ގަވައިދުތަކެއް އޮތުމަކީ މުހިއްމު ކަމެކެވެ. ހޯމްވޯކް ހަދާ ނުނިމެނީސް ޓީވީ ބެލުމަށް ހުއްދަ ނުދިނުން ފަދަ ކަންކަމެވެ. މިކަމުން ކުދިންނަށް އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ދަސްވެ އަދި ކަންކަމުގައި އުންމީދުކުރަންވީ މިންވަރު އެނގޭނެ އެވެ.

ކުދިންނަށް ވަގުތު ހުސްކުރުން

މިއީ ކުރަން ޖެހޭ، އެކަމަކު އަހަރެމެންނަށް ނުކޮށް ދޫކޮށްލެވޭ އެންމެ މުހިއްމު އެއް ކަންތަކެވެ. ކުދިންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކަށް ވާނީ އެކުދިންނާ އެކު މައިންބަފައިން ވަގުތު ހޭދަކުރުމެވެ. ދުވަހުގެ ކޮންމެސް ވަގުތުކޮޅެއް ދަރިންނާ އެކު ހޭދަކުރަން ވާނެ އެވެ. އޮފީހަށްދާ ނަމަ، އާންމުކޮށް އޮފީހަށް ދާން ތެދުވާ ގަޑީގެ ކުރިން ތެދުވެ ކުދިންނާ އެކު ހެނދުނުގެ ސައި ބޯލުން ކަހަލަ ކަމަކުން ވެސް ވަގުތުކޮޅެއް ދެވިދާނެ އެވެ.

ކުދިންނާ އެކު ވަގުތު ހޭދަކުރުމަށް ހަފުތާއެއްގެ ކޮންމެވެސް އެއް ރެއެއް ހާއްސަކުރާށެވެ. އަދި އެ ރެއެއްގައި ކަންކަން ކުރަންވީ ގޮތް ކުދިންނަށް ދޫކޮށްލާށެވެ. ހަމަ އެގޮތަށް، ކުދިންގެ ލަންޗްބޮކްސްގައި ލޯބި ނޯޓްކޮޅެއް ތަތްކޮށްލުމުން ވެސް ކުދިން އުފާވާނެ އެވެ.

ކުދިންގެ ކުރިމަތީ ނަމޫނާ ބަޔަކަށް ވުން

ކުދިންގެ އުޅުން އެންމެ ބޮޑަށް ބައްޓަން ކުރަނީ މައިންބަފައިންގެ އުޅުން ހުންނަ ގޮތް ބަލައިގެންނެވެ. މައިންބަފައިން ވާނީ އަބަދުވެސް އެ ކުދިން ރޯލް މޮޑެލްއަށެވެ. އަހަރެމެން ކުރާ ކޮންމެ ކަމަކީ ވެސް ކުދިން ކޮޕީ ކުރާނެ ކަންކަން އެނގެން ޖެހެ އެވެ. ހިތްހަމަނުޖެހޭ ކަންކަމާ އެކު، އަތް އިސްކުރާ ކުދިންނަކީ އާއިލާ ތެރެއިން އެފަދަ ކަންކަން ފެންނަ ކުދިން ކަމަށް ބުނާ ދިރާސާތައް ވެސް އެބަހުއްޓެވެ.