Roadha Mihaaru
އަތްއިސްކޮށްގެން ކުދިންގެ އުޅުން ރަނގަޅުނުވެ ވަނީ ގޯސް

އަތްއިސްކޮށްގެން ކުދިންގެ އުޅުން ރަނގަޅުނުވެ ވަނީ ގޯސް

05 އޮކްޓޯބަރ 2021

ކުދިންގެ އުޅުން ރަނގަޅު ކުރުމަށް އެ ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށް އަދަބު ދިނުމަކުން އުޅުމަށް އަންނަ ހެޔޮ އެއްވެސް ބަދަލެއް ނެތް ކަމަށާއި އެކަމަކު އުޅުން ވާނީ ގޯސް ކަމަށް "ދަ ލާންސިޓް" ގައި ޝާއިއުކުރި އާ ދިރާސާއެއްގައި ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ކުދިންގެ އުޅުން ރަނގަޅު ކުރުމަށް އެ ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށް އަދަބު ދިނުމަކުން އުޅުމަށް އަންނަ ހެޔޮ އެއްވެސް ބަދަލެއް ނެތް ކަމަށާއި އެކަމަކު އުޅުން ވާނީ ގޯސް ކަމަށް "ދަ ލާންސިޓް" ގައި ޝާއިއުކުރި އާ ދިރާސާއެއްގައި ބުނެފި އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި ކުދިންގެ ގައިގައި ޖެހުމާއި އަނިޔާކުރުމުން ކުދިންގެ ހެދިބޮޑުވުމަށް ވެސް ނޭދެވޭ އަސަރުކުރެ އެވެ.

"ބެލެނިވެރިންނަށް ހީވަނީ ކުދިންގެ ގައިގައި ޖެހުމުން އެ ކުދިންގެ އުޅުން ރަނގަޅު ވާނެ ކަމަށް،" ދިރާސާގައި މަސައްކަތްކުރެއްވި، ޔުނިވަސިޓީ އޮފް ޓެކްސަސްގެ ހިއުމަން ޑިވެލޮޕްމަންޓް ޕްރޮފެސަރު އެލިޒަބަތު ޖާޝޮފް ސީއެންއެން އަށް ވިދާޅުވެފައިވެ އެވެ. "އަޅުގަނޑުމެންގެ ދިރާސާއިން ވަރަށް ސާފުކޮށް އެނގުނީ ކުދިންނަށް ދޭ ޖިސްމާނީ އަނިޔާއިން ކުދިންގެ އުޅުން ރަނގަޅުވުމުގެ ބަދަލުގައި ވަނީ ގޯސް ކަމަށް."

މި ދިރާސާ ކުރުމަށް ޖޯޝަފްއާ އެކު 69 މީހަކު ބައިވެރިވި އެވެ. އަދި 60 ގައުމެއްގައި ދިރާސާ ކުރިއަށް ގެންދިޔަ އެވެ. އޭގެތެރޭގައި އެމެރިކާ، އިގިރޭސިވިލާތް، ކެނެޑާ، ޗައިނާ، ކޮލަމްބިއާ، ގްރީސް، ޖަޕާން، ސްވިޓްޒަލޭންޑް އަދި ތުރުކީ ހިމެނެ އެވެ. އެމީހުން ބޮޑަށް ބެލީ ކުދިން ބަސްނޭހުމުން އެ ކުދިންނަށް ދޭ ޖިސްމާނީ ބޮޑެތި އަނިޔާ އާއި ބާރަށް އެއްޗެހި ބުނުމަށް ވުރެ، ކުދިންގެ ގައިގައި ޖަހާ ޖެހުމަށެވެ.

މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން، ކުދިންގެ ގައިގައި ޖެހުމަކީ ރަނގަޅު ނަތީޖާ އާއި ގޯސް ނަތީޖާ ވެސް އެކުލެވޭ ކަމެއްގެ ގޮތުގައި ދައްކާފައިވެ އެވެ. އެކަމަކު ގިނަ ދިރާސާތަކުން ދައްކާފައި ވަނީ ރަނގަޅު ނަތީޖާއަށް ވުރެ ބޮޑަށް ނުކުންނަނީ ނޭދެވޭ ނަތީޖާ ކަމަށެވެ.

ކަންކަމުގައި ގޮތްދޫނުކުރުމާއި މީހުންނާ އެކަހެރިވުމާއި ސްކޫލުގައި ޓީޗަރުންނަށް ކޮންޓްރޯލް ކުރަން އުނދަގޫވުން ފަދަ ސިފަތައް، ޖިސްމާނީ އަދަބު ލިބޭ ކުދިންގެ ފަރާތުން ފެންނަކަން ދިރާސާތަކުން އެނގެ އެވެ.

އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް ކުދިންނަށް ޖިސްމާނީ އަދަބު ދިނުން ހުއްދަ އެވެ. ކޮށްފައެވެ. އަދި 19 ސްޓޭޓެއްގެ ސްކޫލުތަކުގައި ވެސް މިފަދަ އަދަބުތައް ހުއްދަ ކަމަށް ސީއެންއެން އިން ބުނެފައިވެ އެވެ. އެކަމަކު ދިރާސާއިން ދައްކަނީ މިކަން މުޅި އެމެރިކާގައި ވެސް މަދުވަމުން އަންނަ ކަމަށެވެ.

އަދަބު ދިނުމުގެ ގޮތުން ކުދިންނަށް އަނިޔާކުރުމާއި ލަދުގަންނަވަލުމާއި ބިރުދެއްކުން ފަދަ ކަންކަން ކުރުމުގެ ބަދަލުގައި އެ ކުދިންގެ ކުޅެން ގެންގުޅޭ އެއްޗެހި ވަކި ވަގުތެއް ވަންދެން ފޮރުވުމާއި ޓީވީ ބަލާ ގަޑިތައް މަދުކުރުން ކަހަލަ ކަންކަން ކުރުމަށް އެމެރިކަން އެކަޑަމީ އޮފް ޕީޑިއޭޓްރިކްސް އިން ލަފާދެ އެވެ. ކުދިންނަށް ޖިސްމާނީ އަދަބު ދޭ ނަމަ އެ ކުދިން ޑިޕްރެޝަނަށް ދިއުން ފަދަ ކަންކަމާ ކުރިމަތިވާ ކަމަށް ވެސް އެތަނުން ބުނެފައިވެ އެވެ. -- ވެބްއެމްޑީ