Roadha Mihaaru
ބައްޕަ އަށް ސީޕީއާރް ދިން ކުއްޖަކަށް އެވޯޑެއް

ހާޓްއެޓޭކެއް ޖެހުނު ބައްޕަ އަށް ސީޕީއާރް ދިން ކުއްޖަކަށް ގައުމީ އެވޯޑެއް

10 އޮކްޓޯބަރ 2021

މި އަހަރުގެ ކުރީކޮޅު ހާޓްއެޓޭކެއް ޖެހިގެން މަރުގެ ތުންފަތް މައްޗަށް ވެއްޓުނު ބައްޕަގެ ފުރާނަ ސަލާމަތް ކުރަން 13 އަހަރުގެ ފިރިހެން ކުއްޖަކު ކުރި މަސައްކަތް ފާހަގަކޮށް ގައުމީ ފެންވަރުގެ އެވޯޑެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު ހާޓްއެޓޭކެއް ޖެހިގެން މަރުގެ ތުންފަތް މައްޗަށް ވެއްޓުނު ބައްޕަގެ ފުރާނަ ސަލާމަތް ކުރަން 13 އަހަރުގެ ފިރިހެން ކުއްޖަކު ކުރި މަސައްކަތް ފާހަގަކޮށް ގައުމީ ފެންވަރުގެ އެވޯޑެއް ދީފި އެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަން (ބީއެޗްއެފް) ގެ ވާޗްއަލް ހާޓް ހީރޯ އެވޯޑްސް ހެންރީ ކޮލެޓަށް މިދިޔަ މަހުގެ 29 ގައި ދިނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި އޭނާގެ ބައްޕަ ޖޫލެޒް ކޮލެޓް، 56، އަށް ކުއްލި ގޮތަކަށް ހާޓްއެޓޭކެއް ޖެހުމާ އެކު، އަވަސް ފަރުވާ އަށް އިމަޖެންސީ ނަމްބަރު 999 އަށް ގުޅައި، އެމްބިއުލާންސް އަންނަންދެން ބައްޕަށް ސީޕީއާރް ދިނުމާ ގުޅިގެންނެވެ.

ހެންރީ ބުނި ގޮތުގައި އޭނާ އަށް އެކަން ދަސްވެފައި އޮތީ ސްކޫލް ކެޑޭޓްގެ ހަރަކާތްތަކުގެ ތެރެއިންނެވެ. އޭނާ ބުނީ ސީޕީއާރް ދޭން އެނގިފައި ނެތް ނަމަ، އެ ދުވަހު ބައްޕަ އާއިލާއާ ވަކިވީސް ކަމަށެވެ. ޖޫލެޒްއާ އަށް ހާޓްއެޓޭކެއް ޖެހުނީ ދަރިފުޅާ އެކު ދުވަން ނުކުމެ، އުސް ފަރުބަދައެއްގެ މައްޗަށް އަރަން އުޅުމުގެ ތެރޭގަ އެވެ.

"ވަކި ހިސާބަކުން ބައްޕަ ބުނި ރަނގަޅެއް ނޫނޭ. ނޭވާލާން ވެސް އުނދަގޫވެއޭ. އެ ވާހަކަ ބުނިތާ މާ ގިނަ އިރެއް ނުވަނީސް ބައްޕަ ވެއްޓުނީ،" ހެންރީ ބުންޏެވެ. "ދެން ފެނުނީ ވަރަށް އާދަޔާ ހިލާފު ގޮތަކަށް ފުން ނޭވާތަކެއް ލާން ފެށި ތަން. ދެން ވަގުތު ބައްޕަގެ ފޯނު ޖީބުން ނަގާފައި އެމްބިއުލާންސަށް ގުޅައި، އަހަރެން ބައްޕަ ސީޕީއާރް ދޭން ފެށީ."

ބައްޕައާ އެކު ހެންރީ.

ބައްޕައާ އެކު ހެންރީ.

ނަމަވެސް އެމްބިއުލާންސަށް ދެވުމުގެ ކުރިން އެހެން މީހަކަށް ހެންރީ އާއި އޭނާގެ ބައްޕަ ފެނިގެން ކައިރި ހިސާބެއްގައި ހުރި ރަގްބީ ކުލަބަކަށް ގެންގޮސް އެތަނުގައި ޑިފިބްރިލޭޓާ ބޭނުންކުރީ އެވެ. އޭގެ ފަހުން އޭނާ ހޮސްޕިޓަލަށް ގެންދެވި ފަރުވާން ދޭން ފެށީ އެވެ.

"މިހާރު އަހަރެން ދުނިޔޭގައި މި ހުރީ ހަމަ ދަރިފުޅުގެ ސަބަބުން. އެ ދުވަހު ހެންރީ އަހަންނަށް ސީޕީއާރް ނުދިން ނަމަ މަރުވީސް،" ޖޫލެޒް ބުންޏެވެ. "ފަހުރުވެރިވަން އަހަރެންގެ ފުރާނަ ސަލާމަތް ކުރަން ދަރިފުޅު ކުރި މަސައްކަތަށްޓަކައި."

ފުރާނައެއް ސަލާމަތް ކުރަން ފުރާވަރުގެ ކުއްޖާ ކުރި މަސައްކަތާ ބެހޭ ގޮތުން ބީއެޗްއެފްގެ ޗީފް އެގްޒެކެޓިވް ޑރ. ޗާމައިން ގްރިފިތުސް ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް ހެންރީ ކަހަލަ މީހަކަށް ވާން ޖެހޭ ކަމަށެވެ.

"މި ހާދިސާ އިން ހާމަކޮށް ދިން އެންމެ މުހިއްމު ކަމަކީ ސީޕީއާރަކީ ކޮންމެ މީހަކަށް ވެސް އެނގިފައި އޮތުން ކިހާ މުހިއްމު ކަމެއްކަން،" އޭނާ ވިދާޅުވި އެވެ. "މިފަދަ ހާދިސާއެއް ދިމާވާ ދަނޑިވަޅެއްގައި ފުރާނައެއް ސަލާމަތް ކުރެވޭނެ އެންމެ އަވަސް ގޮތަކީ ވެސް އެއީ. ވަރަށް އުފާކުރަން އަދި އަހަރެމެން ވަރަށް ފަހުރުވެރި ވެސް ވަން ރަނގަޅު ދަނޑިވަޅުގައި އެނގިފައި ހުރި އެއްޗެއްގެ ބޭނުން ހިފަން ހެންރީ ކުރި މަސައްކަތަށްޓަކައި. އޭނާ އަށް އެވޯޑް ވަރަށް ހައްގު."