Roadha Mihaaru
ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފަށައިފި

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފަށައިފި

01 ޑިސެމްބަރ 2016

ސްރީ ލަންކާގެ ގައުމީ އެއާލައިން ސްރީ ލަންކަން އިން ކޮލޮމްބޯ އާއި އައްޑޫގެ ގަމާ ދެމެދު މިއަދު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްރީ ލަންކާގެ ގައުމީ އެއާލައިން ސްރީ ލަންކަން އިން ކޮލޮމްބޯ އާއި އައްޑޫގެ ގަމާ ދެމެދު މިއަދު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓް ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ހެނދުނު 8:15 ގަ އެވެ.

ރަސްމީކޮށް ގަމާއި ލަންކާއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމާ ގުޅިގެން، އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި ބޭއްވި ރަސްމިއްޔާތުގައި ސްރީ ލަންކަން އެއާލައިންސްގެ އިސް ވެރިންނާއި އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަނާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ މެމްބަރު އިބްރާހީމްދީދީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރްގެ އިތުރުން އައްޑޫގެ އެކި އޮފީސްތަކުގެ ވެރިންނާއި އައްޑޫގައި ތިބި ސްރީލަންކަން އެއާލައިންސްގެ އެޖެންޓުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ސްރީ ލަންކަން އެއާލައިންސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކެޕްޓަން ސްރެން ރަޓްވަޑޭ ވިދާޅުވީ ގަމާއި ކޮލޮމްބޯއާ ދެމެދު ދަތުރުތައް ފެށުމަކީ އެ އެއާލައިން ދެކެމުން އައި ހުވަފަނެއް ހަގީގަތަކަށް ވުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އެއާލައިނުން މަސައްކަތްކުރާނީ މި ސެކްޓަރުގައި ވެސް ފުރިހަމަ ހިދުމަތެއް ދޭށެވެ. މިއީ އަދި ފެށުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންކާ އާއި ގަމާ ދެމެދު ސްރީ ލަންކަންގެ ދަތުރުތައް ފަށަން އޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް (އިނަ މޯލްޑިވްސް ފިރާގް) ކުރެއްވި މަސައްކަތްތަކަށް ރަޓްވަޑޭ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ސްރީ ލަންކަންގެ ދަތުރުތައް މިފެށީ ބައެއް ހުރަސްތައް ކުރިމަތިވުމަށް ފަހު އެވެ.

ގަން އެއާޕޯޓަށް ސްރީ ލަންކަން އެެއާލައިންސްގެ ދަތުރުތައް ފެށުމުގެ ހަފުލާގައި ކަމާ ގުޅޭ އެކި ބޭފުޅުން ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަދުޝަން

ގަން އެއާޕޯޓަށް ސްރީ ލަންކަން އެެއާލައިންސްގެ ދަތުރުތައް ފެށުމުގެ ހަފުލާގައި ކަމާ ގުޅޭ އެކި ބޭފުޅުން ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަދުޝަން

އޭނާ ވިދާޅުވީ ގަމަށް ދަތުރުތައް ފެށުމަކީ ސްރީ ލަންކަންގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. އެހެންވެ އާންމުން އިތުބާރުކުރާ، އަދި ދިވެހި ރައްޔިތުންނަށް ވީހާ ވެސް ފަސޭހަކޮށް އެ އެއާލައިންގެ ހިދުމަތްތައް ދޭން މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ލިރާރް ވިދާޅުވީ ސްރީލަންކަން އެއާލައިންގެ ދަތުރުތައް ރާއްޖޭގެ އިތުރު އިންޓަނޭޝަނަލް އެއާޕޯޓަކަށް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށެވެ.

ހާއްސަކޮށް ދެކުނުގެ ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލިރާރް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އަބަދުވެސް ދަތުރުފަތުރާއި ޓޫރިޒަމް ދާއިރާ ފުޅާކުރަން ބޮޑު އިސްކަމެއް އަންނަނީ ދެމުންނެވެ. އަދި މިއީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުކުރަން ހުޅުވޭ އާ ދޮރެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތުރުފަތުރުގެ މި ހިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރަން ސަރުކާރުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވީ ގަން އެއާޕޯޓަކީ ކުރިމަގު ވަރަށް އުޖާލާ އެއާޕޯޓެއް ކަމަށެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެެއްކޮށް ނިމިގެން އަންނަ އިރު، އެތަނުން ވަރަށް ފުރިހަމަ އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިބްތިޝާމް ވިދާޅުވީ ގަމަށް ދަތުރުތައް ފެށުމާ ބެހޭ ގޮތުން ބޭރުގެ އިތުރު އެއާލައިންތަކާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ގަން އެއާޕޯޓުން ކޮލަމްބޯ އަށް މިއަދު ދަތުރުކުރާ ފުރަތަމަ ފްލައިޓް ވަނީ ފުލްވެފަ އެވެ. މި ދަތުރުގައި އައްޑޫގެ އިތުރުން ކައިރި ބައެއް އަތޮޅުތަކުގެ މީހުން ވެސް ބައިވެރިވެ އެވެ.

ގަން އެއާޕޯޓަށް ސްރީ ލަންކަން އެެއާލައިންސްގެ ދަތުރުތައް ފެށުމުގެ ހަފުލާގައި ކޭކެއް ފަޅަނީ --ފޮޓޯ: އަހުމަދު އަދުޝަން

ގަން އެއާޕޯޓަށް ސްރީ ލަންކަން އެެއާލައިންސްގެ ދަތުރުތައް ފެށުމުގެ ހަފުލާގައި ކޭކެއް ފަޅަނީ --ފޮޓޯ: އަހުމަދު އަދުޝަން

ފުރަތަމަ ދަތުރުގައި ބައިވެރިވާ ބައެއް މީހުން ބުނީ މިއީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި މިއީ ގިނަ ދުވަސް ވީ އުއްމީދެއް ހަގީގަތަކަށް ވުން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

"އަހަރެމެން އުންމީދު ކުރަން މިކަން ނުހުއްޓި ކުރިއަށް ދާނެ ކަމަށް. އެ އުންމީދުގައި މި ތިބީ،" ދަތުރުގައި ބައިވެރިވާ މަރަދޫ މީހަކު ބުންޏެވެ.

"އަމިއްލަ އަތޮޅުން ސީދާ ރާއްޖޭން ބޭރަށް ފުރައިގެން ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރެވޭތާ ލައްކަ ދުވަސް ވެއްޖެ."

ސްރީ ލަންކަން އެއާލައިންސުން ގަމާއި ކޮލަމްބޯއާ ދެމެދު ހަފުތާއަކު ހަތަރު ފްލައިޓް ބާއްވާނެ އެވެ. އެއީ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި ހޯމަ ދުވަހު އެވެ.

ދެކޮޅު ޓިކެޓެއްގެ އަގަކީ 342 ޑޮލަރެވެ. މިދިޔަ މަހުގެ ނިޔަލަށް ޓިކެޓް ވިއްކީ ދެކޮޅަށް 280 ޑޮލަރަށެވެ.