Roadha Mihaaru
އަހަރެންގެ ދަރިން ޑްރަގްސް ބޭނުމެއް ނުކުރާނެ: ސަތަރޭ

އަހަރެންގެ ދަރިން މަސްތުވާތަކެތި ބޭނުމެއް ނުކުރާނެ: ސަތަރޭ

01 ނޮވެމްބަރ 2021

އަމިއްލަ ދަރިން ބޮޑެތި ކޮށްފައި ވަނީ ވަރަށް ރަނގަޅު ތަރުބިއްޔަތެއްގެ ތެރެއިން ކަމަށާއި އެހެންވެ ދުވަހަކު ވެސް އެއިން ކުއްޖަކު މަސްތުވާތަކެއްޗާ ގާތް ނުވާނެ ކަމަށް ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝަތުރަގަން ސިންހާ (ސަތަތޭ) ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމިއްލަ ދަރިން ބޮޑެތި ކޮށްފައި ވަނީ ވަރަށް ރަނގަޅު ތަރުބިއްޔަތެއްގެ ތެރެއިން ކަމަށާއި އެހެންވެ ދުވަހަކު ވެސް އެއިން ކުއްޖަކު މަސްތުވާތަކެއްޗާ ގާތް ނުވާނެ ކަމަށް ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝަތުރަގަން ސިންހާ (ސަތަތޭ) ބުނެފި އެވެ.

ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން، 23، މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު ހާދިސާ އަށް އިޝާރާތްކޮށް، އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ސަތަރޭ ބުނީ ދަރިން ނުބައި ގޯޅި އަޅަނީ މައިންފައިންނަށް ބައެއް ފަހަރު ކަންތައްތައް ކުރެވޭ ގޮތުގެ ސަބަބުން ކަމަށެވެ. އެހެންވެ ދަރިންގެ ކަންކަމުގަައި އަބަދު ވެސް މައިންބަފައިން ފުރިހަމަ އަށް ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުންޏެވެ.

"އަހަންނަށް ވަރަށް ފަހުރުވެރިކަމާ އެކު ބުނަން ކެރިދާނެ ދަރިން ތަރުބިއްޔަތު ކުރީ ނަމޫނާ ދައްކައިގެން ވަރަށް ރަނގަޅަށޭ. އެހެންވީމަ އަހަންނަށް އަބަދު ވެސް ޔަގީން އިވޭ ދަރިޔަކު ގޯސް މަގަކުން ނުދާނެކަން. ވަކިން ހާއްސަކޮށް މަސްތުވާތަކެެއްޗާ އަހަރެންގެ ދަރިޔަކު ދުވަހަކު ވެސް ގާތެއް ނުވާނެ. އަދި ދުވަހަކު އަހަރެންގެ ދަރިޔަކާ ބެހޭ ގޮތުން ގޯސް އެއްވެސް އަޑެއް އަރާފައެއް ވެސް ނޯންނާނެ. އެއީ ވަރަށް އުފާވާ ކަމެއް،" ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕަ ބުންޏެވެ. "ޚުދު އަހަންނަކީ މަސްތުވާތަކެއްޗާއި ދުންފަތާ ދެކޮޅަށް ކެމްޕޭން ވެސް ކުރާ މީހެއް. އެހެންވީމަ އެއިން އެއްޗެއްހައި އަހަރެންގެ ދަރިޔަކު ޖެހުމަކީ ނުވާނެ ކަމެއް."

ސޮނާކްޝީގެ އިތުރުން ސަތަރޭގެ ތިބެނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. އެއީ ސޮނާކްޝީ އަށް ވުރެ ދޮށި ލަވް އާއި ހުޝް ސިންހާ އެވެ.

ދަރިންނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަތަރޭ ބުނި ގޮތުގައި ދަރިން ބެލުމަކީ އެއް އިރެއްގައި ވެސް މައިންބަފައިންނަށް ފަސޭހަ ކަމެއް ނޫނެވެ. އަދި ކޮންމެ ޒަމާނެއްގައި ވެސް ދަރިން ބަލައި ބޮޑުކުރުމުގައި މައިންބަފައިންނަށް ގޮންޖެހުންތަކާ ކުރިމަތިޔަސް، ދަރިން މަގުން ކައްސާލައިގެން ދިޔަ ނުދިނުމަށްޓަކައި މައިންބަފައިން އަބަދު ވެސް ގާތުން ކަންކަން ބަލަން ޖެހޭ ކަމަށް ބުންޏެވެ.

"ދަރިންނަށް ވާނުވާ، އުޅޭ ނޫޅޭ ގޮތް މައިންބަފައިންނަށް ބެލެން ވާނެ. އެ މީހުންނަށް ގައިޑްނުކޮށް ދެވޭ ކަމަށް ވަންޏާ އަދި މާ ބޮޑަށް ދޫކޮށްލެވި ހައްދެއް ނެތް ގޮތަށް މިނިވަންކަން ދީފި ނަމަ ދަރިން ވާނީ ހަލާކު،" ސަތަރޭ ބުންޏެވެ. "ފަހަކަށް އައިސް މައިންބަފައިންގެ ފަރާތުން ފެންނަ އެންމެ ބޮޑު އިހުމާލަކީ ވެސް އެއީ."

އޭނާ ބުނީ ދަރިން ގޯސް ކަންކަން ކުރާ ނަމަ އެކަމުގެ އިނގިލި މައިންބައިންނާ ދިމާއަށް ދިއްކުރެވޭނެ ކަމަށާއި އެކަމުން އެނގެނީ ތަރުބިއްޔަތު ކުރުމުގައި ވެސް އިހުމާލުވުންތަކެއް ހުރިކަން ކަމަށެވެ.

އަރިއަންގެ ކޭހާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަތަރޭ ބުނީ ކުށެއްގައި ބެދޭ ކޮންމެ މީހަކީ އަދި ކުށްވެރިއެއް ކަމަށް ނިންމައިގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް އިންސާފު ހައްގުވާނެ ކަމަށް ކުރިން ސަރުކާރުގައި މިނިސްޓަރު ފެންވަރުގެ މަގާމުތަކެއް ވެސް ކުރި 75 އަހަރުގެ އެކްޓަރު ބުންޏެވެ.